ads
އޭއެފްސީކަޕް: މާޒިޔާއާ ދެކޮޅަށް ކުޅެން އަބަހާނީ މާލެ އަތުވެއްޖެ
އޭއެފްސީ ކަޕް ކޮލިފައިންގައި ރާއްޖޭގެ މާޒިޔާއާ ދެކޮޅަށް ކުޅެން، ބަންގްލަދޭޝްގެ އަބަހާނީ ލިމިޓެޑް މިރޭ މާލެ އަތުވެއްޖެއެވެ.

 އަބަހާނީ ލިމިޓެޑް މާލެއައީ މެޑްރާސް މަގުން، މޯލްޑިވިއަންގެ ފްލައިޓެއްގައެވެ. މި ޓީމުގެ ފުރަތަމަ ފަރިތަކުރުންތައް މާދަމާ އޮންނާނެއެވެ. އަދި އަންގާރަ ދުވަހު ރަސްމީ ފަރިތަކުރުންތައް ރަސްމީ ބޯޅަ ދަނޑުގައި އޮންނާނެއެވެ. މާޒިޔާއާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ ބުދަ ދުވަހު ހަވީރުއެވެ.

އަމިއްލަ ދަނޑުގައި ހޯދި ޕޮއިންޓާއި އެކު އަބަހާނީ މިއަދު މާލެ އައިއިރު، ކޮލިފައިންގ މެޗުގައި ހުރިހާ ގޮތަކުންވެސް ގްރޫޕް ސްޓޭޖުގެ ފުރުސަތު ބޮޑީ މާޒިޔާއަށެވެ. އެއީ ބަންގާޅުގައި ކުޅުނު މެޗު އެއްވަރުވީ ނަމަވެސް މާޒިޔާއިން އެ މެޗުގައި ދެ ގޯލް ޖަހާފައިވާތީ އަވޭ ގޯލްސްގެ އެޑްވާންޓޭޖް މާޒިޔާއަށް އޮތުމުންނެވެ.

މާލޭގައި ކުޅޭ މެޗުން އެއްވެސް ޓީމެއް މޮޅުވެއްޖެ ނަމަ ގްރޫޕް ސްޓޭޖުގެ ފުރުސަތު ލިބޭނީ އެ ޓީމަކަށެވެ. އެހެންނަމަވެސް މެޗު ލަނޑެއް ނުޖެހި ނުވަތަ އެކެއް އެކެއްގެ ނަތީޖާއަކުންއެއްވަރު ވެއްޖެ ނަމަ އަވޭ ގޯލްސްގެ ގަވާއިދުން މާޒިޔާ ގްރޫޕް ސްޓޭޖަށް ދާނެއެވެ. ދޭއް ދޭކުން އެއްވަރު ވެއްޖެ ނަމަ ނަތީޖާ ނެރޭނީ އިތުރު ވަގުތު ކުޅެގެން ނެވެ. އިތުރު ވަގުތުގައިވެސް އެ ނަތީޖާއިން އެއްވަރު ވެއްޖެ ނަމަ ޕެނަލްޓީ ޖަހާނެއެވެ. އަބަހާނީއަށް އޮތް ފުރުސަތަކީ މާޒިޔާ ބަލިކުރުން ނޫނީ، ދެ ލަނޑަށްވުރެ ގިނަ ލަނޑުން މެޗު އެއްވަރުވުމެވެ.

މިދިޔަ ހަފުތާގައި ބަންގާޅުގައި އަބަހާނީއާ ދެކޮޅަށް ކުޅުނު މެޗުގައި މާޒިޔާއަށް ލަނޑު ޖަހާދިނީ އިބްރާހިމް މަހުދި އާއި ބިދޭސީ ފޯވާޑް ސްޓެވާޓެވެ. އަބަހާނީގެ ލަނޑުތައް ޖެހީ އެ ޓީމުގެ ބިދޭސީ ދެ ކުޅުންތެރިންކަމަށްވާ ބްރެޒިލްގެ މެލިސަން އަލްވޭސް އަދި ނައިޖީރިއާގެ ފޯވާޑް ސަންޑޭ ޗިޒޯބާއެވެ. 

ކޮލިފައިންގެ މި ދެމެޗުގެ އެގްރީގޭޓުން މޮޅުވާ ޓީމެއް ވާދަކުރާނީ އިންޑިޔާގެ ބެންގަލޫރު އެފްސީ ނުވަތަ ބޫޓާންގެ ޕާރޯއެފްސީއާއެވެ. މި ދެ ޓީމުގެ ފުރަތަމަ މެޗު އެއް ލަނޑު ސުންލަނޑުން ކާމިޔާބުކޮށް ބެންގަލޫރުންވަނީ ގްރޫޕް ސްޓޭޖުގެ ފުރުސަތު ބޮޑު ކޮށްފައެވެ. 

ބުދަ ދުވަހު މާލޭގައި ކުޅޭ އަބަހާނީއަކީ ރަސްމީ ބޯޅަ ދަނޑަށް އައު ޓީމެއް ނޫނެވެ. މީގެ ކުރިން ދެ ފަހަރު އަބަހާނީންވަނީ އޭއެފްސީ ކަޕުގައި މާލޭގައި ކުޅެފައެވެ. އެހެންނަމަވެސް އެ ދެ ފަހަރުވެސް އެ ޓީމުވަނީ ރަސްމީ ދަނޑުގައި ބަލިވެފައެވެ. އެއީ މާޒިޔާއަތުންނާއި ނިއުރޭޑިއަންޓު އަތުންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް