ads
ޖާބިރު
ރާއްޖޭގައި މެޑިކަލް މަރުވާނާ ހުއްދަކުރަން ޖާބިރު ގޮވާލައިފި
ދިވެހި ރާއްޖޭގައި "މެޑިކަލް މަރުވާނާ" ހުއްދަ ކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު، އަދި ދިވެހި ރައްޔިތުންގެ ޕާޓީގެ ލީޑަރު އަބްދުﷲ ޖާބިރު ގޮވާލައިފި އެވެ.

ސީއެންއެމް ގެ "އިތުރު ކާފު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޖާބިރު ވިދާޅުވީ، ރާއްޖެއަށް ދިމާވެފައިވާ މަސްތުވާތަކެތީގެ ވަބާއިން ގައުމުގެ މުސްތަގުބަލު ސަލާމަތް ކުރެވޭނީ، ބޭހުގެ ގޮތުގައި މަރުވާނާ ހުއްދަ ކުރެވިގެން ކަމަށާއި، "މެޑިކަލް މަރުވާނާ" އަކީ ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި މިހާރުވެސް މީހުން ރިހެބިލިޓޭޓް ކުރުމަށް ބޭނުން ކުރާ އެއްޗެއް ކަމަށެވެ. 

"މެޑިކަލް މަރުވާނާ ހުއްދަ ކުރާށޭ. އެއީ ހަކުރާއި، މިކަންތައް ތަކުން މީހުން ސަލާމަތް ކުރުމަށް ބޭނުން ކުރާ ބޭހޭ. މެޑިކަލް މަރުވާނާވެސް ހުއްދަ ކުރާށޭ. ދުނިޔޭގެ ތަންތާ ހުއްދަ ކުރަމުންނޭ އެދަނީ. ކީއްވެހޭ އަޅުގަނޑުމެން ޒައްގޫމަށް ދަންދެން ރައްޔިތުން މި ބޯން ޖެހިގެން މިއުޅެނީ. ކީއްވެގެންތޯ ވަކި ކަންތައްތަކަށް އަޅުގަނޑުމެން ލުއި ނުދޭންވީ. ބޭސްވެރި ކަމަށްޓަކައި މީހުން ރަނގަޅު ކުރުމަށްޓަކައި، މީހުން ރިހެބިލިޓޭޓް ކުރުމަށް ޓަކައި ހުއްދަ ދޭން ޖެހޭ." ޖާބިރު ވިދާޅުވި އެވެ.

ޖާބިރުގެ ވާހަކަފުޅުގައި ވިދާޅުވީ، މެޑިކަލް މަރުވާނާ ހުއްދަކުރުމަށް ގޮވާލަނީ، އެއީ ބޭސްވެރިކަމަށް ބޭނުން ކުރާ އެއްޗަކަށް ވުމުން ކަމަށެވެ. އަދި ރާއްޖެއަށް މަސްތުވާތަކެތި އެންމެ ގިނައިން އެތެރެ ކުރަނީ ސިޔާސީ ބޭނުމަށްޓަކައި ކަމަށާއި، އެކަމުގެ ސަބަބުން ހަލާކުވެފައި ތިބި ޒުވާނުންނަށް މެޑިކަލް މަރުވާނާއިން ފަރުވާ ދެވޭނެ ކަމަށެވެ. 

"އަޅުގަނޑު މި ދައްކަނީ ދިވެހި ރައްޔިތުން ރިހެބިލިޓޭޓް ކުރުމަށްޓަކައި މެޑިކަލް މަރުވާނާ ހުއްދަ ކުރަން ޖެހޭ ވާހަކަ. އަޅުގަނޑު އެ ގާނޫނޫވެސް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނަން." ޖާބިރު ވިދާޅުވި އެވެ.

މީގެ އިތުރުން ޖާބިރު ވިދާޅުވީ، ދިވެހިންނަށް ދިވެހި ރާއްޖޭގައި އެއްވެސް ދިރިއުޅުމެއް ނެތް ކަމަށާއި، ޒުވާނުން މަގުފުރައްދާ ފަރާތްތަކާއި ދޭތެރޭ ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ. އަދި ޒުވާނުންނަށް ފުރުސަތު ދޭން ޖެހޭ ކަމަށާއި، ޒުވާނުންނަކީ ދިވެހި ރާއްޖޭގެ މުސްތަގުބަލު ކަމަށްވެސް ޖާބިރު ވަނީ ވިދާޅުވެފަ އެވެ. 

ކެނަބިސް އަކީ މިހާރު ވެސް ރާއްޖެ އަށް އެންމެ ގިނައިން އެތެރެ ކުރާ މަސްތުވާތަކެތީގެ އެއްބާވަތެވެ.  

ރާއްޖޭގެ ގާނޫނުތައް ބުނާ ގޮތުން މިހާރު ކެނަބިސް ޓްރެފިކް ކުރާ މީހުންނަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ. އަދި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާ ވެސް ކުރެއެވެ.

ބޭސްފަރުވާ އަށް ކެނަބިސް ބޭނުން ކުރުމުގެ ހުއްދަ ދިނުމަށް ފަހު ބައެއް ގައުމުތަކުން ވަނީ ކެނަބިސް އާއްމު ގޮތެއްގައި ބޭނުން ކުރުމުގެ ހުއްދަ ވެސް ދެމުންނެވެ. އޭގެ ތެރޭގައި އެމެރިކާ ހިމެނެއެވެ. އެމެރިކާ އަކީ ކެނަބިސް ބޭނުން ކުރުމުގެ ހުއްދަ އެންމެ ފުރަތަމަ ދިން އެއްގައުމެވެ.

67%
ކަމުގޮސްފި
11%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
22%
ވަރަށް ސަލާމް
ކޮމެންޓްސް