ads
ރައީސް ޔާމީން ގެކޮޅު——
ރައީސް ޔާމީންގެ ގެ ކޮޅަށް ސްޕްރޭކޮށް ގެއްލުންދިން މީހާ ހައްޔަރު ކޮށްފި
ރާއްޖޭގެ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން ދިރިއުޅުއްވަމުން ގެންދަވާ ގެ ކޮޅަށް ގެއްލުން ދިން މައްސަލަ އާއި ގުޅިގެން މީހާކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

އެމަނިކުފާނު ދިރުއުޅުއްވާ ގެކޮޅު ހ. ދޫވެހި އަދި ޕީޕީއެމް އޮފީސް ހިމެނޭ ހ. ހުރަފަގޭގެ ދޮރުމައްޗަށް ރައީސް ޔާމީން ހައްޔަރުކުރަން ގޮވާލާ ކަރުދާސްތަކަކެއް އަޅާ، ސްޕްރޭ ކޮށްފައިވަނީ، މިމަހުގެ 11 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. 

މި މައްސަލަ އާއި ގުޅިގެން ފުލުހުން މިއަދު ބުނީ، ރައީސް ޔާމީން ދިރިއުޅުއްވާ ގެ އަދި ޕީޕީއެމް އޮފީހަށް ގެއްލުންދިން މައްސަލަ އާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 20 އަހަރުގެ ފިރިހެނަކު އިއްޔެގެ ވަގުތެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވާކަމަށެވެ. 

އަދި މި މައްސަލަ އާއި ގުޅިގެން އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ބަންދަށް ފަސް ދުވަސް ކޯޓުން ޖަހާފައި ވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. 

ރައީސް ޔާމީން ދިރިއުޅުއްވާ ގެ ހުންނަ ސަރަހައްދުގައި ހުންނަ ޗައިނާ އެމްބަސީ ގައި 24 ގަޑިއިރުގެ ސެކިއުރިޓީ ހުންނައިރު، އެފަދަ ކަމެއް ދަންވަރުގެ ވަގުތެއްގައި ހިނގައިދިޔަނަމަވެސް ފުުލުހުންނަށް ފާހަގަކުރެވުނުތޯ މީޑިއާތަކުން ވަނީ ފުލުހުންނާއި ތަކުރާރުކޮށް ސުވާލު ކޮށްފައެވެ. އެހެން ނަމަވެސް ފުލުހުން އަދި މިހާތަނަށް އެ ސުވާލުތަކަށް އެއްވެސް ޖަވާބެއް ދީފައި ނުވާކަން ފާހަގަކޮށްލެވެ އެވެ.

ރައީސް ޔާމީން ދިރިއުޅުއްވާ ގެ ކޮޅާއި، ޕީޕީއެމް އޮފީހުގައި އެމަނިކުފާނު ހައްޔަރު ކުރުމަށް ގޮވާލާ ކަރުދާހުގެ އިތުރުން ސްޕްރޭ ކޮށްފައި ވާއިރު، އޭގެ ދުވަސްކޮޅެއް ކުރިން އެމަނިކުފާނު ހައްޔަރު ކުރުމަށް ގޮވާލާ އެމަނިކުފާނު ދިރިއުޅުއްވަމުން ގެންދަވާ ގެ ކޮޅު ކުރިމަތީ ބަޔަކު ވަނީ އަޑުއުފުލާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް