ads
ޑރ. ޖަމީލް-- ފޮޓޯ: ސަން
އަނދުން ހުސެއިންގެ ވާހަކަ ކުށްވެރިކޮށް ފިޔަވަޅު އަޅަންޖެހޭ: ޖަމީލް
މާލެއަށް ޖެހިފައި އޮތް ހާލަތަކީ ފަލަސްތީނަށް ޖެހިފައި އޮތް ހާލަތު ކަމަށް ވިދާޅުވެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ދެއްކެވި ވާހަކަތައް އެމްޑީޕީން ކުށްވެރިކޮށް ފިޔަވަޅު ނާޅައިފިނަމަ އެކަމަކީ އެ ޕާޓީ ގަބޫލުކުރާ ކަމެއް ކަމަށް ބެލެވޭ ކަމަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމުގައި ރޭ ހުސައިން ޝަހީމް ސިފަކުރެއްވީ މާލެއަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަކީ ފަލަސްތީނު ރައްޔިތުންގެ އަތުން އެމީހުންގެ ބިންތައް އެހެން ބަޔަކު ފޭރިގަނެފައިވާ ފަދަ މައްސަލައެއްގެ ގޮތުގަ އެވެ.  

"އަށްޑިހަ، ނުވަދިހަ އަހަރުވީ އަޅުގަނޑުމެންގެ [މާލޭ ރައްޔިތުންނަށް] ފްލެޓްގަނޑެއް ބިންކޮޅެއް ނުލިބިދާތާ. މުޅި މާލެ ހިއްކާ، ކޮންމެ ސަރުކާރަކުން ހައްގުވެރިންނަށޭ އޭގެ އެންމެ ބޭނުން ޖެހިފައި ތިބި މީހުންނަށޭ، ކިޔާފައި ބަހައްޓާފާ ހިއްކާލަ ބިންކޮޅު ހިތުހުރި ގޮތަކަށް ބަހާލަފައި. މީއީ މާލޭ މީހުންގެ ރަށެއް،" އޭނާ ވިދާޅުވި އެވެ. 

ޝަހީމް ވިދާޅުވީ މާލޭ ރައްޔިތުންގެ ދިފާއުގައި ވާހަކަދައްކަނީ ރާއްޖެތެރެ ރައްޔިތުންނާ ތަފާތު ކުރަން ނޫން ކަމަށާއި، ނަމަވެސް މާލޭ ރައްޔިތުންގެ ހައްގުގައި އަބަދުވެސް ވަކާލާތު ކުރާނެ ކަމަށެވެ.

މިހެންވެ މިއަދު ޑރ. ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޝަޙީމްގެ ވާހަކަތަކުން އަތޮޅުތެރޭގެ ރައްޔިތުންނާމެދު އެމްޑީޕީގެ އިސްވެރިންގެ ހަސަދަ އޮތް މިންވަރު ސާބިތުވާ ކަމަށެވެ.

ޝަހީމްގެ ވާހަކަތަކަށް ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވަމުން އަންނައިރު ސްތީނުގެ މުސްލިމުން އުޅޭ ގޮތާއި މާލޭ މީހުންގެ ބޯހިޔާވަހިކަމުގެ މައްސަލައާ އަޅާ ނުކިޔޭނެ ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފަ އެވެ.  

ޝަހީމްގެ ވާހަކައާ ގުޅިގެން ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިޒްރޭލުގެ ނުލަފާ މީހުންނާއި ރާއްޖެތެރޭ މީހުންނާ އެއް ހަމައަކުން މިނެކިރުމުން ލަދުވެތިވާ ކަމަށެވެ. 

"އިޒްރޭލުގެ ނުބައި ނުލަފާ މީހުންނާއި އެއް ހަމައަކުން މި ރާއްޖޭގެ "ރާއްޖެތެރޭ މީހުން" މިނެކިރާތީ އެކަމާ ލަދުވެތިވެ، ކަންބޮޑުވެ، ދެރަވޭ. އަޅުގަނޑުވެސް ގަބޫލުކުރަން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ވެސް ބޯހިޔާވަހިކަން ކަށަވަރު ވާން ޖެހޭނެ ކަމަށް. އެކަމަކު ތަފާތުކުރުން ނައްތާލަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަކީ ދިވެހިންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ އެވެ. މަރުކަޒު ކުރުމުގެ ޒަމާންވީ ސިޔާސަތާއެކު މާލެ ތޮއްޖެހި، މާލެ އާއި އެކި ރަށްރަށުގެ މީހުން ވެސް މާލޭގައި ދިރިއުޅެނީ ވަރަށް ހާލުގަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް