އަންނަ ހަފުތާގައި އޭއެފްސީ ކަޕުގައި މާޒިޔާއާ އެއް ގްރޫޕެއްގައި ހިމެނި ކުޅެން ތައްޔާރުވެފައިވާ ގޯކުލާމުން އިންޑިޔާގެ ޗެމްޕިއަންކަން ދިފާއު ކުރީ ހޮނިހިރު ދުވަހުގެ ރޭ ކަލްކަތާގައި ކުޅުނު ލީގުގެ ފަހު މެޗުގައި މުހައްމަދާން އެސްސީ ބަލިކޮށްގެނެވެ.
މި މެޗު އެއްވަރުވިނަމަވެސް ގޫކުލާމަށް ޗެމްޕިއަންކަން ލިބުނީހެވެ. އެކަމަކު އެ ޓީމުން ލީގު ކާމިޔާބުކޮށް އިންޑިޔާގެ ޗެމްޕިއަންކަން ހޯދީ ދެ ލަނޑު އެއް ލަނޑުން މުހައްމަދާން ބަލިކޮށްގެނެވެ. މި މެޗު ކުޅުނީ އަންނަ ހަފުތާގައި އޭއެފްސީ ކަޕުގެ ގްރޫޑް ޑީގެ މެޗުތައް ކުޅެން ހަމަ ޖެހިފައިވާ ކަލްކަތާގެ ސޯލްޓްލޭކް ސްޓޭޑިއަމްގައެވެ. މުހައްމަދާންއާ ގޯކުލާން ކުޅުނު މެޗު ބެލުމަށް ބައި ލައްކައެއްހާ މީހުން ސޯލްޓް ލޭކް ސްޓޭޑިއަމަށް ވަދެ ތިއްބެވެ.
މާޒިޔާއަށް ކުރިން ކުޅުނު އަފްޣާނިސްތާނުގެ ހުނަރުވެރި ޑިފެންޑަރު އަދި، ރާޖަޕަކްސާ ކަޕުގައި ރާއްޖޭގެ ގައުމީ ޓީމު ކޮޅަށް ހަތަރު ލަނޑު ޖެހި ލަންކާ ފޯވާޑުވެސް ކުޅޭ ގޯކުލާމުން، އޭއެފްސީ ކަޕުގައި ކުޅޭ ފުރަތަމަ މެޗުގައި އަންނަ ބުދަ ދުވަހު ނުކުންނާނީ އޭޓީކޭ މޯހަން ބަގާންއާ ދެކޮޅަށެވެ.
މިއީ ގޯކުލާމް ކެރެލާއިން އައި ލީގު ކާމިޔާބު ކުރި ދެވަނަ އަހަރެވެ. މި ފަހަރުގެ ލީގުގައި އެ ޓީމުން ކުޅުނު އަށާރަ މެޗުގެ ތެރެއިން ބަލިވީ އެއްމެ މެޗަކުންނެވެ. ހަތަރު މެޗު އެއްވަރުވެފައިވާއިރު ތޭރަ މެޗުން އެ ޓީމު މޮޅުވިއެވެ.
އޭއެފްސީ ކަޕުގައި ގޯކުލާމާ މާޒިޔާ ކުޅޭ މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭއެވެ.