ރަސޫލާއަށް ފުރައްސާރަ ކުރުން ކުށްވެރިކޮށް ރައްޔިތުންގެ މަޖިލީހުގެ އިއްޔެ ޖަލްސާއަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލަ އެމްޑީޕީއިން ބޭރުކޮށްލުމުން އެކަމާއި ގުޅިގެން ގިނަބަޔަކު އަންނަނީ އެ ޕާޓީއަށާއި ސަރުކާރަށް ފާޑުކިޔަމުންނެވެ.
އެކަމާއި ގުޅިގެން އެމްޑީޕީއިން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، އާދަމް ޝަރީފް ހުށަހެޅުއްވި އެ މައްސަލައަކީ ކީރިތި ރަސޫލާ صَلَّى اللّٰهُ عَلَيْهِ وَسَلَّمَ އަށް ފުރައްސާރަ ކުރުމާއި ދެކޮޅަށް ހުށަހެޅި މައްސަލައެއް ނޫން ކަމަށާއި، އެއީ ސަރުކާރާ ދާކޮޅަށް ރައްޔިތުންނަށް އޮޅުވާލުމުގެ މަގްސަދުގައި ހުށަހެޅި މައްސަލައެއް ކަމަށެވެ.
މީގެ އިތުރުން އެޕާޓީއިން ނެރުނު ބަޔާނުގައި ބުނީ، އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލަ ބަލައިނުގަތުމަށް އެ ޕާޓީގެ ޕާލިމަންޓަރީ ގްރޫޕުން ނިންމީ އިދިކޮޅު ފަރާތްތަކުން އިސްލާމްދީނާއި ކީރިތި ރަސޫލާ صَلَّى اللّٰهُ عَلَيْهِ وَسَلَّمَ ގެ ނަންފުޅު ބޭނުން ކުރައްވައިގެން ސިޔާސީ ޑްރާމާއެއް ކުޅުމަށް އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން ފުރުސަތު ދިނުމަކީ އެންމެ ރަނގަޅު ގޮތެއް ކަމުގައި ނުފެންނާތީ ކަމަށެވެ.
"ސަރުކާރުންނާއި އެމް.ޑީ.ޕީ.އިން ބާރަތިޔަ ޖަނަތާ ޕާޓީ (ބީ.ޖޭ.ޕީ)ގެ އިސްތަރުޖަމާނު މާތް ނަބިއްޔާ صَلَّى اللّٰهُ عَلَيْهِ وَسَلَّمَ އަށް ފުރައްސާކުރި މައްސަލަ ކުއްވެރިކޮށް ބަޔާން ނެރިފައިވާކަންވެސް މި ޕާލަމެންޓްރީ ގްރޫޕުން ފާހަގަކުރަން." ބަޔާނުގައި ބުނެފައިވެ އެވެ.
އިސްލާމްދީނާއި ކީރިތި ރަސޫލާ صَلَّى اللّٰهُ عَلَيْهِ وَسَلَّمَ އަށް ފުރައްސާރަކުރުމަކީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ އަމަލެއް ކަމަށާއި، މާތްވެގެންވާ އިސްލާމްދީނާއި ކީރިތި ރަސޫލާ صَلَّى اللّٰهُ عَلَيْهِ وَسَلَّمَ ގެ ދިފާއުގައި އަދުގެ ސަރުކާރެކޭ އެއްފަދައިން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން އެންމެހާ ދިވެހި ރައްޔިތުންނަށް އަރުވާކަމަށް ރޭ އެޕާޓީއިން ނެރުނު ބަޔާނުގައި ވަނީ ބުނެފަ އެވެ.