ads
ފޮޓޯ: ރައީސް އޮފީސް
އުނގެނޭ އިލްމުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފަންޖެހޭ: ނައިބު ރައީސް
އުނގެނޭ އިލްމުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފައިގެން މުޖުތަމައުގައި ހުރި މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރުމަށް، ނައިބު ރައީސް ފައިސަލް ނަސީމް ގޮވާލައްވައިފި އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ 2022 ވަނަ އަހަރުގެ ދަސްވެނިވުމުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ ތައުލީމު ހާސިލުކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ މުޖްތަމައުގެ ތެރޭގައި ހަމަޖެހުން ގާއިމުކޮށްދިނުމަށް އެ ލިބިފައިހުރި އިލްމެއްގެ ބޭނުންހިފައިގެން މުޖްތަމައުގެ އެހެންމީހުންނަށް ރަނގަޅު މަގުތައް ދައްކުވައިދިނުންކަމަށެވެ. ހަމައެހެންމެ އެމަނިކުފާނު ވަނީ މުޖުތަމައުގައި ހުރި ރަނގަޅުކުރަން ޖެހޭ އިޖްތިމާއީ އެކިއެކި މައްސަލަތަކަށް އަލިއަޅުވާލައްވާފައެވެ.

މީގެ އިތުރުން އެމަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވީ، މީހުން ބިނާކުރުމަކީ ސަރުކާރުން އެންމެ އިސްކަން ދެއްވާ އެއްދާއިރާ ކަމަށާއި، މިހާރު މަތީ ތައުލީމު ހާސިލުކުރުމަށް މުޅި ރާއްޖޭގައި މީގެ ކުރިން ނެތް މިންވަރަށް ފުރުސަތުތައް ހުޅުވާލެވިފައި އެބައޮތް ކަމަށެވެ. އަދި ކޮންމެ ކަމެއްގައި ވެސް ޕޮޒިޓިވް ވިސްނުން ގެންގުޅުމަށާއި ލޯތްބާއި އިހްތިރާމާއެކު މީހުންނާއި މުއާމަލާތްކުރުމަށް އިސްކަންދިނުމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ. 

މި ހަފްލާގައި، ކުއްލިއްޔާ އޮފް އެޑިއުކޭޝަން އިން ބެޗްލާ އޮފް ޓީޗިންގް ގުރްއާނާއި މާސްޓާ އޮފް ޓީޗިން އެންޑް ލާނިން އިން ދަސްވެނިވެ ދަރަޖަ ހާސިލުކުރި ދަރިވަރުންނަށް ސަނަދު ހަވާލުކޮށްދެއްވީ ނައިބު ރައީސް އެވެ. 

މީގެ އިތުރުން އެމަނިކުފާނު ވަނީ ކުއްލިއްޔާ އޮފް ޝަރިއާ އެންޑް ލޯ އިން ޑޮކްޓާ އޮފް ފިލޯސަފީ އިން އިސްލާމިކް ޖުޑީޝަލް ސައިންސަސް އެންޑް ލެޖިސްލޭޓިވް ޕޮލިސީ އިން ދަސްވެނިވެ ދަރަޖަ ހާސިލުކުރި ދަރިވަރަށް ސަނަދު ހަވާލުކޮށްދެއްވާފައެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ ކޯސްތަކުން އެންމެމަތީ ވަނަތައް ހާސިލުކުރި ދަސްވެނީންނަށް އިނާމާއި އެވޯޑް ހަވާލުކޮށްދެއްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް