އުމުރުން 17 އަހަރު، މަސްތުވާތަކެތި ހޯދަން ނުކުރާކަށް ކަމެއް ނެތް!
އުމުރުން 17 އަހަރު، މަސްތުވާތަކެތި ހޯދަން ނުކުރާކަށް ކަމެއް ނެތް!
Share
މިއީ މި ފުރަމާލޭގެ މަގުތައް މަތިން ފެނުނު އަންހެން ކުއްޖެއްގެ ވާހަކަ އެވެ. މަސްތުގެ ވަބާގެ ތެރެއަށް ގޮސް ގެއްލި އެކަމުން ސަލާމަތް ވާނެ މަގެއް ނުފެނި ހުރި ޒުވާނެއްގެ ވާހަކަ އެވެ. އަޅާލާނެ މީހެއް ނެތި ދުނިޔެއަށް ގިނަވެފައި ހުރި ކުއްޖެއްގެ ވާހަކަ އެވެ.
Advertisement

ފާތުމަތު ދީނާ (އަސްލު ނަމެއް ނޫން) އަށް މިއަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު 18 އަހަރު ވާނެ ކަމަށް ބުނެ އޭނާގެ ވާހަކަ ހިއްސާ ކުރަން ފެށި އެވެ. އުމުރުން އެންމެ 12 އަހަރުން ފެށިގެން ނުބާ އަމަލުތަކުގެ ތެރެއަށް ވަދެވުނު ގޮތުގެ ވާހަކަތައް އޭނާ ހިއްސާ ކުރީ، އެއީ މާބޮޑު ކަމެއްކަމުގައި ނުދެކި ހުރެއެވެ. 

އުމުރުން އެންމެ 12 އަހަރުގައި މަންމަ ދުނިޔެ ދޫކުރި ހިސާބުން އާއިލާ ތެރެއިން ބާކީވެ މުޖްތަމައުގެ ތެރެއަށް ގިނަވެގެން ދިޔައީ، ބައްޕަގެ ފަރާތުން ލިބެންޖެހޭ ލޯބި ނުލިބުމުން ކަމަށް ދީނާ ބުންޏެވެ. ބައްޕަ އަކީ ސަރުކާރުގެ މަތީ މަގާމެއްގައި ހުރި މީހެއް ނަމަވެސް ފައިސާ ފިޔަވާ ބައްޕަ އަށް އިތުރު ކަމެއް ދުނިޔޭގައި ނެތް ކަމަށް ދީނާ ބުންޏެވެ. އެންމެ ކުޑައިރުއްސުރެ ބައްޕަގެ ފަރާތުން ދީނާ ބޭނުން ހުރިހާ ކަމެއް ދިޔައީ ފުރިހަމަ ވަމުންނެވެ. 

"އެހެން ކުދިން ސުކޫލަށް ދާއިރު، ގެންދާނީ 20 ވަރަކަށް ރުފިޔާ. އެއީ ކެންޓީނުން ކާން ވެގެން. އެކަމު އަހަރެން އޭރު ގެންދެން 250 ރުފިޔާ ކޮންމެ ދުވަހަކު. މަންމަ މަރުވި ފަހުން އެއްވެސް ވަރަކަށް އަޅާލާނެ މީހެއް ނުހުރޭ. ގޯހާއި ނުބާ ބުނެދޭނެ މީހެއް ނުހުރޭ. ބައްޕަ އުޅެނީ އަބަދު މަސައްކަތުގަ. މަންމަ އާއި ބައްޕަ އަށް ލިބިފައި ހުރީ ހަމައެކަނި އަހަރެން ކަމުން ދެން ގޭގައި އިތުރު މީހެއް ނޫޅޭނެ. ބައްޕަ އުޅޭނީ ގިނައިން ރާއްޖެއިން ބޭރުގަ. ދެން ގޭގަ އޭރު ހުންނާނެ އަހަރެން ބަލަން މީހަކު ގެނެސްފަ. އެކަމު އެއީ ވަރަށް ކަޑަ މީހެއް." ދީނާ ބުންޏެވެ.

ދީނާ ބުނި ގޮތުގައި ބައްޕަ މާލޭގައި ނުހުންނަ ދުވަސްތަކު ސުކޫލަށް ދަނީ އެކަނި ކަމަށާއި، ސުކޫލް ނިންމާފައި ބައެއް ފަހަރު ރައްޓެހިންގެ ގެއަށް ދާކަމަށެވެ. އަދި އެހެން ގޮސް އުޅުމުގެ ތެރޭ އެ ކުދިންނާއި އެކު އަލަށް ސިނގިރޭޓެއް ބުއީ، އުމުރުން 12 އަހަރު ފުރުނު ދުވަހު ކަމަށާއި، އެދުވަހުގެ ފަހުން ހަޔާތުގެ މުޅިން އާ ދުވަސްތަކެއް ގުންނަ ފެށުނު ކަމަށެވެ. އޭގެ ފަހުން އެކުދިންނާއި އެކު ގޮސް "ބިޑި" ބޯލާ ހަދާކަމަށްވެސް ދީނާ ބުންޏެވެ. 

"އެއީ އަހަރެންގެ 12 ވަނަ އުފަން ދުވަސް. އެދުވަހު ރައްޓެހިން ބުނި ހިނގާށޭ މަޖާ ކޮށްލަން. ދެން އެދުވަހު އެގޭގައި ތިއްބާ އެތަނުން ކުއްޖެއް ދިނީ އަހަރެންނަށް ސިނގިރޭޓެއް. އެ ވަރަށް "ފައްކާ" ކަމަކަށް އަހަރެންނަށްވީ. އެދުވަހުގެ ފަހުން ދެން އެހެން އެއްޗެހިވެސް ބޯލަން އެހެން އުޅެލާފަ. އެންމެ ފައްކަލީ "ބިޑި" އެއީ ތަފާތު ކަމެއް. އޭރުވެސް އެނގޭ އެއީ އެހާ ރަނގަޅު ކަމެއް ނޫން ކަން. އެކަމު އެކަމަށް އަހަރެން އެޑިކްޓުވީ." ދީނާ ވާހަކަ ކިޔައިދިނެވެ.

ދީނާގެ އުޅުން ބަދަލުވެ، ގިނައިން ބޭރުގައި އުޅެން ފެށުމުން ގެއަށް އޭނާގެ ކަންކަން ބެލުމަށް ގެނެސް ހުރި މީހާ ބައްޕަ އަށް ގުޅާ އެވާހަކަތައް ކިޔައިދިން ކަމަށް ދީނާ ބުންޏެވެ. އަދި ޖެހިގެން އައި ދުވަހު ބައްޕަ މާލެ އައިސް އެގޮތަށް ބޭރުގައި އުޅެނީ ކީއްވެތޯ ދީނާ ކާރި އެހިކަމަށް ދީނާ ބުންޏެވެ. އެހެން ނަމަވެސް އެ ދުވަހު ބައްޕަ އަށް ދޮގު ހަދާ، ގޯސް ކޮށް ނޫޅޭ ކަމަށް ދީނާ ބުންޏެވެ. އަދި އެ ގެއަށް ދަނީ ކިޔަވަން ކަމަށްވެސް ބުނި ކަމަށް ދީނާ ކިޔައިދިނެވެ. 

އޭގެ އަހަރެއް ފަހުން އަނެއްކާވެސް ދީނާގެ އުފަން ދުވަހު ދީނާގެ އެކުވެރިން އޭނާ އަށް "ހަކުރު" ތައާރަފް ކޮށްދިން ކަމަށް ދީނާ ބުންޏެވެ. އޭގެ ފަހުން އަމިއްލަ ގޭގައިވެސް މަސްތުވާތަކެތި ބޭނުން ކުރާ ކަމަށާއި، ބައްޕަ އަށް އެކަން ފަޅާ އެރުމުން ދީނާ ރާއްޖެއިން ބޭރަށް ބަދަލުކުރަން އުޅުނު ކަމަށް ދީނާ ބުންޏެވެ. އެހެން ނަމަވެސް އެދުވަހު ގެއިން ފިލިގޮތަށް ދުވަހަކުވެސް ގެއަށް ނުދާން ނިންމީ ކަމަށް ދީނާ ބުންޏެވެ. އަދި ބައްޕަގެ އަތުން ފައިސާ ދެން ނުލިބޭނެ ކަން އެނގުމުން ފައިސާ ހޯދުމަށް އިތުރު ގޮތް ހޯދީ ކަމަށް ދީނާ ބުންޏެވެ. 

"ގެއިން ފިލައިގެން ގޮސް ފުރަތަމަ ހުރީ ފްރެންޑެއްގެ ގޭގަ. އެގޭގަ ހުރެ މާބޮޑަށް "ސިކް" ވާން ފެށުމުން މަސްތުވާތަކެތި ހޯދާނެ ގޮތެއް ބެލީ. ބައްޕަ އަތުން ލާރި ނުލިބޭނެ ކަން އެނގުމުން ދެން ބެލީ އެހެން ގޮތެއް. ފަސޭހަ ގޮތެއް ބެލީ. އެކުވެރިޔާ ބުނި ފައިސާ ހޯދާނެ ގޮތުގައި ހިފައިގެން އަހަރެން އެގޮތަށް ދެން ފައިސާ ހޯދަން ފެށީ. މީހުން ކާރިއަށް ގޮސް ނިދާލީމަ އެބަލިބޭ 1000 ރުފިޔާ އޭގެން ވީކް އެއް ވަރު އުޅެލެވޭ. އެކަމު ފަހުން އައިސް ގިނައިން ހޯދަން ވެގެން އަބަދުވެސް އެ ނުބައި ކަންކަން ކުރުމަށް ދަނީ. ބައެއް ވީކް ތަކުގަ އެބަލިބޭ 12000 ވަރު. ސަޅިއެއްނު." ދީނާ ބުންޏެވެ.

ދީނާގެ ބައްޕަ އަކީ ސަރުކާރުގެ މަތިފަޑީގެ މީހެއް ކަމުން ދީނާ ހޯދުމަށް ތިން ފަހަރު ފުލުހުން އައި ކަމަށްވެސް އޭނާ ބުންޏެވެ. އެހެން ނަމަވެސް ގެއަށް ގެންދާ ކޮންމެ ފަހަރަކުވެސް ފިލައިގެން އަނެއްކާވެސް އެ އަމަލުގެ ތެރެއަށް އަންނަނީ ކަމަށް ދީނާ ކިޔައިދިނެވެ. 

"ބައްޕަ އަކީ ޕޮލިޓިކަލް މީހެއް. ބައްޕަގެ ނަމެއް ނުބުނާނަން. އޭރުން ކަޑަވާނެ. ބައްޕަ އަހަރެން ކާރީ ބުނި ގޭގަ އޮވެގެން ކުރާ ކަމެއް ކުރާށޭ. ބޭނުން ވަރަކަށް ލާރި ދޭނަމޭ. އެކަމު އަހަރެން ބޭނުންވަނީ "ފަން" ކޮށްލައިގެން ލާރި ހޯދަން. އެހެންވެ ގެއިން ފިލަނީ. އެންމެ ފަހުން ފިލިފަހުން ބައްޕަ މިގެއަށް އައިސް ބުނި ދެން ދުވަހަކުވެސް ގެއަށް ނުގެންދާނެ ކަމަށް. އަދި އަހަރެން މިއީ ދަރިއެއް ކަމަށްވެސް ނުބަލާނެ ކަމަށްވެސް ބައްޕަ ބުނި. އަހަރެންނަށް މާސަޅި މިގޮތް." ދީނާ ބުންޏެވެ.

ދީނާ ވާހަކަތައް ނިންމާލަމުން ބުނީ، އޭނާވެސް މި ނުބާ ވަބާއިން ސަލާމަތްވާން ބޭނުންވާ ކަމަށެވެ. އެހެން ނަމަވެސް ދުވަހަކުވެސް މިކަމުން ސަލާމަތް ވާނެހެން ހީނުވާ ކަމަށް ދީނާ ބުންޏެވެ. އަދި މިހާރުގެ ދިރިއުޅުން މާ ފަސޭހަ ކަމަށާއި، މާލޭގެ އޭނާއަށް ފައިސާ ހޯދޭނެ ބައިވަރު ގޮއްތަށް ހުރި ކަމަށް ބުންޏެވެ. އަދި ދެން ދުވަހަކުވެސް ބައްޕަ ކާރިއަށް ދިރިއުޅެން ނުދާނެ ކަމަށާއި، މި ވަބާގައި ޖެހުނީ ބައްޕަގެ ފަރާތުން ދޭންޖެހޭ ލޯއްބާއި އަޅާލުން ނުލިބުމުން ކަމަށް ދީނާ ބުންޏެވެ. 

4%
ކަމުގޮސްފި
8%
އަޑުއެހިތާ މިހުރީ
32%
ސަތޭކައަކުން ސުމެއް
56%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް