މި ލޯނު އެއްބަސްވުމުގައި މިއަދު ފިނޭންސް މިނިސްޓްރީން ސޮއިކޮށްފައިވާއިރު، އެއްބަސްވުމާއި ބެހޭ އިތުރު ތަފްސީލެއް އެ މިނިސްޓްރީން ނުދެ އެެވެ.
އެ ލޯނު އެއްބަސްވުމުގައި ސޮއްކޮށްފަ ވަނީ، ނެދަލޭންޑްސްގެ އޭބީއެން އޭއެމްއާރުއޯ ބޭންކާއި، އޭކޭއޭ ޔޫރަޕިއަން އެސްޕޯޓް ޓްރޭޑް ބޭންކުގެ އިތުރުން، އައިއެންޖީ ބޭންކާއިއެކު އެވެ.
ޔޫރޯގެ ލޯނު ފެސިލިޓީ އެއްބަސްވުމެއްގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރެވެ. އަދި އައިއެންޖީ އާއި އޭކޭއޭ އެކްސްޕޯޓް ކްރެޑިޓް ބޭންކުގެ ފަރާތުން ސޮއިކުރެއްވީ އައިއެންޖީ ބޭންކް ގެ ޑިރެކްޓަރު، ވިލެމް ވެން ނުއަސް އެވެ. އަދި، އޭބީއެން އަމްރޯ ބޭންކްގެ ފަރާތުން ސޮއިކުރެއްވީ އެބޭންކްގެ އެގްޒެކެޓިވް ޑައިރެކްޓަރު، ހެޑް އޮފް އެކްސްޕޯޓް ފައިނޭންސް، ޔޫސްޓް ކިސާސް އެވެ. މި ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމުވެސް ބައިވެރިވެވަޑައިގަތެވެ.
ގުޅީފަޅު ބިން ހިއްކުމުގެ މަޝްރޫއުގެ މައިގަނޑު ބޭނުމަކީ، ގުޅީފަޅު ހިއްކައި ގުޅީފަޅުގައި އާ ޕޯޓެއް ތަރައްގީކޮށް، މިހާރު މާލޭގައި ބޭނުންކުރަމުންދާ މާލެ އިންޓަނޭޝަނަލް ޕޯޓް، ގުޅީފަޅަށް ރިލޮކޭޓް ކުރުމެވެ. މި މަޝްރޫއުގެ ސަބަބުން ކުރިމަގުގައި ރާއްޖޭގެ އިގްތިސޯދަށް އެކަށީގެންވާ ވަރުގެ ޕޯޓެއް ޤާއިމްކުރެވިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.
ފިނޭންސުން ބުނީ، މިހާރު މާލޭގެ ބަނދަރަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލަ ހައްލުކުރެވި، މާލޭގެ އެތެރޭގެ ޓްރެފިކް ފްލޯއަށް ލުއިތަކެއް ލިބި، އަދި މާލޭގެ ބިމުގެ ޖާގަ އެ މަޝްރޫއުގެ ސަބަބުން އިތުރުވެގެންދާނެ ކަމަށާއި، އެ މަޝްރޫއުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށާއި، ރާއްޖޭގައި އިގްތިސާދީ ހަރަކާތްތައް އިތުރުކުރުމަށް ވެސް ފުރުސަތުތައް ފަހިވެގެންދާނެ ކަމަށެެވެ.