ads
އީސީގެ ރައީސް ފުއާދު ތައުފީގު
ސިޔާސީ ޕާޓީތަކަށް ވަންނަ މީހުންގެ ނަން އާއްމުކޮށް، މެސެޖުކުރަން ފަށައިފި
ސިޔާސީ ޕާޓީތަކަށް ވެއްދުމަށް ޕާޓީތަކުން ހުށަހަޅާފައިވާ މީހުންގެ ނަންތައް އާއްމުކޮށް، އެމީހަކަށް މެސެޖަކުން އެކަން އަންގަން އިލެކްޝަންސް ކޮމިޝަނުން ފަށައިފި އެވެ.

ވަގުފޯމު ހުށަހަޅާ މައްސަލަތައް ގިނަވެ، އެ މައްސަލަ ހައްލުކޮށް، ސިޔާސީ ޕާޓީތަކުގެ ދަފްތަރުގެ ސައްހަކަން އިތުރަށް ކަށަވަރު ކުރުމަށްޓަކައި އީސީން ވަނީ، ، ޕާޓީތަކަށް ވަންނަ މީހުންގެ މައުލޫމާތު އީސީގެ ވެބްސައިޓުގައި އާންމުކުރުމުގެ އިތުރުން އެމީހަކަށްވެސް މެސެޖަކުން އެކަން އަންގަން ނިންމާފަ އެވެ.

އެ އުސޫލު މިއަދު ތަންފީޒުކުރަން ފަށާ އީސީން އާއްމުކުރި އިއުލާނެއްގައި ބުނެފައިވަނީ، ފޯމުގައިވާ މައުލޫމާތުގެ ތެރެއިން އެފަރާތުގެ ފުރިހަމަ ނަމާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފަހު ތިން އަދަދާއި ދަފްތަރުކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ޕާޓީގެ ނަން ހިމެނޭގޮތަށް އާންމުކޮށް ކޮމިޝަނުގެ ވެބްސައިޓްގައި އާންމުކޮށްފައިވާނެ ކަމަށެވެ. އަދި ފޯމުގައި ދަފްތަރުވުމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ މޯބައިލް ނަންބަރަށް މެސެޖެއްވެސް ފޮނުވާފައިވާ ކަމަށެވެ. 

އީސީގެ ވެބްސައިޓުން ފެންނަ ލިސްޓާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއް ވާނަމަ ޝަކުވާ ހުށައަޅާ ފޯމު މެދުވެރިކޮށް، 29 މޭ 2022 ވާ އާދީއްތަ ދުވަހުގެ މެންދުރު ފަހުގެ 15:00 ގެ ކުރީން އީސީގެ މައި އިދާރާއަށް ވަޑައިގެން ފޯމު ހުށަހަޅައިގެން ނުވަތަ ކޮމިޝަންގެ އީމެއިލް އެޑްރެސް އަށް ފޯމު ފޮނުވައިގެން ޝަކުވާ ހުށަހެޅުމަށް އީސީން ވަނީ އެދިފައެވެ.

އީސީން މިއަދު އާއްމުކޮށްފައިވާ ލިސްޓުގައި އަލަށް ހުށަހެޅި ފޯމުތަކުގެ އަދަދު ތަކަކީ:

  • ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ 23 ފޯމު
  • މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)ގެ 105 ފޯމު
  • މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ 245 ފޯމު

ޕާޓީގެ މެމްބަރުން ވަގަށް ނަގާ ކަމުގެ ޝަކުވާތައް މިފަހުން ޕީޕީއެމްގެ އިތުރުން އެމްއާރްއެމްއިން ވެސް ވަނީ ކޮށްފައެވެ. އެމްއާރްއެމްއިން އެ ތުހުމަތު އަލަށް އުފެދުނު އެމްއެންޕީއަށް ކުރި އިރު، ޕީޕީއެމްގެ ތުހުމަތު ގިނަ ބޮޑެތި ޕާޓީތަކަށް ރައްދުވެއެވެ. އެޕާޓީން މިފަހުން ވަނީ ޕާޓީގެ 5000 މެމްބަރުން ވަގަށް ނެގިކަމުގެ ތުހުމަތެއްވެސް ކޮށްފައެވެ. އެޕާޓީތަކުގެ ތެރޭގައި އަދާލަތު ހިމެނެއެވެ.

މިމައްސަލާގައި އީސީގެ ރައީސް ފުވާދު ތައުފީގު “ސީއެންއެމް”އަށް ވިދާޅުވީ، އެ ޝަކުވާއަކީ ވަރަށް އާއްމު ޝަކުވާއެއް ކަމަށާއި، އެކަމުގައި އީސީއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އިގިލީގެ ނިޝާން ވެރިފައި ކުރެވޭނެ ރަނގަޅު ނިޒާމެއް ނެތުން ކަމަށެވެ.

އެ ނިޒާމު ގާއިމުކުރުމުގައި ބަޖެޓުގެ ތާށިކަން ވަރަށް ބޮޑަށް އެބައޮތްކަމަށާއި، ނިޒާމުގެ ބޭރުންވެސް ފޯމުގެ ސައްހަކަން ކަށަވަރުކުރުމަށް ގިނަ މަސައްކަތްތަކެއް އީސީން ފަށާފައިވާކަމަށް ފުވާދު ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް