ads
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
މާފުށިން ހައްޔަރުކުރި ފަތުރުވެރިޔާގެ ކިބައިން ރައީސް ނަޝީދު މައާފަށް އެދިވަޑައިގެންފި
ކ. މާފުށީގައި މިދިޔަ ބުރާސްފަތި ދުވަހު ހައްޔަރުކުރި ފަތުރުވެރިޔާގެ ކިބައިން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މައާފަށް އެދިވަޑައިގެންފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ވަކި ހިސާބަކުން ރައީސް ނަޝީދު ވަނީ އިނގިރޭސި ބަހުން އެއްޗެއް ވިދާޅުވާން ބޭނުންފުޅުވާ ކަން ފާހަގަކުރައްވާ، އިނގިރޭސި ބަހުން ދެއްކެވި ވާހަކަފުޅުގައި ފަތުރުވެރިޔާގެ ކިބައިން މައާފަށް އެދިވަޑައިގެންފަ އެވެ. 

ރައީސް ނަޝީދު ވިދާޅުވީ އިނގިރޭސިވިލާތަށް ނިސްބަތްވާ ފަތުރުވެރިޔާ ސިސީލިޔާ ހައްޔަރުކުރުމުގައި ހިނގާދިޔަ ކަންތައްތަކާ ގުޅިގެން މައާފަށް އެދިވަޑައިގަންނަވާ ކަމަށެވެ. މިކަމާ ގުޅިގެން ކޮމިޝަނާ އޮފް ޕޮލިސް ވެސް މައާފަށް އެދިވަޑައިގެންފައިވާ ކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ ފަތުރުވެރިޔާ ހައްޔަރުކުރުމުގައި ހިނގާ ދިޔަ ކަންކަން ހިނގަން މެދުވެރިވި ސަބަބު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް މީގެކުރިން ހިއްސާކުރައްވާފައިވާ ކަމަށެވެ.

ރައީސް ނަޝީދު ވަނީ ސިސީލިޔާ އަލުން ރާއްޖެއަށް ޗުއްޓީއަށް ޒިޔާރަތްކޮށް މާފުށީގައިވެސް ޗުއްޓީ ހޭދަކުރާނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ވިދާޅުވެފަ އެވެ. 

މާފުށީގައި ފަތުރުވެރިޔާ ހައްޔަރުކުރިއިރު ފުލުހުން އަމަލުކުރި ގޮތުގައި ގޯހެއް އޮތް ކަމަށް ފާހަގަނުވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މީގެ ކުރިން ވިދާޅުވުމާ ގުޅިގެން ރައީސް ނަޝީދު މީގެކުރިން ވަނީ މިނިސްޓަރަށް ފާޑުވެސް ވިދާޅުވެފަ އެވެ. އެގޮތުން ރައީސް ނަޝީދު ވިދާޅުވީ ފަތުރުވެރިޔާ ހައްޔަރުކުުރުގައި ފުލުހުން އަމަލުކުރި ގޮތުން ރާއްޖޭގެ ނަން ކިލަނބުވެގެންދާނެ ކަމަށެވެ. 

ފުލުހުން އުމުރުން 26 އަހަރުގެ ފަތުރުވެރިޔާ ހައްޔަރުކުރީ ނިވާކަން ކުޑަ ހެދުމެއްގައި ރަށު ތެރޭގައި ހިނގާފައި ދަނިކޮށް އެގޮތަށް އުޅުމަކީ މަނާ ކަމެއް ކަމަށް ބުނެދީ ހަށިގަނޑު ނިވާކުރަން ތުވާއްޔެއް ދިނުމުން އެ އަންހެން މީހާ ފުލުހުންނާ ދިމާލަށް އެއްޗެތި ކިޔާ ފުލުހުންގެ އެންގުމާ ހިލާފަށް ތަކުރާރުކޮށް އަމަލުކުރުމުން ބިޑި އަޅުވައިގެންނެވެ. 

މާފުށި ޕޮލިސް ސްޓޭޝަންގައި އޭނާ ބުރާސްފަތި ދުވަހު އިރުކޮޅަކު ބައިންދާފައި ދޫކޮށްލުމުން އޭނާ ވަނީ ޖެހިގެން އައި ދުވަހު ރާއްޖެއިން ފުރައިގެން ގޮސްފަ އެވެ. 

ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ސިސީލިޔާއަކީ އޭނާ ދަތުރުކުރާ މަންޒިލްތަކުން ފެންނަ ހާދިސާތައް ލިޔާ އަމިއްލަ ބްލޮގެއް ގެންގުޅޭ ލިޔުންތެރިއެކެވެ. އަދި އޭނާ އަކީ އިނގިރޭސިވިލާތުގެ ޕާލިމަންޓްގެ އެޑްވައިޒަރެއްގެ އިތުރުން އިނގިރޭސިވިލާތުގެ ބައެއް ޓީވީ ޝޯތަކުގައި ބައިވެރިވެފައިވާ މީހެއް ކަމަށްވެސް ބައެއް ރިޕޯޓްތަކުގައި ބުނެފައިވެ އެވެ. 

29%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
71%
ވަރަށް ސަލާމް
ކޮމެންޓްސް