ads
ވިލިމާލެ ބީޗު--
ވިލިމާލެ ބީޗު ބޮޑުބައެއް އާއްމުންނަށް ބޭނުން ނުކުރެވޭތީ ފެންސުތައް ނަގަނީ
ވިލިމާލޭގެ ބީޗުގައި ޖަހާފައިވާ ފެންސުތަކުގެ ސަބަބުން އާއްމުންނަށް ބީޗުގެ ބޮޑުބައެއް ބޭނުންނުކުރެވޭތީ އެ ފެންސުންތައް ނަގައިދޭން ފުލުހުންގެ އިދާރާގައި އެދެން މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

މިގޮތަށް ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލުން ބުދަ ދުވަހު ބޭއްވި ކައުންސިލު ބައްދަލުވުމުގަ އެވެ. 

ސިޓީ ކައުންސިލުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ފުލުހުން ވިލިމާލެ ބީޗުގެ ބޮޑު ސަރަހައްދެއް ފެންސުޖަހައި ބަންދުކޮށްފައި އޮތުމުގެ ސަބަބުން މޫދަށް އެރެން އޮންނަ ސަރަހައްދު ކުޑަކަމުގެ ޝަކުވާ ވިލިމާލެ ރައްޔިތުންގެ ފަރާތުން ލިބެމުންދާ ކަމަށެވެ. ފެންސުތައް ނެނގުމަށް ފުލުހުންގެ ކިބައިން އެދެން އެ ކައުންސިލުގެ ބައްދަލުވުމުގައި ވަނީ ފާސްކޮށްފަ އެވެ. 

"އެ މައްސަލައިގައި ރައްޔިތުންގެ ޝަކުވާ ކެނޑިނޭޅި ކައުންސިލަށް ލިބެމުން ދިޔުމާއެކު، އެ ފެންސް ނެގުމަށް ޕޮލިހުގައި ދެންނެވުމަށްވެސް ކައުންސިލުންވަނީ ފާސްކޮށްފަ" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ، އެ ކައުންސިލަކީ ރައްޔިތުންގެ އަޑު އަހައިގެން ރައްޔިތުން އެދޭ ގޮތަށް، ރައްޔިތުން އެދޭ އަމާޒަށް ވާސިލުވާން އަބަދުވެސް މަސައްކަތް ކުރާނެ ކައުންސިލެއް ކަމަށެވެ.

ކައުންސިލު ބައްދަލުވުމުގައި އެދުވަހު ނިންމާފައިވަނީ، މޫދަށް އެރޭ ސަރަހައްދު ބޮޑު ކުރުމަށް ފެންސު ނެގުމަށް ފުލުހުންނަށް މުހުލަތެއް ދިނުމަށެވެ.

ވިލިމާލެ ބީޗަކީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ވަަރަށް ގިނަ މީހުން ހިތްހަމަ ޖައްސާލުމަށާއި އާއިލާއާއެކު މޫދަށް އެރިއުޅުމަށް ގޮސް އުޅޭ ބީޗެކެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް