ads
އާރްޓީއެލް ހިދުމަތުގައި ބޭނުންކުރާ ހައިސްޕީޑު ލޯންޗު ފެރީ
ކުޑަކުދިންނަށާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުނަށް އާރްޓީއެލް ހިދުމަތް މުޅިން ހިލޭ
މިއަދު ފެށި ރާއްޖެ ޓްރާންސްޕޯޓު ލިންކް(އާރްޓީއެލް) ހިދުމަތް ކުޑަކުދިންނާއި، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހިލޭ ލިބޭނެ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

ރާއްޖެ ހައި ސްޕީޑް ފެރީ ވިއުގައަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ "އިންޓަގްރޭޓެޑް ނެޝަނަލް ޕަބްލިކް ނެޓްވޯކް" މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، އާރްޓީއެލްގެ ހިދުމަތް މިއަދު ފެށީ ހއ. ހދ. އަދި. ށ އަތޮޅުގެ ރަށްތަކަށެވެ.

ދަތުރުފަތުރުގެ ނިޒާމަށް އިންގިލާބެއް ގެނުވާނެ މި ފެރީ ނިޒާމު ރަސްމީކޮށް ފެށުމުގެ ކުރިން ހިދުމަތަައް ރައްޔިތުން އަހުލުވެރިކުރެވުމަށް މެއި ދެވަނަ ދުވަހުން ފެށިގެން އެ ހިދުމަތް ދެމުންދިޔައީ މުޅިން ހިލެއެވެ. 

ނަމަވެސް މި ހިދުމަތް މިއަދު ރަސްމީކޮށް ފެށިގެންދިއުމުން، މިއަދުން ފެށިގެން އެ ފެރީގެ ދަތުރުތަށް ކުރަމުންދާނީ ކަނޑައަޅާފައިވާ އަގުތަކުގައި ޓިކެޓް ނަގައިގެންނެވެ. 

މިއަދު ރަސްމީކޮށް ހިދުމަތްފެށި އަތޮޅުތަކަށް ދަތުރުކުރާ ފެރީތަކުގެ އެއްކޮޅު ޓިކެޓްގެ އަގު އުޅޭނީ 35 ރުފިޔާއާއި 100 ރުފިޔާއާ ދެމެދުގަ އެވެ. އަދި ރިޓާން ޓިކެޓެއްގެ އަގު އުޅެނީ 65 ރުފިޔާއިން ފެށިގެން 200 ރުފިޔާ އާ ދެމެދުގަ އެވެ.

ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި، ބަލިމީހުންގެ ބޭނުންތަކަށްވެސް ބަލައިގެން ފަސޭހަވާނެފަދަ ގޮތަކަށް ފަރުމާކޮށްފައިވާ މި ހިދުމަތުން މިއަދުން ފެށިގެން ޓިކެޓު ނަގަން ފެށިނަމަވެސް، ތިން އަހަރުން ދަށުގެ ކުޑަކުދިންނަށާއި، އެންސްޕާގައި ރެޖިސްޓަރީވެފައިވާ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް މި ފެރީތަކުގައި ހިލޭ ދަތުރުކުރެވޭނެ ނިޒާމު ވަނީ ހަމަޖައްސާފަ އެވެ. 

އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި ބަލި މީހުންނަށް އަރާފޭބުމަށާއި ދަތުރުކުރުމަ ފަސޭހަ އިންތިޒާމްތަކެއް މިފެރީތަކުގައި ހަމަޖެހިފައި ވެއެވެ. 

އެގޮތުން ކޮންމެ ފެރީއެއްގައި ފުރޮޅުލީ ގޮނޑިއާއި ސްޓްރެޗަރު ބެހެއްޓުމަށް ވަކިތަނެެެއް ހާއްސަކުރެވިފަ ވެސް ހުރެއެވެ.

އާރްޓީއެލް ހިދުމަތުގައި ބޭނުންކުރާ ފެރީ ތަކަކީ 50 މީހުންގެ ޖާގައިގެ ފެރީތަކެކެވެ. އެގޮތުން މިހާރު ބޭނުންކުރާ ފެރީތަކަށްވުރެ ހިތްގައިމު ފެރީތަކަކަށް އާރްޓީއެލްގެ ފެރީތައް ވެގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ. މި ސްޕީޑް ފެރީތައް ހުންނާނީ ދަތުރުވެރިންނަށް ހިތްފަސޭހަ ކަމާއެކު ދަތުރުކުރެވޭގޮތަށް ފަރުމާކޮށް އެއަކޯން ވެސް ހަރު ކުރެވިފަ އެވެ. 

މި ސްޕީޑް ފެރީތަކުގެ ސީޓާއި ޕަސެންޖަރުންގެ ކެބިން ފަރުމާކުރެވިފައި ވަނީ މިފަދަ ދަތުރުތައް ކުރުމަށް ފަސިންޖަރުންނަށް އެންމެ ލުއިފަސޭހަވާނެ ގޮތަށެވެ. ފެރީގައި ފާހާނަކުރެވެން ހުންނައިރު، ލަގެޖް ބެހެއްޓުމަށްވެސް ޖާގަ ހާއްސަ ކުރެވިފައި ހުރެއެވެ. އަދި ހިދުމަތް ހޯދާ ކޮންމެ ފަރާތަކަށް އެއް ލަގެޖްގެ އިތުރުން ކެރީއޮން ލަގެޖެއް ގެންދެވެ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް