ads
ކަރާޗީ ކޯޓު
ކޯޓުގައި ދޮގު ހެކި ދިން މީހަކު އުމުރަށް ޖަލަށް ލައިފި
ޕާކިސްތާނުގެ ކޯޓެއްގައި ކުރިއަށްދިޔަ މީހެއް މަރާލި މައްސަލައާއި ގުޅިގެން ދައުލަތުގެ ފަރާތުން ހެކިބަސް ދިން މީހަކު ދޮގު ހެކިބަސް ދިން ކަން ފަޅާ އެރުމުން އުމުރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި އެވެ.

މިދިޔަ އަންގާރަ ދުވަހު އެގައުމުގެ ކަރާޗީގައި ހުންނަ ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމުގައި އޭނާ ހެކިބަސް ދެމުން ބުނީ، ދައުވާ އުފުލާފައިވާ މީހާ، މީގެ ދެ އަހަރު ކުރިން މީހަކު މަރާލި މަންޒަރު ފެނުނު ކަމަށާއި، އެ މަންޒަރު ދުވަހަކުވެސް ހަނދާނުން ނުފިލާނެ ކަމަށެވެ. އަދި ހެކިބަސް ދެނީ އެއްވެސް މީހެއްގެ ނުފޫޒެއް ނެތި ކަމަށް ވަނީ ބުނެފަ އެވެ. 

އެހެން ނަމަވެސް މި މައްސަލާގައި ދައުވާ އުފުލާފައިވާ މީހާގެ ވަކީލުން ކުރި ސުވާލުތަކަށް ޖަވާބު ދެމުން ހެކިބަސްދިން މީހާ ވަނީ، އޭނާ އެ ހާދިސާ ހިނގި ތަނުގައި އެވަގުތު ނެތް ކަމަށް ބުނެފަ އެވެ. އަދި އެ ސަރަހައްދަށް އޭނާ ދިޔައީ، ހާދިސާ ހިނގިތާ ކުޑައިރުކޮޅެއް ފަހުން ކަމަށް އޭނާ ވަނީ ބުނެފަ އެވެ. 

އެކަމާއި ގުޅިގެން މައްސަލަ ބައްލަވަން އިންނެވި ފަނޑިޔާރު ވަނީ، ދެފަރާތުން ދައްކަމުން ދިޔަ ވާހަކަ ހުއްޓުވާ، ހެކިބަސްދެމުން ދޮގު ހެދީ ކީއްވެތޯ ހެކިބަސް ދިން މީހާ ކައިރީ ސުވާލު ކޮށްފަ އެވެ. އެ ސުވާލަށް އޭނާ ޖަވާބު ދެމުން ބުނީ، އޭނާ ކަން ހިނގިގޮތް އެހާ ރަނގަޅަށް ހަނދާން ނެތް ކަމަށާއި، މީގެ ދެ އަހަރު ކުރިން ހިނގި ހާދިސާއެއް ކަމުން އެކަން ހަނދާން އެވަރަށް ނެތް ކަމަށް ބުނެފަ އެވެ. 

އެކަމާއި ގުޅިގެން ފަނޑިޔާރު ވަނީ، މީހެއް މަރާލި މަންޒަރު ފެނުނު ކަމަށް ބުނެ ހެކިބަސް ދިނުމަކީ ވަރަށް ބޮޑު ކަމެއް ކަމަށާއި، ހެކިބަހުގެ ސަބަބުން މީހެއްގެ މައްޗަށް ނުހައްގު ހުކުމެއް ކުރެވިދާނެ ކަމަށް ބުނެފަ އެވެ. އަދި އެކަން އޭނާ ކުރީ ކީއްވެތޯ ތަކުރާރުކޮށް ފަނޑިޔާރު ސުވާލު ކުރުމުން އޭނާ ވަނީ، ދައުލަތުން އޭނާއަށް ފައިސާ ހުށަހެޅި ކަމަށް ބުނެފަ އެވެ. 

ހެކިބަސްދިނީ ފައިސާގެ ދަހިވެތި ކަމުގައި ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އެކަމާއި ގުޅިގެން ފަނޑިޔާރު ވަނީ، އޭނާ ކޯޓުގެ ހުރުމަށް ކެނޑި މައްސަލައާއި ގުޅިގެން 10 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފަ އެވެ. އަދި ދޮގު ހެކިބަސް ދިން ކަމަށް އޭނާ އެއްބަސްވުމުން ފަނޑިޔާރު ވަނީ އޭނާގެ މައްޗަށް 30 އަހަރުގެ ޖަލު ހުކުމެއް ކޮށްފަ އެވެ. 

މީގެ އިތުރުން ފަނޑިޔާރު ވަނީ ދައުލަތުގެ ފަރާތުން އޭނާ އަށް ފައިސާ ހުށަހެޅި މައްސަލަ ފުލުހުން ތަހުގީގުކޮށް ދައުވާ ކުރުމަށް ފުލުހުންގެ މައްޗަށް އަމުރު ކޮށްފަ އެވެ. އަދި މި މައްސަލާގެ ދައުވާ އުފުލިފައިވާ މީހާ މިނިވަންކޮށް އަލުން ތަހުގީގު ކުރިއަށް ގެންދިއުމަށް ފަނޑިޔާރު ވަނީ ހުކުމް ކޮށްފަ އެވެ. 

80%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް