މިއަދު އޮތް އެމްޑީޕީ ޗެއަޕާސަން އިންތިހާބުގައި ވޯޓުލުމަށްފަހު ނިކުމެވަޑައިގެން އެމްޑީޕީގެ ބައެއް މެމްބަރުންނާއި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، އެ ދަތުރުފުޅުގައި ފުރާވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް "ސީއެންއެމް" އަށް ވިދާޅުވީ، އެ ދަތުރުފުޅުގައި ފުރާވަޑައިގަންނަވާނީ މާދަމާ މެންދުރު ކަމަށެވެ. އެއީ އެއް ދުވަހުގެ ދަތުރުފުޅެއް ކަމަށެވެ.
ޔޫއޭއީގެ ރައީސް އަވަހާރަވުމުގެ ހިތާމައިގައި ރަސްމީ ގޮތުން ހިތާމަ ފާޅުކުރުމުގެ ގޮތުން، މިއަދުން ފެށިގެން 16 ވާ ހޯމަދުވަހުގެ ނިޔަލަށް (ތިންދުވަސް ވަންދެން) ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ނިންމަވާފަ އެވެ.
ޝެއިހް ހަލީފާގެ ވަކިވެދިއުމުގެ ހިތާމަ ފާޅުކުރުމުގެ ގޮތުން 40 ދުވަސް ވަންދެން އެގައުމުގެ ދިދަ ވެސް ހުންނާނީ ބައިދަޑިއަށް ތިރި ކޮށްފަ އެވެ.
ދުނިޔޭގެ އެންމެ މުއްސަނދި ވެރިންގެ ތެެރޭގައި ހިމެނިވަޑައިގަންނަވާ، ނަހްޔާން އިއްޔެ އަވަހާރަވީއިރު އުމުރުފުޅަކީ 73 އަހަރެވެ. އެމަނިކުފާނު ވެރިކަމާއި ހަވާލުވެ ވަޑައިގަތީ އެ މަނިކުފާނުގެ ބައްޕާފުޅު އަވަހާރުވުމުން 2004ވަނަ އަހަރުއެވެ.
އެއަށްފަހު 2014ވަނަ އަހަރު ސްޓްރޯކެއް ޖެހިވަޑައިގަނެ، ވެރިކަން އެމަނިކުފާނުގެ އެއްބަނޑު އެއްބަފާ ކޮއްކޯފުޅު، ވަލީއަހުދު ޝެއިހް މުހައްމަދު ބިން ޒައިދު އަލް ނަހްޔާން އަތް މައްޗަށް ދޫކުރެވިއެވެ.
އެގައުމުގެ ގާނޫނުއަސާސީގައި ވާގޮތުން، 30 ދުވަހުގެ ތެރޭގައިި ޔޫއޭއީގައި ހިމެނޭ ހަތް އެމިރޭޓްސްގެ ގަވަރުނަރުން ހިމެނިވަޑައިގަންނަވާ ފެޑެރަލް ކައުންސިލަކުން އާ ރައީސަކު ކަނޑައަޅަން ޖެހޭއިރު، އެމުއްދަތުގައި ގައުމު ހިންގަވާނީ، ނައިބު ރައީސް އަދި ބޮޑުވަޒީރު ޝެއިހް މުހައްމަދު ބިން ރާޝިދު އަލް މަހްތޫމް އެވެ.