ads
މޫސުން ގޯސްވި ދުވަސްވަރެއްގައި ހިންނަވަރަށް ރާޅު އަރަނީ---
ރާޅުގެ އުސްމިން 8 ފޫޓުގައި، ކަނޑުތައް ގަދަވެ، އުދަވެސް އަރާނެ، ސަމާލުވޭ!
ރާޅުގެ އުސްމިން އަށް ފޫޓަށް އުފުލި، ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުން ގޯސްވާނެތީއާއި ކަނޑުތައް ގަދަވެ ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރާނެތީ ހުރިހާ ފަރާތަތަކުން ހާއްސަކޮށް، ކަނޑުދަތުރުކުރައްވާ ފަރާތްތަކުން، މޫސުމަށް ސަމާލުވުމަށް ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން އަންގައިފި އެވެ.

މެޓުން މިއަދާއި މާދަމާގެ މޫސުން ލަފާކޮށްފައިވާ ގޮތަށް ބަލާއިރު، ރާއްޖޭގެ މޫސުން ގޯސްވެ ކަނޑުތައްވެސް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އެގޮތުން މިއަދާއި މާދަމާގެ ރާޅުގެ އުސްމިން ފަސް ފޫޓާއި، އަށް ފޫޓަށް އުފުލޭނެކަމަށް މެޓުން ލަފާކުރެއެވެ.

"ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވޭ. ހުރިހައި ފަރާތްތަކުން، ޚާއްސަކޮށް ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން، މޫސުމަށް ސަމާލުވުމަށް ދަންނަވަން." މެޓުން ބުނެފައިވެއެވެ.

މެޓުން ބުނީ މިއަދާއި މާދަމާ ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން ވެސް އެކަށީގެން ވާ ކަމަށެވެ. މީގެ އިތުރުން ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވާއިރު، ވިލާ ގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 50 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށް މެޓުން ބުނެއެވެ. 

ބޯކޮށް ވާރޭވެހި، ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭތީ އަދި ކަނޑުތައް ގަދަވެ އުދަ އަރާނެ ކަމަށް ވެސް ލަފާކުރެވޭތީ، މިއަދު ހއ. އަތޮޅުން ފެށިގެން މ. އަތޮޅަށް އޮތީ ވައިޓް އެލާޓުވެސް ނެރެފައެވެ. 

މެޓުން މިމަހަށް ލަފާކުރާ މޫސުމުގައި ވާގޮތުން އެންމެ އުތުރު އަތޮޅުތަކަށް އާންމުކޮށް ވެހޭވަރަށްވުރެ އިތުރުވާނެ ކަމަށް ބެލެވެއެވެ. އަދި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް އާންމުކޮށް ވެހޭވަރަށް ވާރޭވެހޭނެ ކަމަށް ބެލެވުނު ނަަމަވެސް އެެހެން ހިސާބުތަކަށް ވާރޭވެހޭ މިންވަރު ކުޑަތަންކޮޅެއް މަދުވާނެކަމަށް ލަފާކުރެވެއެވެ.

މިދުވަސްވަރު ފިނިހޫނުމިން އުތުރުއަތޮޅުތަކުގައި އާންމު މިންގަޑުގައި ހުންނާނެކަމަށް ބެލެވޭ ނަމަވެސް އެހެން ހިސާބުތަކުގައި އާންމު މިންގަނޑަށްވުރެ ތަންކޮޅެއް މަތި ވާނެ ކަމަށް ލަފާ ކުރެވޭކަމަށް ވެސް މެޓުން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް