ads
ސްޓެލްކޯގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުގުނީ -- ފޮޓޯ: ސްޓެލްކޯ
ސޯލާ ޕެނަލް ހަރުކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހުޅުވާލަނީ
ސޯލާ ޕެނަލް ހަރުކުރަން ބޭނުންވާ ފަރާތްތަކަށް ވަރަށް އަވަހަށް އެ ފުރުސަތު ހުޅުވާލުމަށް ތައްޔާރުވަމުންދާ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.

ސްޓެލްކޯގެ ފަރާތުން މިކަން ހާމަކުރެއްވީ އެކުންފުނިން ކުރިއަށް ގެންދާ "ގްރީންލައިފް ސޯލާ އެނާޖީ އިނިޝިއޭޓިވް"ގެ ދަށުން ސްޓެލްކޯގެ މުވައްޒަފުންނަށް ސޯލާ ޕެނަލް ގަތުމުގެ ފުރުސަތު ހުޅުވާލުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުގުނީ އެވެ. 

މުގުނީ ވިދާޅުވީ ސޯނާ ޕެނަލް އެންމެ ފުރަތަމަ ވިއްކަނީ އެ ކުންފުނީގެ މުވައްޒަފުންނަށް ކަމަށްވީ ނަމަވެސް ކުރިއަށް އޮތް ދެމަހެއްހާ ދުވަސް ތެރޭގައި އާންމުންނަށް ވެސް ސޯލާ ޕެނަލް ވިއްކާނެ ކަމަށެވެ. 

މުގުނީ ވިދާޅުވީ މިއީ އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓްގެ ހިދުމަތް ދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށެވެ. ސޯލާ ޕެނަލް އާންމުންނަށް ވެސް ވިއްކާނީ އެ ކުންފުނީގެ މުވައްޒަފުންނަށް ވެސް ވިއްކާ އަގުގައި ކަމަށްވެސް ވިދާޅުވި އެވެ. ސޯލާ ޕެނަލްގެ އަގަކީ 30،000 ރުފިޔާ ކަމަށްވެސް ވިދާޅުވި އެވެ. 

އިންސްޓޯލްމަންޓް ސްކީމެއްގެ ތެރެއިން ސޯލާ ޕެނަލް ގަނެވޭނެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށްވެސް މުގުނީ ވިދާޅުވި އެވެ. އަދި މާލެއާއި އަތޮޅު ތެރޭގައި ވެސް އެއް އަގެއްގައި ސޯލާ ޕެނަލް ވިއްކާނެ ކަން ފާހަގަކުރައްވަމުން މުގުނީ ވިދާޅުވީ ސޯލާ ޕެނަލް ހަރުކުރުމުގެ މަސައްކަތް ސްޓެލްކޯ އިން ކޮށްދޭނެ ކަމަށެވެ. 

"އަޅުގަނޑުމެން މިފުރުސަތު އެންމެ ފުރަތަމަ މިހުޅުވާލީ މިކުންފުނީގެ މުވައްޒަފުންނަށް. ސަބަބަކީ ރައްޔިތުންނަށް ހިދުމަތް ދިނުމަށް ތިބީ އަޅުގަނޑުމެންގެ މުވައްޒަފުން ކަމަށްވާތީ. މިކަމުގެ ހުރި ފައިދާ މުވައްޒަފުންނަށްވެސް އޭރުން އެނގިގެންދާނެ،" މުގުނީ ވިދާޅުވި އެވެ.

މުގުނީ އިތުރަށް ވިދާޅުވީ މާލޭގައި ތަންތަން ކުއްޔަށް ހިފައިގެން ދިރިއުޅޭ މީހުން، އެމީހަކު ދިރިއުޅޭ ތަނެއްގެ ވެރިފަރާތުގެ ހުއްދައެއް ލިޔުމަކުން ހޯދުމުން އެތަނެއްގައިވެސް ސޯލާ ޕެނަލް ހަރުކޮށްދޭނެ ކަމަށެވެ. ސޯލާ ޕެނަލް ހަރުކުރުމަށް ކަމާ ގުޅޭ އިދާރާތަކުން ހޯދަންޖެހޭ ހުއްދަތައް ހޯދައިދޭނީ ސްޓެލްކޯ އިން ކަމަށްވެސް މުގުނީ ވަނީ ވިދާޅުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް