އެސްޓީއޯއިން ބުނީ، މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް ފަސްދޮޅަސް ފަސް ރުފިޔާ ދޭން ނިންމާފައިވަނީ، ބުރާސްފަތި ދުވަހު އޮތް އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުން ކަމަށެވެ. އެސްޓީއޯގެ ބޯޑުން ފައިދާގެ ގޮތުގައި ފަސްދޮޅަސް ފަސް ރުފިޔާ ބަހަން ނިންމި ނަމަވެސް މިކަން ރަސްމީކޮށް ފާސްވާނީ، އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާއަކުންނެވެ.
އެސްޓީއޯއިން މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް ފަސްދޮޅަސް ފަސް ރުފިޔާ ދޭން ނިންމިއިރު، އޭނގެ ކުރީ އަހަރު ހިއްސާއަކަށް ދީފައިވަނީ ފަސްދޮޅަސް ރުފިޔާއެވެ. ދެހާސް ނަވާރަވަނަ އަހަރު އެސްޓީއޯއިން ހިއްސާއަކަށް ބަހާފައިވަނީ ފަންސާސް އަށް ރުފިޔާއެވެ.