ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވަނީ، ޖޭއެސީން މަޖިލީހަށް ފޮނުވި މައްސަލަ، މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓެވެ. އިމްތިޔާޒް ފަހުމީ ރިޔާސަތު ބަލަހައްޓަވާ، އަދި ރިޔާސަތުގެ ނާއިބަކަށް މޫސާ ސިރާޖް އިންނަވާ، އެމްޑީޕީގެ މެޖޯރިޓީ އޮންނަ ޖުޑީޝަރީ ކޮމިޓީން މި މައްސަލައިގައި ނިންމާފައިވަނީ ޖޭއެސްސީން ފަނޑިޔާރުން ވަކިކުރަން ނިންމާފައިވަނީ ޤާނޫނު އަސާސީއާ އަދި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނާ، އަދި ޖޭއެސްސީން އަމަލު ކުރަމުން އަންނަ އިޖުރާއަތުތަކާ ޚިލާފަށް ކަމަށެވެ.
ޖޭއެސްސީގެ ނިންމުން ޤާނޫނު އަސާސީއާ ޚިލާފު ކަމަށް ޖުޑީޝަރީ ކޮމިޓީގެ ރިޕޯޓުގައި ފާހަގަކޮށްފައި އޮތް ނަމަވެސް، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުންވަނީ ފަނޑިޔާރުން ވަކިކުރުމަށާއި، އަދި ޖުޑީޝަރީ ކޮމިޓީގެ ރިޕޯޓް ބަލައިނުގަތުމަށް ތްރީ ލައިން ވިޕެއް ނެރެފައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ. މި ކަމާ ގުޅޭ ގޮތުން ރަސްމީކޮށް އެމްޑީޕީން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. މި މައްސަލަ ހޯމަ ދުވަހަށް އެޖެންޑާ ކުރާނެ ކަމަށް މި ދިޔަ ހަފުތާގައި މަޖިލީހުގެ ރައީސްވަނީ ވިދާޅުވެފައެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަނުން ހައިކޯޓުގެ ފަނޑިޔާރު ވަކިކުރަން މަޖިލީހަށް ފޮނުވާފައިވާއިރު، ޖޭއެސްސީގެ ތަހުގީގު ކޮމިޓީން ހައިކޯޓުގެ ފަނޑިޔާރު ވަކިކުރަން ނިންމާފައެއް ނުވެއެވެ. އެހެންނަމަވެސް މީގެ ކުރިން ތަހުގީގު ކޮމިޓީން ވަކިކުރަން ނިންމާފައިވާ ފަނޑިޔާރުން ޖޭއެސްސީން ވަކިކުރަން ހުށަހަޅާފައިނުވާކަން ފާހަގަ ކުރެވެއެވެ.