ads
ލެއްގި ބޮޑުބަސް----ފޮޓޯ:ސީއެންއެމް
ވ. އަތޮޅަށް ލެއްގި ބޮޑުމަސް: މަސްތައް ކަށިތަކާއި ވަކިވަންދެން ބާއްވަނީ
މަރުވެގެން ވ. އަތޮޅު "މަޑުވައްރި ފަޅު" ނަމަކަށް ކިޔާ ފަޅަށް ލެއްގި ބޮޑުމަސް، މަސްތަކާއި ކަށިތައް ވަކިވަންދެން ބޭއްވުމަށް ފަހު، ތާރީހީ އެއްޗެއްގެ ގޮތުގައި މީހުންނަށް ބަލާލެވޭ ގޮތަށް ޑިސްޕްލޭ ކުރަން ނިންމައިފި އެވެ.

މަރުވެފައިވާ ބޮޑު މަހެއް އޮޔާދާތީ ފެނުނީ އެއަތޮޅު "މަޑަންގިރި" ކިޔާ ފަޅު ކައިރިން އިއްޔެ ހެނދުނު 08:15 ހާއިރު އެވެ.

ގާތްގަނޑަށް 40 އާއި 50 ފޫޓު ހުންނަ އެ "ހަމްޕްބެކް ވޭލް" ލައްގާފައިވަނީ، ވ. ތިނަދޫ އާއި، ފެލިދޫ ދޭތެރޭގައި އޮންނަ "މަޑުއްވަރި ފަޅު" ހުޅަނގުކޮޅު ފަރުމައްޗަށެވެ. އެމަސް ލެއްގުމުން ދޮންވެލި ހިސާބަކަށް މަސް ގެންދިއުމުގެ މަސައްކަތް އެރަށު ކައުންސިލާއި، ފުލުހުން ގުޅިގެން އިއްޔެ ވަނީ ކޮށްފަ އެވެ. 

"ސީއެންއެމް" އާއި ވާހަކަދައްކަވަމުން ވ. އަތޮޅު ކައުންސިލުގެ ރައީސް އަހްމަދު ޝުޖާއު މިއަދު ވިދާޅުވީ، އެމަސައްކަތް އިއްޔެ ކުރަމުންދިޔަ ނަމަވެސް މަހަކީ ބޮޑު މަހަކަށް ވުމާއި، މަސް ލައްގާފައި އޮތް ތޮށިމައްޗަކީ އާދަޔާ ހިލާފަށް ގިނައިން ޓައިގާ ޝާކުވެސް އުޅޭ ސަރަހައްދެއް ކަމުން އެތަނުން މަސް ނެގުމުގައި ދަތިތަކެއް ކުރިމަތިވި ކަަމަށެވެ. 

އެހެންކަމުން ކައުންސިލުން މިހާރު ނިންމާފައިވަނީ، އެމަސް އެތަނުގައި ބާއްވައިގެން ނައްތާލުމަށެވެ. އަދި މަސްތައް ވަކިވެ ކަށިގަނޑަކަށް ވުމުން އެ މަސް އެތަނުން ނަގާ އެހެން ހިކިފަސްތަނެއްގައި ކަށިގަނޑު ޑިސްޕްލޭ ކުރަން ނިންމާފައިވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ. 

"އެ ސަރަހައްދުގައި ފުދޭވަރަކަށް ޓައިގަ ޝާކު އުޅުނު އެވަގުތު ވެސް. މަސް ކައިރީ ވެސް ވަަރަށް ގިނަ ޝާކް އެބައުޅޭ، އެހެންވީމަ އަދި މަސް ވަަރަށް ބޮޑު އެ ސަރަހައްދަށް ލެއްގި އިރުވެސް އޮތީ ފޯވެ، ހަލާކުވާން ފަށާފަ. އެހެންވީމަ މިކަމާއި ގުޅޭ އެހެން ފަރާތްތަކާއިވެސް ވާހަކަދެއްކުމަށްފަހު އަޅުގަނޑުމެން މިހާރު މި ނިންމީ ޑިކޭ ވީމަ ކަށިގަނޑު ނަގައިގެން އެހެން ރަށަަކަށް ގެންގޮސް ޑިސްޕްލޭ ކުރަން" ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ، އެއީ ޓްއަރިޒަމް ކުރިއަރުވާ، އެރަށަށް ޒިޔާރާތްކުރާ ފަރާތްތަކަށްވެސް ބަލައިލެވޭ ގޮތަށް ޑިސްޕްލޭ ކޮށް ހިމާޔަތް ކުރެވިގެންދާނެ އެއްޗެއް ކަމަށެވެ. މަސް ހަލާކުވަމުންދާ ގޮތް ގާތުން ބަލަމުންދާ ކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ. 

އަދި ގާތްގަނޑަކަށް ހަފްތާއެއްތެރޭ އެއްކޮށް މަސްތައް ވަކިވެގެން ދާނެ ކަމަށް ލަފާކުރެވޭކަމަށާއި، އޭރުން ކަމާއި ގުޅޭ ފަރާތްތަކުގެ ލަފާގެ މަތިން ކަށިގަނޑު އެތަނުން ބަދަލުކުރަން ނިންމާފައިވާ ކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ.

"އެތަނުން ކަށިގަނޑު އަޅުގަނޑުމެން ނަގާނީވެސް ކަމާއި ބެހޭ ފަރާތްތަކާއި ގުޅިގެން، ރައްކާތެރިކަމާއިއެކު އެތަނުން ހިކިފަސްތަނަކަށް ބަދަލުކޮށް ފުރަތަމަ އަަޅުގަނޑުމެން އޭތި ވަޅުލައިގެން ވަސް ނައްތާލެވޭތޯ މަސައްކަތްކުރާނީ. އެއަށްފަހު ނަގާ ސާފުކޮށް ޑިސްޕްލޭ ކުރާގޮތަށް އޮތީ މިހާރު" ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ، "ހަމްޕްބެކް ވޭލް" ވ. އަތޮޅުން ވަރަށް ގިނައިން ފެންނަ ކަމަށެވެ. މީގެ ކުރިންވެސް ވ. އަތޮޅުން މަރުވެގެން ބޮޑުމަސް ލައްގާފައިވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ. އެންމެ ފަހުން އެފަދަ ކަމެއް ހިނގާފައިވަނީ 80 އިގެ މެދު ތެރޭގައި ކަމަށް ވިދާޅުވިއެވެ. 

ރާއްޖޭގެ އެހެން ސަރަހައްދުތަކަށްވެސް ދޭތެރެ ދޭތެރެއިން ބޮޑު މަސް ލައްގައެވެ. ހާއްސަކޮށް މޫސުން ގޯސްވާ ދުވަސްވަރު ބޮޑު މަސް ތަންތަނަށް ލައްގާ މިންވަރު އިތުރެވެ.  

އެގޮތުން 2020ވަނަ އަހަރު ހއ.ތަކަންދޫއަށް ވެސް ވަނީ މަރުވެފައި އޮތް ބޮޑު މަހެއް ލައްގާފައެވެ. އަދި 2021ވަނަ އަހަރު، އައްޑޫސިޓީ އަށްވެސް ބޮޑުމަހެއް ލައްގާފައިވެއެވެ.

67%
ކަމުގޮސްފި
8%
އަޑުއެހިތާ މިހުރީ
8%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް