ads
މިއަދުގެ ޖަލްސާގެ ތެރެއިން--
މިއަދުވެސް މަޖިލިސް ނިންމާލީ ކުރާނެ މަސައްކަތެއް ނެތިގެން
ބޮޑު ޗުއްޓީއަކަށްފަހު ބޭއްވި މިދައުރުގެ ފަސްވަނަ ޖަލްސާވެސް ކުރާނެ މަސައްކަތެއް ނެތިގެން ނިންމާލައިފި އެވެ.

ބޮޑު ޗުއްޓީއަކަށްފަހު ރައްޔިތުންގެ މަޖިލީހުގައި ދެވަނަ ދައުރުގެ ޖަލްސާތައް ފެށުނީ މިމަހުގެ 16ވަނަ ދުވަހު އެވެ. މިހާތަނަށް ބޭއްވި ހަތަރު ޖަލްސާގައިވެސް އޮތީ މިނިސްޓަރުންނާއި ސުވާލު ކުރުމެވެ. މަޖިލީހުގައި ބަހުސް ކުރުމަށް ބައެއް މެމްބަރުން ހުށަހެޅުއްވި ބިލުތައް ވެސް ބަހުސްކުރަން ފާސްވެސް ނުވެ، ވަނީ މަޖިލީހުގެ ތަޅުމުން ބޭރުވެފަ އެވެ.

މިއަދުގެ ޖަލްސާގައިވެސް އޮތީ ސުވާލާއި ޖަވާބުގެ ސެޝަންއެކެވެ. އެއީ ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާއަށް ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ލިއުމުން ޖަވާބު ހޯދަން ފޮނުވި ސުވާލަކާއި، މަނަދޫ ދާއިރާގެ މެންބަރު އަހްމަދު ހާރޫން، ހެލްތު މިނިސްޓަރު އަހްމަދު ނަސީމަށް، ލިޔުމުން ޖަވާބު ހޯއްދެވުމަށް ކުރައްވި ސުވާލާއި އޭގެ ޖަވާބެވެ. 

އެއަށްފަހު އޮތީ ޖަރުމަނުވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އަހްމަދު ލަޠީފް، ހ.ސީވީޑް، އަނބުރާ ގެންނެވުމަށް ނިންމަވައި، އެމަޤާމަށް، އާއިޝަތު ޝާން ޝާކިރު، ގ.ޕެންޒީމާގެ، ހަމަޖެއްސެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަގެ ކޮމެޓީ ރިޕޯޓު އިއްވުމެވެ.

މިިރިޕޯޓު ފާސްކުރުމަށްފަހު އިތުރު މަސައްކަތެއް ނެތިގެން މަޖިލީސް ވަނީ ނިންމާލާފަ އެވެ. 88 މެމްބަރުން ތިއްބަވާ މިއަދުގެ ޖަލްސާއަށް ހާޒިރުވެތިއްބެވީ އެންމެ 27 މެމްބަރުންނެވެ. ހަތް މެމްބަރަކު ސާލާމުގައި ތިއްބެވިއެވެ.

ޖަލްސާ ނިމުމަކަށް ދިއުމުން ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ނިޒާމީ ނުކުތާއެއް ނަންގަވާ، ވިދާޅުވީ، މިހާރު މަޖިލީހަށް އެއްވެސް ޒިންމާއެއް ނޯންނަ ކަމަށާއި، ކޮންމެ ދުވަހަކު މަޖިލިސް ފެށުމަށްފަހު ޖެހެނީ ނިންމާލަން ކަމަށެވެ. 

"އަޅުގަނޑު ހިތަށް އަރާ ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާ ނޫނީ އެމްޑީޕީން ހިފައިގެން އައި ލެޖިސްލޭޓިވް އެޖެންޑާ ފުރިހަމަ ވީތޯ ހަދަން ހުރި ގާނޫނުތައް ހަދާ ނިމުނީތޯ؟ އަޅުގަނޑުމެން ގެންނަ އެއްޗެއް މިތަނުން ބަލައެއް ނުގަނޭ އެހެންވީމަ އިނގޭތޯ." ޝިޔާމް ސުވާލުކުރެއްވިއެވެ.

 

ޝިޔާމް ވިދާޅުވީ، މަޖިލިސް ނުލާ ދައުލަތެއް ނުހިގާނެ ކަމަށާއި، މަޖިލީހުގެ ގާނޫނު ޑްރާފްޓު ކުރަންޖެހޭ ހިސާބަށް އެކަން ހިގައްޖެ ކަމަށެވެ. 

އެއަށްފަހު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ދެން މަޖިލިސް އޮންނާނީ މާދަމާ ކަމަށް އިއުލާންކުރައްވާ މަޖިލިސް ނިންމަވާލައްވާފަ އެވެ.

ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި ވެސް އޮތީ ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް، ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް އާއި ސުވާލުކުރުން އެކަންޏެވެ. އެއަށްފަހު އިތުރު މަސައްކަތެއް ނެތުމުން މަޖިލީހުގެ ޖަލްސާ ވަނީ ނިންމާލާފައެވެ.

ދެވަނަ ޖަލްސާވެސް ހައުސިން ހައުސިން މިނިސްޓަރު، މުހައްމަދު އަސްލަމްއާއި ސުވާލުކުރުމަކުން ނިންމާލީއެވެ. އެ ޖަލްސާ ނިންމަވާލައްވަމުން އެދުވަހު ނަޝީދު ވިދާޅުވީ، މަޖިލީހުގައި މަސައްކަތް ނެތީ، ސަރުކާރުން، އަދި މެމްބަރުން ބިލު ނުފޮނުވާތީ ކަމަށެވެ. 

"މި މަޖިލީހަކީ ދެބާވަތުގެ މަސައްކަތް ކުރާ ތަނެއް، އެއް ކަމަކީ ސަރުކާރު ޖަވާބުދާރީ ކުރުވުން، އަނެއްކަމަކީ ގާނޫނު ހެދުން. އޭގެ އެއްބާވަތެއްގެ ތެރޭގައިވެސް މަސައްކަތް އުފެދިގެން އަންނަނީ، ގާނޫނު ހެދުމުގެ މަސައްކަތް އުފެދިގެން އަންނަނީ ސަރުކާރު މިތަނަށް ބިލު ފޮނުވައިގެނާއި، މެމްބަރުން ބިލު ހުށަހަޅައިގެން" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސަައްކަތް އަންނަނީ، މަޖިލީހަށް ބިލު ހުށަހަޅައިގެންނާއި، ވަކިކަކަމަކާއި ބެހޭގޮތުން ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ސުވާލެއް ކުރުން ނުވަތަ ބަހުސެއް ކޮށް ކޮމެޓީއެއްގައި ދިރާސާއެއް ކުރުމުން ކަމަށެވެ. އެބާވަތުގެ އެއްވެސް މަސައްކަތެއް އެދުވަހުވެސް ނެތުމުން މަޖިލީސް ނިންމާލީ ކަމަށް ވިދާޅުވިއެވެ.

ނަމަވެސް މިހާތަނަށް ބޭއްވި ފަސް ޖަލްސާއަށް ހުށަހެޅި ބިލެއްވިޔަސް ބަހުސްނުކޮށް ބޭރުކޮށްލާ، މަސައްކަތެއް ނެތިގެން ނިންމާލާފައިވާއިރު، މާދަމާވެސް އޮތީ ސުވާލާއި ޖަވާބުގެ ސެޝަންއެކެވެ.

މިދައުރު މިހާތަނަށް ބޭއްވި ޖަލްސާގައި ކުރި މަސައްކަތްތައް

ފުރަތަމަ ޖަލްސާ

ޖުމްލަ 88 މެމްބަރުން ތިއްބަވާ މަޖިލީހުގެ މި ޖަލްސާއަށް ހާޒިރުވެ ވަޑައިގެން ތިއްބެވީ އެންމެ 34 މެމްބަރުންނެވެ. 

  1. ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް، ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް އާއި ސުވާލުކުރުން

ދެވަނަ ޖަލްސާ

ޖުމްލަ 88 މެމްބަރުން ތިއްބަވާ މަޖިލީހުގެ މި ޖަލްސާއަށް ހާޒިރުވެ ވަޑައިގެން ތިއްބެވީ އެންމެ 29 މެމްބަރުންނެވެ. ސަލާމުގައި ހަތަރު މެމްބަރުން ތިއްބެވިއެވެ.

ފެލިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަޟުލް ރަޝީދު، އަދި ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން، ހައުސިން މިނިސްޓަރު، މުހައްމަދު އަސްލަމްއާ ސުވާލުކުރުން

ތިން ވަނަ ޖަލްސާ

މަޖިލީހަށް ހާޒިރިރުވީ، 28 މެންބަރުންނެވެ. ސަލާމުގައި 4 މެމްބަރުން ތިއްބެވިއެވެ.

  • ފިޝަރީޒް މިނިސްޓަރު ޑރ.ހުސައިން ރަޝީދު އާ ސުވާލުކުރެއްވުން
  • ޕެންޝަނާ ބެހޭ ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ ކަންކަން އެންމެ އެދެވޭ ގޮތެއްގައި ޕެންޝަންގެ ހައްގުވެރިންނަށް ލިބެމުންނުދާކަމުގެ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް މެންބަރު ރިޔާޒް ހުށަހަޅުއްވާފައިވާ މައްސަލަ. މިމައްސަލައަށް ބަހުސްވެސް ނުކޮށް މަޖިލީހުން ވަނީ ބޭރުކޮށްލާފަ

ހަތަރުވަނަ ޖަލްސާ

މަޖިލީހަށް ހާޒިރުވެތިއްބެވީ 26 މެންބަރުންނެވެ. އަދި ސަލާމުގައި 4 މެމްބަރުން ތިއްބެވިއެވެ.

  1. ސަރުކާރުގެ ފަރާތުން، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު މުމްތާޒް ހުށަހަޅުއްވާފައިވާ، ދައުލަތުގެ މާލިއްޔަތުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުން
  2. ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން، ފިޝަރީޒް މިނިސްޓަރު ޑރ. ސައިން ރަޝީދު ހަސަންއާ ސުވާލުކުރެއްވުން
  3. މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހަޅުއްވާފައިވާ މައްސަލަ ހުށަހެޅުއްވުން. މި މައްސަލަ މަޖިލީހުގައި ބަހުސްކުރުމަށް ފާހެއްނުވި

ފަސްވަނަ ޖަލްސާ

މަޖިލީހަށް ހާޒިރުވެތިއްބެވީ 27 މެންބަރުންނެވެ. އަދި ސަލާމުގައި ހަތް މެމްބަރުން ތިއްބެވިއެވެ.

  1. ތިމަރަފުށި ދާއިރާގެ މެންބަރު ރިޔާޒް، ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާއާ ލިޔުމުން ޖަވާބު ހޯއްދެވުމަށް ކުރައްވާފައިވާ ސުވާލުގެ ޖަވާބު އިއްވެވުން
  2. މަނަދޫ ދާއިރާގެ މެންބަރު އަހްމަދު ހާރޫން، ހެލްތު މިނިސްޓަރު ނަސީމްއާ ލިޔުމުން ޖަވާބު ހޯއްދެވުމަށް ކުރައްވާފައިވާ ސުވާލުގެ ޖަވާބު އިއްވެވުން
  3. ޖަރުމަނުވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އަހްމަދު ލަޠީފް، އަނބުރާ ގެންނެވުމަށް ނިންމަވައި، އެ މަޤާމަށް، އާއިޝަތު ޝާން ޝާކިރު، ހަމަޖެއްސެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ. 

(މި މައްސަލަގައި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅުއްވައި ބަހުސްކުރެއްވުމަށްފަހު، ޖަރުމަނުވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް އާއިޝަތު ޝާން ޝާކިރުގެ ނަންފުޅު މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.)

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް