ads
މަންކީ ޕޮކްސް ޖެހިފައިވާ މީހެއް----
މަންކީޕޮކްސް ރާއްޖޭއަށްވެސް އައުމަކީ އެކަށީގެންވާ ކަމެއް: އެޗްޕީއޭ
ދުނިޔޭގެ އެކި ސަރަހައްދު ތަކުގައި މިހާރު ފެތުރެމުން އަންނަ ނުރައްކާތެރި ބައްޔެއް ކަމަށްވާ މަންކީޕޮކްސް ރާއްޖެއަށްވެސް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އިން ބުނެފި އެވެ.

އެޗްޕީއޭއިން މިއަދު ނެރެނު ބަޔާނެއްގައި ބުނެފައިވަނީ، ރާއްޖެއާއި ރާއްޖެއާއި އަވަށްޓެރި ގައުމުތަކުން އަދި މި ބަލި ފެނިފައި ނުވާ ކަމަށާއި، އެހެން ކަމުން ރާއްޖޭގައި މިވަގުތު ބަލި ފެތުރުމުގެ ބިރު ކުޑަ ކަމަށެވެ. އެހެން ނަމަވެސް ދުނިޔޭގެ އެކި ހިސާބުތަކުގައި ބަލި ފެތުރެމުން އަންނަ ކަމަށާއި، އެހެން ކަމުން ރާއްޖެއަށްވެސް މި ބަލި އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ. 

އަދި މިކަމުގެ ސަބަބުން ހުރިހާ ފަރާތްތަކުންވެސް އާއްމު ރައްކާތެރި ކަމުގެ ފިޔަވަޅުތަކަށް ހާއްސަ ސަމާލުކަމެއްދީ އެކަމަށް ހާއްސަ އިސްކަމެއް ދިނުމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ. 

މީގެ އިތުރުން އެޗްޕީއޭއިން ބުނީ، މި ބައްޔަކީ ގައިންގަޔަށް އަރާ ބައެއްޔެއް ކަމަށާއި، މި ބަލި ޖެހެނީ ބަލި ޖެހިފައި ހުރި މީހަކާއި ގިނައިރު ކޮންޓެކްޓު ވުމުން ފެތުރޭ ބައްޔެއް ކަމަށެވެ. 

މިގޮތުން މަންކީޕޮކްސް އާއި މިފަދަ އެހެނިހެން ގައިންގަޔަށް އަރާ ބަލިތަކުން ރައްކާތެރިވުމަށް ގިނަގިނައިން އަތް ސާފު ކުރުމާއި މާސްކް އެޅުމުން އަދި އެއްވެސް އަލާމާތެއް ހުރިނަމަ އެހެންމީހުންނާއި ބައްދަލުވެ ގައިގޯޅިވެ ނޫޅުމަށް އެޗްޕީއޭ އިން ވަނީ އެދިފައެވެ. 

މަންކީޕޮކްސްގެ އަލާމާތްތައް:

  • ހުން އައުން
  • ގައިގަރި ރިއްސުން 
  • ވަރަށް ބޮޑަށް ވަރުބަލިވުން
  • ބޮލުގައި ރިއްސުން
  • ކަރު، ކިހުލު އަދި އުކުޅުވަޅުގައި ގޮއްލުން 

މީގެ އިތުރުން އެޗްޕީއޭއިން ބުނީ، އެއް ދުވަހާއި ހަތަރު ދުވަހުގެ ތެރޭގައި ހަށިގަނޑުގައި ބިހިތައް ނަގަން ފަށާނެ ކަމަށާއި، މި ބިހިތައް ފުރަތަމަ ނަގާއިރު ހުންނަނީ ފަތިކޮށް ކަމަށެވެ. އެއަށް ފަހު ފެން ފޮޅަށްވެ، އޭގައި ދޮސް ލައި، އެ ފަޅައިގެން ގޮސް ކުރަލާ ކަމަށެވެ. ކުރައިގެ ދަށުން އާ ހަންގަނޑު އުފެދި، ކުރަ ވެއްޓެން ދެން ބަލި އެހެން މީހުންނަށް ފެތުރުމުގެ ފުރުސަތު އޮންނާނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ. 

އެހެން ކަމުން އަލާމާތްތަށް ފެންނަނަމަ އަވަހަށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭ އިން ވަނީ އެދިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް