ads
މަރުވި ޝާފިއު——
ޝާފިއު ދިޔައީ މާދަމާ އޮންނަ ދޮންބެގެ ކައިވެންޏަށް، މުޅި އާއިލާ އޭރު ތިބީ ވިލިގިލީގަ
މިރޭ ގއ. ވިލިގިލީ ފަޅަށް ވަނަނިކޮށް ހިނގި ހިތާމަވެރި އަދި ނުރައްކާތެރި ހާދިސާގައި މަރުވި ދެމީހުންވެސް ދިޔައީ އެ ކައިވެންޏަށެވެ. އޭގެތެރެއިން ނ. ލަންދޫ/އުރަހަ/ އުމުރުން 26 އަހަރުގެ އަހްމަދު ޝާފިއު ވެސް އެރޭ ލޯންޗަށް އަރާ އިނީ މާދަމާ އޮންނަ ލޯބިވާ ދޮންބެގެ ކައިވެނީގައި ބައިވެރިވުމަށް ވިލިގިޔަށް ދިއުމަށެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް “ސީއެންއެމް”މައުލޫމާތުދިން ޝާފިއު ދަންނަ މީހަކު ބުނިގޮތުން އޭރު ޝާފިއުގެ އާއިލާ އެންމެންވެސް އެރަށަށް ތިބީ ގޮސްފަ އެވެ. އިންތިޒާރުކުރަމުން ދިޔައީ ޝާފިއު އަށެވެ. 

އުފަން ރަށް ލަންދޫގައި ކުޑަ ޗުއްޓީއެއް ހަދާލުމަށްފަހު މަސައްކަތްކުރާ ރިސޯޓަށް ގޮސް، މާދަމާ އޮންނަ ދޮންބެގެ ކައިވެންޏަށް ދިއުމަށް ލޯންޗުގައި އިންއިރު، ޝާފިއުގެ ބޭބެވެސް އެ ލޯންޗުގައި އިނެވެ. 

your imageނެރުމައްޗަށް އެރި ލޯންޗު

ވިލިގިލީ ފަޅުތެރެއަށް ވަދެވަދެ ހުއްޓާ ލޯންޗު ގޮސް ނެރުގައި ޖެހުމުން ވިއްސައިގެން ދިޔަ ދެ މީހުންގެ ތެރެއިން އެކަކީ ޝާފިއު އެވެ.

ޝާފިއު ގޮސް ކަނޑަށް ވެއްޓި އެވަގުތު ގެއްލުނެވެ. ފެނުނުއިރު، އޭނާގެ ވިންދެއް ނެތެވެ. ހޮސްޕިޓަލުން ވެސް ބުނިގޮތުގައި އޭރު ޝާފިއު ވަނީ މަރުވެފަ އެވެ.

މި ހިތްދަތި ހަބަރު ލިބުނުއިރު، ޝާފިއުގެ އާއިލާ ދިޔައީ ވިލިގިލީގައި މާދަމާ އޮތް ކައިވެންޏަށް ތައްޔާރުވަމުންނެވެ. މި ކުއްލި ހަބަރާއިއެކު ޝާފިއުގެ ބައްޕަ ވަނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްފަ އެވެ.

your imageވިލިގިލީ ހޮސްޕިޓަލަށް ގިނައަދަދެއްގެ ބަޔަކު ވަނީ ޖަމާވެފަ——ފޮޓޯ:ސީއެންއެމް

ސީއެންއެމް އާއި ވާހަކަދެއްކި ފަރާތުން ބުނިގޮތުގައި ޝާފިއު އަކީ މަސައްކަތްތެރި ވަރަށް މަޑުމައިތިރި އަހުލާގު ރަނގަޅު ކުއްޖެކެވެ.

ޝާފިއުއާއިއެކު ދެން ކަނޑަށް ވެއްޓި މަރުވި ވިލިގިލި/ދޫރެސް އުމުރުން 37 އަހަރުގެ މިސްބާހް އަބްދުލް މުހުސިންވެސް އެދަތުރުގައި ރަށަށް ދިޔައީ އެ ކައިވެނި ހަފްލާގައި ބައިވެރިވާން ކަމަށް ވެއެވެ.

އެ ލޯންޗުގައި މިސްބާހުގެ ކޮއްކޮއެއްވެސް އިނެވެ. މި ހާދިސާގައި ޒަހަމުވެ، ފަރުވާދެމުންދާ މީހުންގެ ތެރެއިން ވެންޓިލޭޓަރުގައި ބާއްވައިގެން މާލެ ގެންނަން މަސައްކަތް ކުރަމުންދަނީ މިސްބާހުގެ ކޮއްކޮ އެވެ.

އަނެއް ދެމީހުންގެ ތެރެއިން އެކަކުގެ ހާލު ވެސް ސީރިއަސް ކަމަށް ވެއެވެ.

your image

إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ، ހިތާމަވެރި މި ވަގުތުގައި އާއިލާއަށް ކެތްތެރިކަން ދެއްވާ، ޝާފިއު އާއި މިސްބާހުގެ ފުރާނައަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރަމެވެ.    

11%
ކަމުގޮސްފި
7%
އަޑުއެހިތާ މިހުރީ
80%
ސަތޭކައަކުން ސުމެއް
2%
ވަރަށް ސަލާމް
ކޮމެންޓްސް