ads
ފޮޓޯ: ރައީސް އޮފީސް
ސްކައުޓް ހަރަކާތް ރާއްޖޭގައި މިހާރަށްވުރެ ފުޅާ ކުރަންޖެހޭ: ރައީސް
ސްކައުޓް ހަރަކާތް ރާއްޖޭގައި މިހާރަށްވުރެ ފުޅާ ކުރެވިއްޖެނަމަ ދިވެހި މުޖްތަމައުގެ ތެރޭގައި ހުރި އިޖްތިމާއި ގިނަ މައްސަލަތަކަށް ހައްލުހޯދޭނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ ދިވެހި ސްކައުންޓް ހަރަކާތަށް 66 އަހަރުފުރޭ މުނާސަބާ ފާހަގަކުރުމަށް މިރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވި ސްކައުޓް ގާލާ ނައިޓްގައި ޗީފް ސްކައުޓްގެ ހައިސިއްޔަތުން ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ސްކައުޓް ހަރަކާތް މިހާރަށްވުރެ ފުޅާކުރެވިއްޖެނަމަ ދިވެހި މުޖްތަމައުގައި އަށަގަނެފައިވާ މަސްތުވާތަކެތީގެ މައްސަލަތަކާއި ގޭންގު ކުށްތަކާއި ގެވެށި އަނިޔާގެ މައްސަލަތަކާއި ޖިންސީ ގޯނާގެ މައްސަލަތަކަށް ވެސް، އެދެވޭ ހައްލެއް ފެންނާނެ ކަމަށް ގަބޫލުފުޅު ކުރެއްވޭކަމުގައެވެ.

ރާއްޖޭގައި ސްކައުޓް ހަރަކާތް މިހާރު ކުރިޔަށްދާ ގޮތުގެ މައްޗަށް އަލިއަޅުވާލައްވައި އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި މި ހަރަކާތް އާންމުގޮތެއްގައި ކުރިޔަށްގެންދަނީ ސްކޫލް ކުދިންގެ މެދުގައި ގްރޭޑް 10 ނުވަތަ ގްރޭޑް 12 ނިމެންދެން ކަމުގައެވެ. އެއަށްފަހު އެފަދަ އެއްވެސް ހަރަކާތެއްނެތި ހުސްކަމެއްގެ ތެރޭގައި ކުދިން ތިބެންޖެހުމުން މަސްތުވާތަކެއްޗާއި ގޭންގްކުށްތަކާއި އަދި އެ ނޫންވެސް މުޖުތަމައުގައި ހުރި ނުރަނގަޅު ކަންކަމުގެ ތެރެއަށް ކުދިން ވަންނަން މެދުވެރިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ޒުވާނުންގެ ތެރޭގައި، މިފަދަ ހުސްކަމެއްގައި ބާކީވެފައި ތިބި ޒުވާނުންނަށް ސްކައުޓް ހަރަކާތް އަމާޒުކުރެވިއްޖެ ނަމަ، ނޭދެވޭ ކަންކަމާ ޒުވާނުންދުރުކޮށް، އެފަދަ ކަންކަމުގެ ތެރޭގައި ޝާމިލުވާ ޒުވާނުންގެ އަދަދު މަދުކުރެވިދާނެކަން ރައީސް ފާހަގަކުރެއްވިއެވެ.

އަދި ސްކައުޓް ހަރަކާތުގެ ހަގީގީ ބޭނުމަކީ މިފަދަ އިޖްތިމާއި މައްސަލަތަކަށް ހައްލު ހޯދައިދީ ގައުމު ބިނާކުރުމަށް އަހުލުވެރިވެފައިވާ ޒުވާނުންތަކެއް ތައްޔާރުކޮށްދިނުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ހަމަ އެހެންމެ، ސްކައުޓް ހަރަކާތުގެ ބާނީ ކުރެއްވި މަސައްކަތަކީވެސް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ވެސް ގާބިލު، އަދި ގައުމުދެކެ ލޯބިވާ، ގައުމުގެ ދިފާއުގައި މަސައްކަތްކުރާ ޒުވާނުންތަކެއް ބިނާކުރުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނު ފާހަގަކުރެއްވި ކަންކަމަށް އަމާޒުކޮށްގެން ސްކައުޓް ހަރަކާތްތައް ރާއްޖޭގައި ފުޅާކުރުމަށްޓަކައި، ސަރުކާރުގެ ފަރާތުން ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި އެމަނިކުފާނު ފާހަގަކުރެއްވި ކަންކަމުގެ މައްޗަށް ވިސްނުން ގެންގުޅުއްވުމަށް ސްކައުޓް ޙަރަކާތުގެ އިސް ބޭފުޅުންނާއި ސްކައުޓް ކައުންސިލުގެ ބޭފުޅުންގެ ކިބައިން އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

މި ޖަލްސާގައި، ސްކައުޓް ހަރަކާތުގެ އެންމެ މަތީ ޝަރަފުކަމުގައިވާ "ސިލްވާ ޓޫނާ" އެވޯޑް ހާސިލުކުރެއްވި ސްކައުޓުންނާއި ރައީސް ސްކައުޓް އެވޯޑް ހާސިލުކުރި ސްކައުޓުންނަށް ބެޖާއި ޝަރަފުގެ ލިއުން ހަވާލުކޮށްދެއްވީ ޗީފް ސްކައުޓް އަދި ރައީސް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް