
މި އަހަރު ރާއްޖެއިން ހައްޖަށް ދިއުމަށް ސައުދީ ސަރުކާރުން ދީފައިވަނީ، 453 ކޯޓާއެވެ. އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ މި އަހަރު ހައްޖަށް މީހުން ގެންދިއުމަށް އެހެން ފަރާތްތަކަށް ފުރުސަތު ނުދޭން ނިންމީ ހައްޖަށް މީހުން ގެންދިއުމުގައި އަމިއްލަ ޖަމިއްޔާތަކަށް ހުޅުވާލައިގެން، ޕްރޮޕޯސަލް ހުށަހަޅައި އިވެލުއޭޓް ކުރުމަށް އެކަށީގެންވާ މުއްދަތެއް ނެތުމުން ކަމަށެވެ.
އަދި މި އަހަރު ރާއްޖެއިން ހައްޖަށް މީހުންނަށް ދެވޭނީ ހަމައެކަނި ހައްޖު ކޯޕަރޭޝަންގެ ދަށުން ކަމަށް ސަރުކާރުން ކަނޑައަޅާފައި ވާކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
މީގެ އިތުރުން މިނިސްޓްރީން ބުނީ، މި އަހަރު ހައްޖަށްދާ މީހުންގެ ތެރެއިން 100 ކޯޓާ، އާންމުންނަށް ހުޅުވާލައިގެން ހައްޖަށް މީހުން ގެންދިއުމަށް ހައްޖު ކޯޕަރޭޝަނަށް އަންގާފައިވާނެ ކަމަށާއި، މި 100 ކޯޓާއަށް މިހާރު ހައްޖު ކޯޕަރޭޝަންގެ ކިޔޫގައި ތިބި ފަރާތްތަކަށް ވެސް މި އަހަރު ހައްޖަށް ދިއުމަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
އާންމުންނަށް ހުޅުވާލާ 100 ކޯޓާއަށް ކުރިމަތިލުމުގެ އުސޫލެއް ހައްޖު ކޯޕަރޭޝަނުން ވަރަށް އަވަހަށް އާއްމު ކުރާނެ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ސައުދީ އިން މި އަހަރު ހައްޖު ވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ، އެއް މިލިއަން މީހުންނަށެވެ. އޭގެ ތެރޭ 850،000 މީހުންނަކީ ދުނިޔޭގެ ގައުމުތަކުން ހައްޖުވާން އަންނަ މީހުންނެވެ. ބާކީ 150،000 މީހުންނަކީ ސައުދީ މީހުންނެވެ.