ads
ރައީސް ސާލިހާއި ރައީސް ނަޝީދު ސައުދީ ވަލީއަހުދު މުހައްމަދާއެކު
ސައޫދީއާއި ގުޅުން ބޭއްވެނީ ރައީސް ޔާމީނަށް އެކަންޏެއް ނޫން!
ސައޫދީ އަރަބިއްޔާއަކީ ދުނިޔެއަށް ހުޅުވާލެވިފައިވާ ގައުމަކަށް ހެއްދެވުމަށް އެގައުމުގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ފައްޓަވާފައިވާ މަސައްކަތްޕުޅުގެ ތެރެއިން ބައެއް ގައުމުތަކުގެ ރައްޔިތުންނަށް ސައޫދީއިން އޮން އެރައިވަލް ވިސާ ދިނުމަށް މިހާރު ވަނީ ނިންމާފައެވެ.

 މީގެ ތެރޭގައި ހިމެނިގެން ރާއްޖޭގެ ރައްޔިތުންނަށްވެސް ފަތުރުވެރިކަމުގެ ބޭނުމަށާއި، އުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް ކުރީބައިގައި ވިސާ ނެގުމަކާ ނުލައި ސައޫދީއަށް ދިޔުމުން، އޮން އެރައިވަލް ވިސާ ލިބިގެންދާނެއެވެ. 

މިއީ ސައޫދީ ސަރުކާރާއި ދިވެހި ސަރުކާރާއި ދެމެދު އޮންނަ ޚާއްސަ ގުޅުމުގެ ތެރެއިން ފަހިވެގެން ދިޔަ ފުރުސަތެއްކަމަށް މިކަން އިއުލާންކުރައްވަމުން ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ފާހަގަކުރެއްވިއެވެ. 

ކުރީގެ ރައީސް ޔާމީނަށް ތާއީދުކުރާ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި އެމަނިކުފާނަކީ ސައޫދީ ސަރުކާރުގެ ވަރަށް އަރިސް ބޭފުޅެކެވެ. އެމަނިކުފާނުގެ ސަޕޯޓަރުންނަށް ވިސްނައިދެއްވާފައި އޮތް ގޮތަކީވެސް އެއީއެވެ. ރައީސް ޔާމީނާއި، ސައޫދީ ވަލީޢަހުދާ ދެބޭފުޅުންނަކީ "ބެސްޓް ފްރެންޑްސް" ކަމަށް "ދެދޮރު ދޭތެރޭ މުޒާހަރާ"ގެ ބައިވެރިން ކިޔާތީ އިވެއެވެ. އެއީ އެމީހުންނަށް ގަބޫލުކުރެވިފައި އޮންނަ ގޮތެވެ. އެހެންކަމުން ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، އެމަނިކުފާނު ޖަލަށްލުމުން ރައީ ޔާމީންގެ ސަޕޯޓަރުން ހީކުރީ ރައީސް ޔާމީން މިނިވަންކުރަން ސަޢޫދީ ސަރުކާރުން ވަރަށް މަސައްކަތްކުރާނެކަމަށެވެ. އަދި ރައީސް ސޯލިހާއި، މަޖިލިސް ރައީސް މުހައްމަދު ނަޝީދު އަބޫދާބީއަށް ވަޑައިގެންނެވި ދަތުރުފުޅުގައި ސައޫދީ ވަލީ އަހުދާ ބައްދަލުވުމުން އެއީ ރައީސް ޔާމީން މިނިވަންކުރަން ދިވެހި ސަރުކާރަށް އަންގަން ބޭއްވި ބައްދަލުވުމެއްކަމަށް ޕީޕީއެމްއިން ބުންޏެވެ. ރައީސް ޔާމީން ދޫކޮށްލަން ޖެހޭ ތާރީޚެއް އޮތްކަމަށް ބުނެ ތާރީޚުތައް ދިނެވެ. 

އެހެންނަމަވެސް ކަން ހިނގީ އެހެނެއް ނޫނެވެ. ރައީސް ޔާމީން ހިންގެވި ކަންކަން ހިންގެވީ ރަނގަޅަށް ނޫންކަން ސާބިތުވުމުން، ސަޢޫދީ ސަރުކާރުންވެސް އެކަން ޤަބޫލުކުރިއެވެ. ދިވެހިރާއްޖޭގައި މިހާރު މިއޮތް ސަރުކާރަކީ ރާއްޖޭގެ ޤާނޫނީ ސަރުކާރުކަން ދަނެގެން، ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް ވަންނާކަށް ސައޫދީ ސަރުކާރަކުން ނޫޅުނެވެ. ރައީސް ޔާމީނާއި ބެހޭ ގޮތުން ދިވެހި ސަރުކާރުގައި އެއްވެސް އެއްޗެއް ސަޢޫދީއިން ނާހާކަމަށް މައުލޫމާތު ލިބެއެވެ.

ސައޫދީ ސަރުކާރުން ރާއްޖޭގައި ހިންގާ މަޝްރޫޢުތައް ކުރިއަށް އެބަދެއެވެ. ރައީސް ޔާމީންގެ ވެރިކަން ނިމުނުން ހުއްޓޭނެކަމަށް ޕީޕީއެމްއިން ބުނި ކިންގް ސަލްމާން މިސްކިތުގެ މަސައްކަތްވެސް ކުރިއަށް އެބަދެއެވެ. އެއަރޕޯޓްގެ މަސައްކަތްވެސް ކުރިއަށްދެއެވެ. ކަދުރުވެސް ލިބެއެވެ. ސަޢޫދީ ސަރުކާރުން ކަންކަން ކޮށްދެނީ ޔާމީނަށް އެކަންޏެއް ނޫންކަން މިކަމުންވެސް ހާމަވެއެވެ. ސައޫދީއިން ކަންކަން ކޮށްދެނީ ދިވެހި ރައްޔިތުންނަށެވެ.

މުހައްމަދު ބިން ސަލްމާންގެ ވިޝަން 2030ގެ ދަށުން ސަޢޫދީއަށް ދަތުރުކުރުމުން އޮން އެރައިވަލް ވިސާ ލިބޭ ގައުމުތަކުގެ ލިސްޓުގައި އެންމެ ފުރަތަމަ ރާއްޖެ ނުހިމެނުމުން އިދިކޮޅު ފަރާތްތަކުން ވަރަށް ފާޑުފާޑުގެ ވާހަކަ ދެއްކެވިއެވެ. ރައީސް ޔާމީން ބަންދުން ދޫކޮށްނުލާތީ އެލިސްޓުގައި ނުހިމެނީކަމަށް ބުންޏެވެ. އެކަމުގެ ހަގީގަތަށްވެސް ބަލާލާނަމެވެ. 

އެލިސްޓުގައި ހިމެނި ފުރަތަމަ 50 ގައުމަކީ ދުނިޔޭގެ އެންމެ މުއްސަނދި ޤައުމުތަކެވެ. ސައޫދީއަށް ހަގީގީ ފަތުރުވެރިންގެ ގޮތުގައި ގޮސް، އެގައުމަށް އޭގެ ސަބަބުން މާލީ ގޮތުން ފައިދާ ކުރާނެ ގައުމުތަކެވެ. މުސްލިމް ގައުމުތަކުގެ ގޮތުގައި އެލިސްޓުގައި ހިމެނެނީ އެންމެ 3 ގައުމެވެ. އެއީ ސައޫދީއާއި އެއްފަދައިން ތެލުގެ މުއްސަނދިކަން ލިބިފައިވާ މެލޭޝިއާ، ބްރޫނާއީ އަދި ކަޒަކިސްތާނެވެ. މި ލިސްޓުން ބޭރުން ކެޓަގަރީ އޭ ގައި ހިމެނިގެން އޮން އެރައިވަލް ވިސާ ދޭ ފުރަތަމަ ގައުމަކަށް ސައޫދީއިން ހަމަޖެއްސީ ރާއްޖެއެވެ. އަދި ރާއްޖެއަކީ ބޮޑެތި އިގްތިސާދުތަކުގެ ތެރޭގައި ނުހިމެނޭ ގައުމުތަކުގެ ތެރެއިން ސައޫދީއިން ވިސާގެ ލުއި ދިން ފުރަތަމަ ގައުމެވެ. 

ގައުމުވެސް މިހާރު ވެރިކަމުގައި ހުންނެވީ ރައީސް ޔާމީނެއް ނޫނެވެ. އެހެންކަމުން ސައޫދީއިން ގުޅުން ބާއްވަނީ ހަމައެކަނި ޔާމީންއާއި ނޫންކަން މިހާރު ދިވެހި ރައްޔިތުންނަށް ސާފެވެ.

86%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
7%
ސަތޭކައަކުން ސުމެއް
7%
ވަރަށް ސަލާމް
ކޮމެންޓްސް