ads
ވިނަރެސް ފްލެޓެއްގެ އެތެރެ--
ވިނަރެސް ފްލެޓުތައް ބަލައިލުމުގެ ފުރުސަތު ހުޅުވާލައިފި
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރަމުން އަންނަ ވިނަރެސް ފްލެޓުތައް ބަލައިލުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލައިފި އެވެ.

ވިނަރެސް ފްލެޓުތައް ގަންނަން ބޭނުންވާ އާއްމުންނަށް އެފުރުސަތު މިހާރު އޮތީ ހުޅުވާލާފަ އެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހު އެޗްޑީސީން ނެރުނު އިއުލާނެއްގައި ވާގޮތުން އެ ފްލެޓުތައް ބަލައިލާން ބޭނުންވާ އާއްމުންނަށްވެސް އެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ.

އެޗްޑީސީން ބުނީ އެ ފުރުސަތު މިމަހުގެ ހަވަނަ ދުވަހުން ފެށިގެން ހުޅުވާލެވިފައިވާ ކަމަށެވެ. މީގެ އިތުރުން ފްލެޓުތައް ގަންނަން ބޭނުންވާ ފަރާތްތަކަށް ބާއްވާ މައުލޫމާތު ސެޝަންގައި ބައިވެރިވުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފަ އެވެ. 

ވިނަރެސްއަކީ ޗައިނާ މެޝީނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ)އާ ހަވާލުކޮށްގެން އެޗްޑީސީން ކުރިޔަށް ގެންދާ "މިކްސްޑް ރެޒިޑެންޝަލް ކޮމްޕްލެކްސް" ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓެކެވެ.

މި ޕްރޮޖެކްޓުގެ ދަށުން އިމާރާތްކުރާ 10 ޓަވަރުގައި ތިން ކޮޓަރީގެ 1،344 ހައުސިން ޔުނިޓާއި، އެތަނުގައި ދިރިއުޅޭ މީހުންނަށް ބޭނުންވާ މުދަލާއި ހިދުމަތްތައް ފޯރުކޮށްދޭން ހާއްސަ ކޮމާޝަލް ޔުނިޓުތައް ހިމެނެ އެވެ.

އެ ފްލެޓްތަކުގެ ފިނިޝިންގެ މަސައްކަތް ނިމޭއިރު، ލިވިން ރޫމާއި ކޮޓަރިތަކުގައި ހުންނާނީ ތަށިމުށި ޖަހައިފަ ކަމަށާއި ފާހާނާގެ ތަޅުމާއި ފާރުގައި ވެސް ތަށިމުށި ޖެހުމާއި ފާހާނާގައި ފިކްސްޗާސްތައް ވެސް ހަރުކޮށްފައި ހުންނާނެ ކަމަށް އެޗްޑީސީން ބުނެ އެވެ.

އަދި ބަދިގެ ކަބަޑު ސެޓު ވެސް ފާރުގައި ހަރުކޮށްފައި ހުންނާނެ  ކަމަށާއި ބެލްކަނީ ހުންނާނީ ދޮންނަ މެޝިން ބެހެއްޓޭ ގޮތަށް، އަދި އި ލިވިން ރޫމާއި ކޮޓަރިތަަކުގައި ވެސް އޭސީ ހަރުކޮށްފައި ހުންނާނޭ ކަމަށް އެޗްޑީސީން ބުނެއެވެ. އެޕާޓްމަންޓްތައް ހަވާލުކުރާއިރު އެތަނުގައި ފަރުނީޗަރެއް ނުހުންނާނެ ކަމަށް އެޗްޑީސީން ބުނެ އެވެ.

އެ މަޝްރޫއުގެ ހުރިހާ ޓަވަރެއްގައި އޭޓީއެމް، ސްމާޓް ރެޑީ، ޕާކިން، ސީސީޓީވީ، އަދި ކޮންމެ ޓަވަރެއްގައި ހަތަރު ލިފްޓް ވެސް ހުންނާނެ އެވެ. 

އެޗްޑީސީން ބުނާ ގޮތުގައި އެ މަޝްރޫއުގެ ގްރައުންޑާއި ފަސްޓް ފްލޯ ހާއްސަ ކުރެވިފައި ވަނީ ކޮމާޝަލް އަށެވެ. އަދި އެތަންތަނުގައި އޮފީސް ސްޕޭސް އާއި ސުޕަމާޓް އަދި ކޮންވީނިއެންޓް ސްޓޯރާއި ކެފޭ ރެސްޓޯރަންޓާއި ޖިމް ހުންނާނެއެވެ.

އާއްމުންނަށް ގަންނަން ހުޅުވާލަނީ ގާތްގަނޑަކަށް 1000 އެޕާޓްމެންޓެވެ. 

ވިނަރެސް މަޝްރޫއުގެ ފްލެޓުތައް ގަތުމުގެ ފުރުސަތު ދޭން ނިންމާފައިވަނީ އާއްމުންގެ އިތުރުން ހިޔާ މަޝްރޫއިން ފްލެޓް ދޫކޮށްލި މީހުންނާއި، ސީލައިފަށް ފައިސާ ދެއްކި މީހުންނާއި، ގުޅީފަޅުން ފްލެޓް ގަތުމަށް ފައިސާ ދެއްކި މީހުންނަށެވެ.

ވިނަރެސްގެ ފްލެޓުތަކަށް މިހާތަނަށް އެދި ހުށަހަޅާފައިވަނީ

  • ހިޔާ މަޝްރޫއުން ފްލެޓް ދޫކޮށްލި މީހުންގެ ތެރެއިން 76 މީހުން
  • ސީލައިފަށް ފައިސާ ދެއްކި މީހުންގެ ތެރެއިން 400 އަށްވުރެ ގިނަ މީހުން 
  • ގުޅީފަޅުން ފްލެޓް ގަންނަން ފައިސާ ދެއްކި މީހުންގެ ތެރެއިން 91 މީހުންނެވެ.  
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް