ads
މޯލްޑިވްސް ޔޫތު ފޯރަމް: ފައިލް ފޮޓޯ
ވަޒީފާ ހޯދަން ޒުވާނުން އުޅެންޖެހޭ ހާލު: ނެތްތަ ޖޮބެއް؟
މިއަދު މިއުޅެނީ ރާއްޖޭގެ ޅަފަތުގެ ޑިމޮކްރެސީގެ ވާހަކަ ދައްކާލާށެވެ. ނޫނީ ސިޔާސީ މީހުންގެ ރުހުން ހޯދަން ކުރަންޖެހޭ މަސައްކަތުގެ ވާހަކަތައް ބުނެލަދޭށެވެ.

މަލްޓި ޕާޓީ ޑިމޮކްރަސީ ރާއްޖެއަށް ގެނައީ ޑިމްކޮރެޓިވް ގޮތުންވެސް ހުރިހައި ކަމެއް ހަމަ ފަސޭހަ ކޮށްލަންވެގެންނެވެ. ބައެއް މީހުންނަށް ކަންކަން ފަސޭހަ ވިޔަސް އަނެއްބައި މީހުން ތިބެން މިޖެހެނީ އެއްވެސް ކަމެއް ނުވެ ބާކީވެފައެވެ. މައްސަލައަކީ ވެސް މިއެވެ. ހަމަ ހަމަ ކަމެއްވެސް ނެތެންނޫން ހެއްޔެވެ. "ޑިމޮކްރަސީ އައިސްގެން" އެއްބަޔަކު "ޕާޓީ ކުރިއަސް" އަނެއްބަޔަކު އިގްތިސާދީ ގޮތުން ތިބީ ވަރަށް ދެރަނިކަމެތި ހާލަތެއްގައެވެ. ހާއްސަކޮށް ދިވެހި ޒުވާނުންގެ ބޮޑު އާބާދީ އެއް ތިބީ އަނގަޔާ އަތާ ދިމާނުވެއެވެ. 

މިސާލަކަށް ދައުލަތުގެ ވަޒީފާއެއް ނޫނީ ކުންފުންޏެއްގެ ވަޒީފާއަކަށް އިއުލާނުކުރުމުން އެތަކެއް ޒުވާނުން އެބަ ޝައުގުވެރިކަން ފާޅުކުރެއެވެ. މި ވަޒީފާ ހޯދުމަށްޓަކައި ލިބިފައި ހުރި ހުރިހައި ތައުލީމަކާއި ތަޖުރިބާއެއް އެބަ އެފަރާތަަކަށް ހިއްސާކުރެއެވެ. ވަޒީފާ ހޯދުމުގެ ބޭނުގަ އެވެ. ނަމަވެސް ކަން ވަނީކީ މިހެނެއް ނޫނެވެ. ވަޒީފާގެ ރުހުން ހޯދަންޖެހެނީ މުޅިން އެހެން ދޮރަކުންނެވެ. ކޮންމެވެސް ސިޔާސީ މީހެއް ނޫނީ ދާއިރާގެ މެންބަރަށް ގުޅައިގެންނެވެ. މިނޫން ގޮތެއް ހަމަ ނެތީ އެވެ. މި ސަގާފަތް ބަދަލުވިތަނެއް ނުފެނެއެވެ.  

ކޮންމެ ސަރުކާރަކުންވެސް އިންތިހާބުވެގެން އަންނަނީ އެތަކެއް ވައުދުތަކެއް ހިފައިގެންނެވެ. ހާއްސަ ގޮތެއްގައި ޒުވާނުން ބާރުވެރިކޮށް ވަޒީފާ ނެތް ފަރާތްތަކަށް ވަޒީފާ ދޭނެ ކަމުގެ މޮޅު ވާހަކަތައް ދައްކައިގެންނެވެ. ނޫނީ ނިމިދިޔަ ސަރުކާރުތަކުގެ ވަޒީފާ ތަކުން ވަކިކޮށްފައި ތިބި މީހުންނަށް އެ މީހުންގެ ހައްގުތައް ހޯދައިދޭނެ ކަމަށް ބުނަމުންނެވެ. 

ސަރުކާރުތަކުގެ ސިޔާސީ ވަޒީފާތައް އޮތް މިން މިންވަރު

ރައީސް ޔާމީނުގެ ސަރުކާރުގައި 700 އަށް ވުރެ ގިނަ ސިޔާސީ ވަޒީފާ އުފައްދައި މީހުން މަގާމުތަކަށް އައްޔަންކުރި އެވެ. 

ރައީސް ސޯލިހުގެ ސަރުކާރު އައީވެސް ސިޔާސީ ވަޒީފާތައް ކުޑަކުރާނެ ކަމުގެ ވައުދާއެކުގައެވެ. ނަމަވެސް ދުވަހެއް ދުވަހަކަށް ވަޒީފާތައް އުފައްދަން ޖެހެނީ ކަންނޭގެ އެވެ. މިހާރުގެ ސިޔާސީ ވަޒީތަކުގެ އަދަދަށް ބަލާއިރުވެސް 970 އެއްހާ ސިޔާސީ ވަޒީފާތައް ރައީސް ސޯލިހް އުފައްދަވައިފިއެވެ. 

ސަރުކާރު ނިމިގެންދާއިރު މިއަދަދު ހާހަކަށް އެރުމަކީވެސް އެކަށީގެންވާ ކަމެކެވެ. 

ސިޔާސީ ވެރިން އެމީހުން ބޭނުން ގޮތަކަށް ވަޒީފާތަކުގެ ބޭނުން ހިފައި އެމީހަކު ބޭނުން މީހަކަށް ހަމަ ދެނީ އެވެ. މިކަމުގެ ސަބަބުން ރަގަޅު ތައުލީމު ލިބި ގާބިލް ޒުވާނުން ވަޒީފާގެ މާހައުލުގައި ބާކީވެގެން ދާންޖެހޭ ސަބަބަކީ ވަރަށްވެސް ބޮޑު މައްސަލައެއްކަމުގައި ދެކެމެވެ. 

ވަޒީފާތައް ދިނުމުގެ ބާރުތައް ސަރުކާރުން އުފައްދާފައި ތިބި ސިޔާސީ ފަރާތްތަކުގެ މުށުތެރަށް ލުމުން ދައުލަތް ހިންގުމުގައި ނުހަނު ފަސޭހަ ވާނެކަމަށް ގައުމުގެ ވަލިއްޔުލް އަމުރަށް ހީވި ކަމުގައިވިޔަސް އަޅުގަނޑު ދެކޭ ގޮތުގައި މީ ވަރަށް ބޮޑު ކުށް ހީއެކެވެ. މިކަމުގެ ސަބަބުން ވަޒީފާތަކަށް ހޯދަންޖެހޭ ގާބިލް މީހުން ވަޒީފާތަކަށް ނުލިބި ބާކީވުމަކީ ގައުމުގެ ތަރައްގީ އާއި އިގްތިސާދަށްވެސް ލިބިގެންދާނެ ބޮޑު ހީނަރުކަމެކެވެ. އަދި އޮންނަންޖެހޭ ހަމަހަމަ ކަމާއި އިންސާފުގެ މަގުންވެސް ނެއްޓިގެންދާނެ ކަމެއް ކަމުގައި ދެކެމެވެ. 

މިއީ ހަގީގަތެވެ. އަދި މިއީ ބޮޑު މައްސަލައެކެވެ. ސިޔާސީ ކުލައެއްގައި ނެތީމައި ގާބިލް މީހުން އެބަ ބާކީވެއެވެ. މިއީ އިންސާފެއް ނޫނެވެ. އަދި ރައްޔިތުންގެ ފައިސާއިން ޕާޓީ މީހުންނަށް ވަޒީފާ ދިނުމަކީ ބޮޑު އިޝްރާފެކެވެ. ކަންކަން އިސްލާހު ކުރަން ބޭނުންނަމަ މިކަންކަން ރަނގަޅު ކުރަން ޖެހެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް