ވާޓްސިލާގެ ޖަނަރޭޓަރު ސެޓްތައް އެންމެ ފުރުތަމަ ރާއްޖެއަށް ގެނެސްފައިވަނީ 1990 ވަނަ އަހަރުގައި މާލޭގައި ހުރި އިންޖީނުގެއަށެވެ.
އާއްމު ގޮތެއްގައު ޑީސަލް ޖަނަރޭޓަރު ތަކުގެ އުމުރަކީ، 25 އަހަރު ނަމަވެސް، މި ޖަނަރޭޓަރު ސެޓްތައް މިއަދާހަމައަށްވެސް ބޭނުންކުރެވެމުން ދާކަން ފާހަގަކޮށް ވާޓްސިލާއިން ވަނީ މި ޖަނަރޭޓަރުތަކުގެ މެއިންޓަނެންސް ބެލެހެއްޓުމުގައި، ސްޓެލްކޯގެ ގާބިލް އަދި ތަޖުރިބާކާރު އިންޖިނިއަރުންގެ މަސައްކަތް ފާހަގަކޮށް، އެމަސައްކަތަށް ތައުރީފްކޮށްފަ އެވެ.
ވާޓްސިލާއިން ރާއްޖެއަށް އެންމެ ފުރަތަމަ ފޮނުވީ ދެ ޖަނަރޭޓަރު ސެޓެވެ. 1990 ގައި ފޮނުވި މި ދެ ޖަނަރޭޓަރު ސެޓުގެ އިތުރުން، މާލޭ އިންޖީނުގެއަށް އިތުރު ހަ ޖަނަރޭޓަރުސެޓެއް ގެނެސްފައިވާކަން ފާހަގަ ކޮށްލެވެ އެވެ. އަދި ހުޅުމާލޭގައި އަޅާފައިވާ 50 މެގަވޮޓް އިންޖީނުގޭގައި ބޭނުން ކުރަމުންދަނީވެސް ވާޓްސިލާގެ ހަ ޖަނަރޭޓަރު ސެޓެވެ. އެއާއެކު ވާޓްސިލާގެ އިންޖީނުތަކުގެ ކެޕޭސިޓީ ޖުމްލަ 100 މެގަވޮޓަށް އަރައެވެ.
ޖަނަރޭޓަރުސެޓް ފޯރުކޮށްދިނުމުގެ އިތުރުން ވާޓްސިލާ ލައިފްސައިކަލް ސާވިސަސްގެ ހިދުމަތުގެ ދަށުން ވާޓްސިލާއިން ގެންދަނީ ސްޓެލްކޯގެ އިންޖިނިއަރުންނަށް ތަމްރީނުވެސް ފޯރުކޮށްދެމުންނެވެ.
މީގެ އިތުރުން ވާޓްސިލާގެ އެންމެފަހުގެ އުފެއްދުންކަމަށްވާ ސްޓޭޓް އޮފް ދަ އާޓް އިންޖިން ކޮންޓްރޯލް އެންޑް މޮނިޓަރިން ސިސްޓަމް މިހާރު ސްޓެލްކޯގައި ބޭނުން ކުރަމުން އަންނައިރު، މިއީ ޖަނަރޭޓަރުސެޓްތަކުން ކަރަންޓު އުފައްދަން ބޭނުންވާ ތެލުގެ މިންވަރު ކުޑަކޮށް، ވައި ތަގައްޔަރުވާ އިންސައްތަ މަދުކުރުމަށް އުފައްދާފައިވާ ސިސްޓަމެއް ކަން ފާހަގަ ކޮށްލެވެއެވެ.
މިކަމާއި ގުޅިގެން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓާ އަހްމަދު ޝަރީފް ވިދާޅުވީ ރާއްޖެފަދަ ޖަޒީރާ ރަށްތަކެއްގެ މައްޗަށް ބިނާވެގެންވާ އަދި ފަތުރުވެރިކަމުގެ ސިނާއަށް ބަރޯސާވާ ގައުމަކަށް ކަރަންޓު ފޯރުކޮށްދޭންޖެހޭ ނިޒާމު ތަފާތުވިކަމުގައި ވީނަމަވެސް ކަރަންޓުގެ ހިދުމަތް އެންމެ ފުރިހަމައަށް ފޯރުކޮށްދެވޭކަމަށާއި، އެއީ ވާޓްސިލާ ކުންފުނީގެ ޓެކްނިލަކް ގާބިލްކަމާއި، އެފަރާތުން ދެއްވާ ކަސްޓަމާ ސާވިސްގެ ފުރިހަމަކަމުން ކަމަށެވެ.
މި ގުޅުމާއި ގުޅޭ ގޮތުން ވާޓްސިލާ އެނާޖީގެ ދެކުނު އޭޝިއާގެ ޑިރެކްޓާ ހެންރީ ވޭން ބޮކްސްޓެލް ވިދާޅުވީ ދެ ކުންފުނީގެ ދެމެދުގައި ދިގު މުއްދަތަކަށް ދިމެގެން މިދާ ވަރުގަދަ ގުޅުމަކީ ވަރަށް ފާހަގަކޮށްލެވޭ ގުޅުމެއް ކަމަށާއި، 30 އަހަރު ވަންދެން ޖަނަރޭޓަރުތަކުން ކަރަންޓު ފޯރުކޮށްދެވުމުން އެނގެނީ ސްޓެލްކޯގެ އިންޖީނިއަރުންގެ ގާބިލްކަމާއި، މެއިންޓެނެންސްގެ މަސައްކަތުގެ ފުރިހަމަކަންކަމަށެވެ. އަދި ވާޓްސިލާ ގުރޫޕްގެ އުއްމީދަކީ އެކުންފުންޏާއި، ދިވެހި ސަރުކާރާއި، ސްޓެލްކޯއާ އޮންނަ ގުޅުން އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރާ މަރުހަލާގައިވެސް މިގޮތުގައި ދެމިއޮތުން ކަމަށެވެ.
ސްޓެލްކޯއަކީ ރާއްޖޭގެ އިންޖީނިއަރިން ދާއިރާގައި އެންމެ ތަޖުރިބާކާރު އަދި ގާބިލް އިންޖީނިއަރުންގެ ޕޫލް އޮތް ކުންފުންޏަށް ވާއިރު، އިންޖީނިއަރިން ފީލްޑްގައި 600 އަށްވުރެ ގިނަ މުވައްޒަފުން ސްޓެލްކޯގައި މިހާރުވެސް އަންނަނީ މަސައްކަތް ކުރަމުންކަން އެކުންފުނިން ފާހަގަ ކުރެއެވެ.