ads
ރައީސް ފުނަދޫ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
ފުނަދޫގެ ސިޔާސީ ވިސްނުމެއްގެ ސަބަބުން ތަރައްގީގަ ތަފާތެއް ނުކުރަން: ރައީސް
ށ. ފުނަދޫގެ ސިޔާސީ ވިސްނުން ތަފާތު ވިނަމަވެސް ރަށަށް ތަރައްގީ ގެންނެވުމުގައި އެހެން ރަށްތަކާއި ތަފާތު ކުރުން ސަރުކާރުން ނުގެންގުޅޭކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ފުނަދޫ އަކީ 80 އިންސައްތަ ޕީޕީމްއަށް ތާއިދު އޮންނަ ރަށެކެވެ. ކައުންސިލުގަވެސް އެންމެ ކައުންސިލަރެއް ފިޔަވައި މުޅިންވެސް ތިބެނީ ޕީޕީއެމް ކައުންސިލަރުން ނެވެ. އެމްޑީޕީގެ އެއްވެސް ކައުންސިލަރެއް ނުހުރެ އެވެ. ފުނަދޫ ފާހަގަކުރެވެނީ މެޖޯރަޓީ އެމްޑީޕީ ފިކުރު ގަބޫލު ނުކުރާ ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއްގެ ގޮތުގަ އެވެ. 

ފުނަދޫ ސްކޫލުގެ ރަންޔޫބިލް ފާހަގަކުރުމަށް އިއްޔެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެރަށަށް ކުރެއްވި ދަތުރުފުޅުގައި މިއަދު ވަނީ ފުނަދޫ ކައުންސިލާ، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރައްވާފަ އެވެ.

ފުނަދޫގެ ތަރައްގީގެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެވުނު މިއަދުގެ ބައްދަލުލުވުމުގައި ފުނަދޫ ކައުންސިލުން ވަނީ، އެއަޕޯޓު ސަރަހައްދަށް ދާން އޮންނަ މަގު ރަނގަޅު ފެންވަރަކަށް ހަދަން ބޭނުންވާކަމާއި ފެރީ ނެޓްވޯކް ފެށޭއިރު ބަނދަރަށް ގެންނަންޖެހޭ ބަދަލުތަކާއި ބެހޭގޮތުންނާއި ފުޓްބޯޅަ ދަނޑުގެ މަސައްކަތް ލަސްވަމުންދިއުމުގެ ކަންބޮޑުވުމާއި އަދި ޔޫތު ސެންޓަރާއި ގުޅިގެން ހުރި ކަންބޮޑުވުންތައް ފާހަގަކުރައްވާފަ އެވެ.

އެރަށު ކައުންސިލުގެ ރައީސް އަހްމަދު މުހައްމަދުފުޅު މިއަދު "ސީއެންއެމް" އަށް ވިދާޅުވިގޮތުން ރަށުގެ ސިޔާސީ ފިކުރު ސަރުކާރާއި ތަފާތުވުމުގެ ސަބަބުން ބައެއް އިދާރާތަކުން ހޯދަންޖެހޭ ހިދުމަތްތަކާއި ސަރުކާރުގެ ބައެއް އިސް ފަރާތްތަކާއި ގުޅިގެން ރަށުގެ ތަރައްގީއަށް ނިންމަންޖެހޭ ބައެއް ކަންކަން ނިންމުމުގައި ބައެއް ގޮންޖެހުންތައް ކުރިމަތިވަމުންދާކަމުގެ ކަންބޮޑުވުންވެސް އެ ބައްދަލުވުމުގައި ރައީސް އާއި ހިއްސާކުރެއްވި އެވެ.

މި ކަންބޮޑުވުންތައް އަޑުއެއްސެވުމަށްފަހު ރައީސް ވިދާޅުވީ، ފުނަދޫ އަކީ ޕީޕީއެމްގެ ބޮޑު މެޖޯރިޓީއެއް އޮތް ރަށެއްކަން ރައީސް ގަބޫލުކުރައްވާ ކަމަށާއި ނަމަވެސް އެކަމުގެ ސަބަބުން ރައީސް ރަށްރަށަށް ގެނެސްދޭ ތަރައްގީގައި ފުނަދޫ ތަފާތު ކުރުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށެވެ.

އަދި އެބައެއްގެ މެދުގައި އޮންނަ ސިޔާސީ ވިސްނުމެއްގެ ސަބަބުން އެ ރަށެއްގެ ތަރައްގީގެ މަސައްކަތްތައް ކުރިޔަށް ގެންދިއުމުގައި ސަރުކާރުން ތަފާތެއް ނުގެންގުޅުއްވާ ކަމަށްވެސް ވިދާޅުވި އެވެ.

" ރައީސް މިރަށަށް ވަޑަައިގެންނެވުމާއި ހަމައިން ފުރާވަޑައިގެންނެވުމާއި ހަމަޔަށްވެސް އަޅުގަނޑުމެންނަށް އިހުސާސް ކުރެވުނު ރައީސް އެވިދާޅުވާ ގޮތަށް ސިޔާސީ ހިޔާލު ތަފާތުވިޔަސް ތަފާތު ކަމެއް ނުގެންގުޅޭކަން. ރައީސް ވިދާޅުވި އެހެން އިދާރާތަކުން ކުރިމަތިވާ ގޮންޖެހުންތައް ކުޑަކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށް އެކަމަކު ހުދު ރައީސް ތަފާތު ކުރުން ނުގެންގުޅުއްވާ ކަމަށް. އަދި ސިޔާސީ ގޮތުން އެކަހެރި ކުރުމުގެ ވިސްނުން ރައީސްގެ ނުހުންނަކަން" ކައުންސިލުގެ ރައީސް ވިދާޅުވި އެވެ.

ކައުންސިލުގެ ރައީސް ވިދާޅުވީ، ރައީސް އާއިއެކު ބޭއްވުނު ބައްދަލުވުމަކީވެސް ހިތްހަމަޖެހޭ ސިޔާސީ ފިކުރާއި ދުރު ބައްދަލުވުމެއް ކަމަށެވެ.

ރޭގެ ޖަލްސާގައި ރައީސް ސޯލިހު ވަނީ ބިންހިއްކާ ރަށްރަށުގެ ލިސްޓުގައި ފުނަދޫ ހިމަނައި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން އެމަސައްކަތް ކުރިޔަށްގެންދިއުމަށް ސަރުކާރުން ނިންމަވާފައިވާކަން ވެސް ހާމަކުރައްވާފަ އެވެ. އަދި ފުނަދޫ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތްވެސް ލަސްތަކެއް ނުވެ ކުރިޔަށް ގެންދަވާނެ ކަމަށާ، އަދި ސްކޫލަށް އިތުރުކުރެވޭ 15 ކްލާސްރޫމުގެ މަސައްކަތް ކުރިޔަށްދާކަމާއި ފުނަދޫ ސްކޫލުގައި ސްޓާފް ރޫމެއް ހިމެނޭހެން އޮފީސް އިމާރާތެއް އެޅުމުގެ މަސައްކަތްވެސް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިޔަށްގެންދަވާނެކަން ފާހާގަކުރެއްވި އެވެ. މީގެ އިތުރުން ހޮސްޕިޓަލަށް ބޭނުންވާ އާ އިމާރާތުގެ މަސައްކަތްވެސް ލަސްތަކެއްނުވެ ކުރިޔަށްގެންދަވާނެކަމަށް ވިދާޅުވި އެވެ.

މި ބައްދަލުކުރެއްވުމަށްފަހު ރައީސް ވަނީ ށ. އަތޮޅުގެ ހެލްތު ސެންޓަރުތަކުގެ އިސްވެރިންނާއި ވެސް ބައްދަލުކުރައްވައި މަޝްވަރާކުރައްވާފަ އެވެ. އެ ދަތުރު ނިންމާލެއްވުމަށްފަހު މިއަދު ވަނީ ނ. އަތޮޅަށް ފުރާވަޑައިގަންނަވާފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް