
ނަމަވެސް ބައެއް ފަހަރު ބޭރުގައި އުޅެލާފައި ގެއަށް ވަންނަ އިރު ގޭތެރެއިން ހިތް ނުތަނަވަސްވާ އިހުސާސް ކުރެވިގެންދެއެވެ. ތިބާ ވަށައިގެންވާ ހަކަތަ އަކީ ތިބާގެ މޫޑަށް އަސަރު ކުރާ އެއްޗެކެވެ. އެހެންކަމުން ރަނގަޅު ބާވަތެއްގެ ހަކަތަ ލިއްބައިދޭ ގެއެއްގައި އުޅުމަކީ ދުޅަހެޔޮ ސިއްހަތަކަށާއި މީހާ އުފަލުގައި ހުރުމަށް ނުހަނު ބޭނުންތެރި އެއްޗެކެވެ.
މި އާޓިކަލްގައި ގޭގެ ޕޮޒިޓިވިޓީ އިތުރު ކުރުމަށް ކުރެވިދާނެ ބައެއް ކަންތައްތައް ހިއްސާކޮށްލާނަމެވެ.
ބޭކާރު އެއްޗެހި އުކާލައި ގޭތެރެ ސާފު ކޮށްފައި ބެހެއްޓުން
ތިބާ ދިރިއުޅޭ މާހައުލު އޯގަނައިޒް ކޮށްފައި ބެހެއްޓުމަކީ ތިބާގެ ސިކުނޑި އަށް ލުއިކަން ގެނެސްދޭނެ ކަމެކެވެ. ރީތިކޮށް ތަރުތީބުކޮށްފައިވާ ގެއެއްގައި ދިރިއުޅުމަކީ މިނިވަންކަމާ އެކު ފިކުރުކޮށްލައި، އުފެއްދުންތެރި މީހަކަށް ވުމަށް އެހީތެރިވެދޭނެ ކަމެކެވެ.
ގޭތެރޭގައި ގަސް ނުވަތަ މާ ބަހައްޓާށެވެ.
ގޭތެރޭގައި ގަސް ބެހެއްޓުމުގެ ސަބަބުން ގޭތެރޭގެ ރީތިކަން އިތުރުކޮށްލައި، ޕޮޒިޓިވް ހަކަތަ އެޓްރެކްޓް ކުރާ ތަނަކަށް ހަދައިލަދެއެވެ. ގޭތެރެއަށް ޕޮޒިޓިވިޓީ ނުވަތަ ޕޮޒިޓިވް ވައިބް ލިއްބައިދޭ ބައިވަރު ވައްތަރުގެ ގަސްތައް ހުރެއެވެ. މީގެ އިތުރުން އިންދާފައި ހުންނަ ގަސްތަކުގެ ސަބަބުން ގޭތެރޭގެ ނެގެޓިވް ހަކަތަ ފިލުވާލާއި، ތިބާ އާއި ތިބާގެ އާއިލާ އަށް މުޅިން އާ ދުޅަހެޔޮ އިހުސާސް ތަކެއް ކުރުވައެވެ.
ކުޑަދޮރުތައް ހުޅުވުން
ކުޑަދޮރު ތަކަކީ ގޭގެ ލޯތަކެވެ. ގޭތެރެއަށް ތާޒާ ވައި ވެއްދުމަށް ވީހާ ވެސް ބޮޑަށް ކުޑަދޮރުތައް ހުޅުވާފައި ބަހައްޓާށެވެ. ގޭތެރޭގައި ހުންނަ ކުޑަދޮރު ތަކަކީ ގޭތެރެއަށް އެކަށީގެންވާ މިންވަރަށް އަލިކަމާއި، ޕޮޒިޓިވިޓީ އެތެރެ ކުރެވޭހާ ބޮޑު ކުޑަދޮރުތަކަކަށް ވާން ޖެހެއެވެ. އަދި ކުޑަދޮރުތައް އަބަދުވެސް ސާފުކޮށްފައި ބެހެއްޓުމަކީ މުހިންމު ކަމެކެވެ.
ގޭތެރޭގައި މީރު ވަސް ދުއްވާފައި ބަހައްޓާށެވެ.
ޒަމާނުއްސުރެ އަހަރުމެން އެރޯމާތެރަޕީ ބޭނުންކުރަމުން އަންނަނީ ނަފްސާނީ އަދި ޖިސްމާނީ ސްޓްރެސްއާ ކުރިމަތިލާން ޖެހޭ މީހުންނަށް އެހީތެރިވުމުގެ ގޮތުންނެވެ. އެއީ ނިއުރަލް ޕާތުވޭތައް ސްޓިމިއުލޭޓްކޮށް، މޫޑު ރަނގަޅުކޮށްލައި، މީހާ އުޖާލާ ވުމަށް އެހީތެރިވުމުގެ އިތުރުން އުފާވެރިކަމާއި، ޕޮޒިޓިވިޓީއާއި، އުންމީދުގެ ފިކުރުތައް އިތުރުކުރުމަށް އެހީތެރިވެދޭ ގޮތެކެވެ. ނޮން-ޓޮކްސިކް، އެޑަޕްޓަބަލް، އަދި ރައްކާތެރި، ތެޔޮގެ ބޭނުން ކޮށްގެން ގޭތެރެއިން މީރުވަސް ދުއްވިދާނެއެވެ.
މިއީ ރިތި ގެއެއް އުފާވެރި ގެއަކަށް ބަދަލުކޮށްލާނެ ފަސޭހަ ގޮތްތަކެކެވެ.