ads
ރާއްޖޭގެ ރަށެއްގެ މަގުމަތި
މެދުފަންތީގެ ރައްޔިތަކަށް ވާނީ ކިހިނެއް!
މިއަދު މި ދައްކަނީ ސަރުކާރުން މެދު ފަންތީގެ ރައްޔިތުންނަށް އަމާޒުކޮށް ހުޅުމާލެއިން ދޫކުރާ ވިނަރެސް ފުލެޓު ތަކުގެ ވާހަކަ އެވެ. އެ ފުލެޓުތަކުގައި ތަނަވަސް ދިރިއުޅުމެއް އުޅެވޭނެ ކަމުގެ ވާހަކަ އެވެ. އުފަލުގައި އުޅެވޭނެ ވާހަކަ އެވެ.

މި ފުލެޓު ތަކަކީ މެދު ފަންތީގެ ރައްޔިތުންނަށް އަމާޒުކޮށް ދޫކުރުމަށް ހަމަޖެހިފައިވާ ތަންތަން ކަމަށް ވާއިރު، މެދު ފަންތީގެ ރައްޔިތުންނަކީ ކޮބާތޯ މިއީ މިއަދު ހިތުގައި އުފެދޭ ސުވާލެކެވެ. މެދު ފަންތިއަކީ މަހު މުސާރައިގެ ގޮތުގައި ކިހާވަރެއް ލިބޭ މީހާތޯ މިއީ އުފެދޭ ސުވާލެކެވެ. ޔަގީންވާ އެއް ކަމަކީ މެދު ފަންތީގެ މީހަކަށް އެއް ފަހަރާ 400،000 ރުފިޔާ ދެއްކުމަކީ ވާނެ ކަމެއް ނޫން ކަމެވެ. އަދި މަހު ކުލީގެ ގޮތުގައި މަހަކު 11،000 އާއި 17،000 ރުފިޔާ ވެސް މެދު ފަންތީގެ މީހަކަށް ނުދެއްކޭނެ އެވެ. 

މި ރާއްޖޭގައި ކޮންމެ ކަމެއްވެސް މިވަނީ މިހާރު މެދު ފަންތީގެ މީހުންނާއި ގުޅިފަ އެވެ. އެހެން ނަމަވެސް އެ ބުނާ މެދު ފަންތި އަކީ ކޮބާ ހެއްޔެވެ؟ ނޫނީ މެދު ފަންތިއަށް ފެތެން ކުރަން ޖެހެނީ ކޮން ކަމެއް ހެއްޔެވެ؟

ވަޒީފާއެއްގައި އުޅޭނަމަ އެ މީހަކީ ފަގީރެއް ނޫނެވެ. އެމީހަކަށް އެހީއެއް ދޭނެ މުވައްސަސާއެއް މި ރާއްޖެއަކު ނެތެވެ. އެހެން ނަމަވެސް ވަޒީފާގައި އުޅޭ އާދައިގެން މީހާ އަކީ މަހުގެ 10 ވަނަ ދުވަސް އައުމުގެ ކުރިން ލިބޭ ފައިސާ ފޮތި ހުސްވާ މީހާ އެވެ. މަހުގެ ބާކީ 20 ދުވަސް މިޖެހެނީ މީހެއްގެ އަތުން ދަރަންޏަށް ނަގައިގެން ހިފަހައްޓާށެވެ. މަސް ފެށޭ އިރަށް އަނބުރާ އެ ފައިސާ ދޭން ޖެހެއެވެ. 

ދުނިޔޭގެ އެކި ގައުމު ތަކުގައި ރައްޔިތުން ގިންތި ކުރާ އެކި ނިޒާމު ހެދިފައި ހުރެއެވެ. އެމީހާ އަކީ ވަޒީފާއެއްގައި އުޅޭ މީހެއް ނަމަވެސް އެމީހާއަށް ލިބޭ އާމްދަނީއިން ދިރިއުޅުމުގެ ކަންކަން ނުފުއްދޭނަމަ އެ ގައުމު ތަކުގެ ސަރުކާރުން އެ މީހަކަށް އަޅާލާ އޯގާތެރިވެ އެވެ. ބޭންކުތަކުން ފަސޭހައިން އެމީހަކަށް ލޯނު ދޫކުރެ އެވެ. އެމީހަކަށް ތާހިރު ދިރިއުޅުމެއް އުޅެވޭނެ މަގު އެގައުމު ތަކުން ހޯދައިދެ އެވެ. 

އެހެން ނަމަވެސް ރާއްޖެއިން ފެންނަމުން މިދަނީ ދިމާ އިދިކޮޅު މަންޒަރެކެވެ. ރާއްޖޭގެ އެއްވެސް ސަރުކާރަކުން ރައްޔިތުންނަށް މާބޮޑު އަޅާލުމެއް ގެންގުޅުނު ހެނެއް ހިއެއް ނުވެ އެވެ. ފެންނަ މަންޒަރުތައް މިކަމަށް ހެކިދެ އެވެ. ފެތޭނެ އެއްވެސް ފަންތިއެއް ނެތި ފަގީރަކަށްވެސް އަމީރަކަށްވެސް ނުވާ މީހާއަށް އޮތީ ހަމަ އެންމެ ގޮތެކެވެ. ކިރިޔާވެސް ފޯރާ މީހެއް ކައިރިން ސަލާން ޖަހައިގެން ޒަރޫރީ ބޭނުންތައް ފުއްދުމުވެ. ލޯނެއް ނަގަން ދިޔަސް ލޯނުގެ 20 އިންސައްތަ އަތުގަ ނެތިއްޖެނަމަ ލޯނު ދޭން ބޭންކުތަކުން ދެކޮޅު ހަދަ އެވެ. އެތައް އާދޭހެއް ކޮށްގެން އެތައް ބުރައެއް އުފުލާގެން ލޯނެއް ލިބިއްޖެނަމަ އެ ލޯނު ދައްކާ ނިމޭއިރު، އެ ނެގި ލޯނުގެ ތިންގުނަ އިތުރަށް ދައްކަންޖެހެ އެވެ. އެހެން ނަމަވެސް ކިރިޔާވެސް ފޯރާ މީހަކު ބޭންކަށް ވަދެ ނިކުންނަ އިރު އެމީހަކަށް ހިތުހުރި އަދަދަކުން ލޯނުތައް ދިން މަންޒަރު ވަނީ ފެނިގެން ގޮސްފަ އެވެ. 

މަޖިލީހުގައި ތިއްބަވާ އިއްޒައްތެރި މެމްބަރުންނަކީ މިހާރު އޮތް ގޮތުން ނަމަ މެދު ފަންތީގެ ރައްޔިތުންނެވެ. އެ ފަރާތްތަކަށް މަހަކު 80،000 ރުފިޔާ ލިބޭ އިރު އެ ފަރާތްތަކަށް ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ތަނަވަސް ފުރުސަތެއް ލިބޭނެ އެވެ. އެއީ އެފަރާތްތަކަށް އެބުނާ ޑައުން ޕޭމަންޓާއި، އެބުނާ ކުލި ދަތިކަމެއް ނެތި ދައްކާލެވޭނެތީ އެވެ. 

މެދު ފަންތީގެ ދިރިއުޅުން އުޅެލުމަށް ކޮންމެ މީހަކުވެސް ބޭނުން ވާނެ އެވެ. އަޅުގަނޑުގެ ނަޒަރުން އެބުނާ މެދު ފަންތި އަކީ ލިބޭ މުސާރައިން ޒިންމާތައް އަދާކޮށް ފައިސާ ފޮއްޗެއް ރައްކާ ކުރެވޭ މީހާ އެވެ. މިބުނާ ގިންތިއަށް ފެތޭ މީހާއަށް މަހުކުލީގެ ގޮތުގައި 17،000 ރުފިޔާ ނުދެއްކޭނެ އެވެ. އެއްފަހަރާ ދައްކާނެ 400،000 ރުފިޔާ ނުހުންނާނެ އެވެ. 

އެހެން ކަމުން އަލުން މި ރާއްޖޭގެ ފަންތިތައް ބެހުމަކީ ބުއްދިވެރި ކަމެކެވެ. މެދު ފަންތި އާއި، ދަށު ފަންތިއާ މަތީ ފަންތި ބަދަލުވާން ޖެހެ އެވެ. ހަމަ އެކަނި ތިން އިރުގެ ކޮއްތު ލިބޭ މީހާ މެދު ފަންތިއަށް ހަދާފިނަމަ އެންމެ ދަށުގައި ދިރިއުޅޭ ފަންތީގެ މީހުންގެ ހާލަތަކީ ކޮބާ ހެއްޔެވެ. އަދި ފަގީރުންގެ ހާލަކީ ކޮބާ ހެއްޔެވެ. 

ކޮންމެއަކަސް މިއަދު މިއޮތީ މި ފަންތި ތަކުގެ އަތްދަށުވެ ފިތިފައެވެ. ފަންތިއަކަށް ނުފެތުނަސް ފަންތިއަކަށް ފައްތާފަ އެވެ. އެހެން ކަމުން މިބުނާ މެދު ފަންތި އަކީ ކޮބާތޯ މިއީ ހަމަ މިއަދު ހިތުގާ އުފެދޭ ސުވާލެކެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް