ads
ފުލުހުން މާލޭގެ މަގުމަތީ ހަރަކާތްތެރި ވަނީ
މިއީ ފުލުހުން ހިންގި ބޮޑު "ޖަރީމާއެއް"!؟
ދިވެހި ފުލުހުންނަކީ ދިވެހި ރައްޔިތުންގެ އިތުބާރު ލިބެންޖެހޭ ބައެކެވެ. އެހެން ނަމަވެސް ދިވެހި ފުލުހުންގެ ކިބައިން ފަހަކަށް އައިސް ފެންނަމުންދާ މަންޒަރުތަކުން ދިވެހި ފުލުހުންނަށް ދިވެހި ރައްޔިތުން ކުރާ އިތުބާރު ގެއްލެމުން އަންނަ މަންޒަރު އަންނަނީ ފެނަންމުންނެވެ.

މިއަދު އަޑުއިވިގެން މިދިޔައީ، ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުން ބުނެ ފުލުހުން ހިންގި ބޮޑު އޮޕަރޭޝަނެއްގައި އަތުލައިގަތް 42 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތީގެ މައްސަލައިގައި ފުލުހުން ހައްޔަރު ކުރި ދެ މީހަކު ދޫކޮށްލި މައްސަލަ އެވެ. އެމީހުން ދޫކޮށްލަން ޖެހުނީ، ފުލުހުން މި އޮޕަރޭޝަން ހިންގި ގޮތުގެ ސަބަބުން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ބުނެފަ އެވެ. 

މިދިޔަ މާޗު މަހު ހިންގި އޮޕަރޭޝަނުގައި މ. ލަވްނެސްޓް ގޭގެ ބިމު އަޑިން ފުލުހުން ވަނީ ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދާ އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އެ މައްސަލާގައި ފުލުހުން ވަނީ، ޕީއެންސީގެ ކުރީގެ ކައުންސިލް މެމްބަރު އަހުމަދު ހުސެއިންގެ އިތުރުން އަބްދުﷲ ނަޝީދު ކިޔާ މީހަކު ހައްޔަރުވެސް ކޮށްފަ އެވެ.

އަބްދުﷲ ނަޝީދުއަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރި މައްސަލައަކާއި ގުޅިގެން އުމުރަށް ޖަލަށް ލި މީހެކެވެ. އެހެން ނަމަވެސް ގާނޫނުން ލިބިދޭ ޕެރޯލްގެ ހައްގުން އޭނާ ވަނީ މިނިވަން މީހަކަށް ވެފަ އެވެ. 

މި މައްސަލަ ފުލުހުން ބަލަންޖެހޭ މިންވަރަށް ބެލުމަށް ފަހު ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަ ފޮނުވުމުން އަޑުއިވިގެން ދިޔައީ، ހިތާމަވެރި ހަބަރެކެވެ. އެ ދެ މީހުންގެ މައްޗަށް ދައުވާ އުފުލަން ޕީޖީއިން ބޭނުން ނުވި އެވެ. ޕީޖީ އިން ސަބަބެއްގެ ގޮތުގައި ގިނަ ސަބަބުތަކެއް ވަނީ ދައްކާފަ އެވެ. 

އެގޮތުން މި މައްސަލާގައި ގާނޫނު އަސާސީގެ 149 ވަނަ މާއްދާ އާއި މަސްތުވާތަކެއްޗާއި ބެހޭ ގާނޫނުގެ 47 ވަނަ މާއްދާ އާއި ދިވެހި ފުލުހުން ހިލާފުވެފައި ވާކަމަށް ޕީޖީ އިން ވަނީ ބުނެފަ އެވެ. މީގެ އިތުރުން މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހުންނާއި ގުޅުން ހުރި ތަންތަން ފުލުހުން ބަލާ ފާސް ކުރި ނަމަވެސް އެތަނުން ލިބެން ހުރި ހެކިތައް ފުލުހުން ހޯދާފައިވާކަން އެނގެން ނެތް ކަމަށްވެސް ޕީޖީއިން ވަނީ ބުނެފަ އެވެ. 

އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ޕީޖީއިން ފާހަގަ ކޮށްފައިވަނީ، މި މައްސަލާގައި ފުލުހުން ކޯޓު އަމުރެއް ނެތި ތަން ބަލާ ފާސް ކުރުމެވެ. ޕީޖީއިން ބުނާ ގޮތުގައި ފުލުހުންނަށް ތަން ބަލާ ފާސްކުރުމަށް ކޯޓު އަމުރެއް ހޯދުމަށް އެކަށީގެންވާ ވަގުތު ލިބުނެވެ. އެހެން ނަމަވެސް ފުލުހުން މި މައްސަލާގައި އަމަލު ކޮށްފައިވަނީ، ގާނޫނަށް ބެލުމެއް ނެތި ފުލުހުން އަމިއްލައަށް ބޭނުންވާ ގޮތަށެވެ. 

ގާނޫ އަސާސީން ވަކިގޮތަކަށް އަމަލު ކުރުމަށް ކަނޑައަޅާފައި ވީނަމަވެސް އެ ގާނޫނަށް ބޯނުލަނބާ ހިތު ހުރި ގޮތަކަށް ނުވަތަ ވަލު ދޮރާށިން ފުލުހުން ކަންކަން ކުރާ ވާހަކައަކި އަބަދު ވެސް ދައްކާ ވާހަކަ އެވެ. އެހެން ކަމުން މިކަމުގައިވެސް ފުލުހުން ހިޔާރު ކުރީ މި މަގު ކަމަށް ބެލެވޭ ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. 

މަސްތުވާތަކެއްޗާއި ބެހޭ ގާނޫނުގެ 147 ވަނަ މާއްދާގައި ފުލުހުން އަމަލުކުރަންޖެހޭ ގޮތް ވަރަށް ސަރީހަ އިބާރާތުން ވަނީ ބަޔާން ކޮށްދީފަ އެވެ. މަސްތުވާތަކެތި ގެއެއްގައި ނުވަތަ ތަނެއްގައި ހުރިކަމަށް އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް ފުލުހުންނަށް ގަބޫލު ކުރެވޭކަމަށްވާ ނަމަ، ނުވަތަ މި ގާނޫނުގައި ބަޔާންކޮށްފައިވާ ކުށެއް ކުރާކަން ފުލުހުންނަށް ގަބޫލު ކުރެވޭކަމަށްވާ ނަމަ، ނުވަތަ އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް ގަބޫލު ކުރެވޭކަމަށްވާ ނަމަ، ކޯޓު އަމުރަކާ އެކު، އެ ގެއަކަށް ނުވަތަ އެ ތަނަކަށް ވަދެ، ގެއެއް ނުވަތަ ތަނެއް ބަލައި ފާސްކުރުން ފުލުހުންނަށް މި ގާނޫނުން ލިބިދެއެވެ. 

އެހެން ނަމަވެސް 42 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ފުލުހުން ވަނީ މި ގާނޫނު ބޮލާލާ ޖަހާ ހިތު ހުރި ގޮތަކަށް ކަން ކޮށްފަކަމަށް ބެލެވެ އެވެ. އެހެން ކަމުން މިއަދު އެ މައްސަލާގައި ހައްޔަރު ކުރި ދެ މީހުން ވަނީ ހުދު ކާފޫރަށް ވެފަ ކަހަލަ އެވެ. 

ފުލުހުންގެ ފަރާތުން ކުރާ މިފަދަ ކަންކަމުގެ ސަބަބުން މުޖްތަމައުގެ އަމާންކަމާއި މަސްލަހަތަށް އެތައް ފަހަރު ވަނީ ބުރޫ އަރާފަ އެވެ. މިކަންކަމީ ފުލުހުންގެ އެންމެ އިސް ސަފުން ފެށިގެން އެންމެ ދަށް ހައިރާކީގައި ހުރި ފުލުސް މީހާއަށް ވެސް އެނގެންޖެހޭ ކަންކަމެވެ. އެހެން ނޫން ނަމަ އެ ފުލުސް މީހާ އަކި ފުލުހަކަށް ކުފޫ ހަމަވާ މީހަކަށް ވަނެތޯ އެވެ. ހާއްސަކޮށް މަސްތުވާތަކެތީގެ މައްސަލަތަކުގައި އުޅޭ ފުލުހުންނަށް ގެ އަކަށް ވަދެ ބަލާ ފާސް ކުރެވޭނެ ގޮތް ނޭނގޭނެ ކަމަށް ބުނުމަކީ ގަބުލު ކުރަން އުނދަގޫ ވާނެ ކަމެކެވެ. 

ފުލުހުންގެ ގާނޫނަށް ފުލުހުން އަހުލުވެރި ކުރުމަށް އެ ގާނޫނޫނު ފުލުހުންނަށް ކިޔަވައިދިނުމުގައި އިސްކޮށް އުޅުނު ވަކީލުން މިއަދު ތިބީ ހައިރާންވެފަ އެވެ. އެ ފަރާތްތަކުން ބުނާ ގޮތުގައި މިއީ ފުލުހުން ގަސްތުގައި ވަކި މަންފާއެއް ހާސިލް ކުރުމަށް ކުރާ ޒާތު ކަމެކެވެ. ލިބޭ ކަޓެއްގެ ސަބަބުން ފުލުހުން ހަމަ ގަސްތުގައި ގާނޫނާއި ހިލާފުވާކަމަށް ބައެއް ގާނޫނީ ވަކީލުން ވަނީ ބުނެފަ އެވެ. 

މާލީ މަންފާއެއް ލިބޭނެކަން އެނގުމުން ފުލުހުން ކުރި ހުވާގެ މަތިން ބައެއް ފަހަރު ހަނދާން ނެތޭކަމަށް ވެސް ބުނާތީ އަޑުއެހީމެވެ. އެއީ ތެދެއް ކަމަށް ފުލުހުންގެ އަމަލުތަކުން ސާބިތުވާކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ހައްޔަރު ކުރި މީހުންގެ ތެރެއިން އަހުމަދަކީ މި ކަމުގެ ބޮޑު ކަމަށް ފުލުހުން މީގެ ކުރިން ކޯޓުގައި ވަނީ ބުނެފަ އެވެ. އަދި އޭނާ ފުލުހުންނަށް ފިލަން މަސައްކަތް ކުރި ކަމަށާއި، އޭނާގެ ނަންބަރު ވެސް ބަދަލު ކުރި ކަމަށް ފުލުހުން ކޯޓުގައި ބުންޏެވެ. އެހެން ނަމަވެސް މިއަދު މި ވާހަކަތައް ދެއްކުމުގެ އެއްވެސް ބޭނުމެއް ނެތެވެ. ފުލުހުން ކުރި ކަމަކުން ނުވަތަ ފުލުހުން ހިންގި ބޮޑު "ޖަރީމާ"އެއްގެ ސަބަބުން މިއަދު އެ މީހާގެ މައްޗަށް އުފުލޭނެ ދައުވާއެއް މި ދިވެހިރާއްޖެ އަކު ނެތެވެ. 

ފުލުހުންގެ ޒިންމާ އަކީ ރައްޔިތުންގެ އަމަން ބެލެހެއްޓުން ކަމަށްވާއިރު، މިގޮތަށް ފުލުހުންގެ އަމަލުތައް ހުންނަ ކަމުގައި ވަނީނަމަ އެ ބުނާ އަމާންކަން ބެލެހެއްޓުމުގެ މާނަ އެއް ނެތެވެ. ރައްޔިތުން ވީހާލެއްގައި ވާން ދޫކޮށްލުމަށް ފަހު ބައެއް ފުލުހުން ނަހަމަ ފައިސާ ހޯދުނު ގޮތަކަށް ހޯދަން އުޅެނީ ތޯ މިއަދު ސުވާލު އުފެދެ އެވެ. 

މިއަދު މި ރިޕޯޓު އާއްމު ކުރުމުން މިކަމާ ވިއްދާ ފުލުހުން ބަޔާން ނެރޭނެކަމަށް ބެލެވެ އެވެ. އެެހެން ނަމަވެސް އެ ބަޔާން ނެރުމުގެ ކުރިން ތިމާ ކެނޑި ކަނޑުލުން ހިތި ފިލުވުން ވެސް އޮންނަ ކަން ހަނދާން ކުރަން ވާނެ އެވެ.

ސާޅީސް ދެ ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ފުލުހުން އަމަލު ކުރިގޮތުން މުޅި ދައުލަތް ފަލީހަތްވީ އެވެ. އެ ވަރު ކަމެއް އަތްދަށުން ދާނެކަމަށް ގަބޫލު ކުރާނެ މީހުން ވަރަށް މަދު ވާނެ އެވެ. މަސްތުވާތަކެތީގެ ގިނަ މައްސަލަތައް ސާބިތުނުވެ ދާ ދިއުމުގައި ސީނަށް ދާ ފުލުހުންގެ އަމަލުތައް ހިމެނޭކަމަށް ބުނާ އަޑު އަހަމެވެ. ނަމަވެސް މި ފަހަރު މި އޮތީ އެ ވާހަކަ ހަގީގަތަކަށް ވެފަ އެވެ.

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް