ads
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު--
ސީޕްލޭންް ޓާމިނަލުގެ ކަންކަން އަވަހަށް ނިންމުން މުހިއްމު: ނަޝީދު
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި އެމްއޭސީއެލުން އިމާރާތްކުރަމުން އަންނަ އާ ސީޕްލޭން ޓާމިނަލުގެ ކުއްޔަށް ދިނުމާއި ގުޅޭ ކަންކަން، ދިވެހި ސަރުކާރާއި ޓީއެމްއެއޭ އިން އެއްބަސްވާ ގޮތަކަށް އަވަހަށް ނިންމުން ވަރަށް މުހިއްމު ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިރޭ ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދެވަނަ ރަންވޭ ހުޅުވައި، އެއާޕޯޓް ބާރަށް ހިންގަން ފެށުމަށް ސަރުކާރާއި ޓީއެމްއޭއާ ދެމެދު، އެއްބަސްވެފައިވާ ގޮތަށް ސީޕްލޭން ޓާމިނަލުގެ ކަންކަން ނިންމުން މުހިއްމު ކަމަށެވެ. 

"ޓީއެމްއޭ އަށް ޓާމިނަލް ދިނުމުގައި ގޯސްކޮށް ކަމެއް ހިނގާފައިވާނަމަ އެކަން ކުރި މީހަކަށް/ ބަޔަކަށް ދައުވާ އުފުލުން އެއީ އެހެން ކަމެއް،" ނަޝީދު ވިދާޅުވި އެވެ.

އަލަށް ހަދައި ސީޕްލޭން ޓާމިނަލް ޓީއެމްއޭއަށް ދޭން އުޅޭކަމުގެ އަޑުތައް ފެތުރިފައިވަނިކޮށް މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވެސް ވަނީ އެގޮތަށް އެކަން ކުރަން ނޫޅޭ ކަމަށް ބުނެފަ އެވެ. އަދި އެކަމުގެ އޮޑިޓެއް ވެސް އޮޑިޓާ ޖެނަރަލްގެ އޮފީން ވަނީ ކޮށްފަ އެވެ.

އެ ރިޕޯޓް ބުނާ ގޮތުން އާ ޓާމިނަލުން 5،382 އަކަމީޓަރުގެ ޖާގަ ދެވިދާނެ އެވެ. އެގޮތުން ކޮންމެ އަކަމީޓަރަކަށް 10.35 ޑޮލަރު ނަގަން ނިންމާފައިވާއިރު އެވަރަށް ޖާގަދީފިނަމަ ދައުލަތަށް 33 މިލިއަން ޑޮލަރު ލިބޭނެ ކަމަށް އަންދާޒާކުރެ އެވެ.

އެ ނިންމުމާއެކު ފިނޭންސް މިނިސްޓްރީން ބުނީ އެމްއޭސީއެލުން ތަރައްގީ ކުރަމުންގެންދާ ސީޕްލޭން ޓާމިނަލަކީ އެއާޕޯޓުގެ ޓްރެފިކް މެނޭޖު ކުރުމަށްޓަކައި ކޮންމެހެން ބޭނުންވާ މަޝްރޫއެއް ކަމަށެވެ. އަދި ޓޫރިޒަމް ދެމެހެއްޓުމަށް ސީޕްލޭން އޮޕަރޭޓް ކުރާ ކުންފުނިތަކަކީ މުހިއްމު ބައެއްކަން ފާހަގަކޮށް މިނިސްޓްރީން ބުނެފައި ވަނީ އޮޕަރޭޓަރުންނަށް ބޭނުންވާ އިންފްރާސްޓްރަކްޗާ ތަރައްގީކޮށް ހުރިހާ ކުންފުނިތަކަކަށް ވެސް ބޭނުންކުރެވޭ ގޮތަށް އޮތުމަކީ މުހިއްމު ކަމެއް ކަމަށް ބުނެފަ އެވެ. 

40 މިލިއަން ޑޮލަރު (616.8 މިލިއަން ރުފިޔާ) ހަރަދުކޮށްގެން ތަރައްގީކުރަމުން އަންނަ އެ ސީޕްލޭން ޓާމިނަލް، ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު ކަމަށްވާ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އަށް ކުއްޔަށް ދޭން އުޅޭކަމުގެ އަޑުތަކާއެކު އެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. 

ސީޕްލޭން ޓާމިނަލް ގެ އަމަލީ މަސައްކަތް މި އަހަރުގެ ޖެނުއަރީ 29 ގައި ފެށިއިރު އެ ތަނުގެ 73 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް ކުރިން އެމްއޭސީއެލުން ވަނީ ބުނެފައެވެ.

14000 އަކަ ފޫޓު ހުންނަ އެ ޓާމިނަލް ގެ މަސައްކަތް ކުރަން ހަވާލުކޮށްފައި ވަނީ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން (ބީޔޫސީޖީ) އާ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް