ads
ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް
"ޓެރަރިޒަމްގެ އަމަލެއް ބަޔަކަށް ހިންގޭނީ މިވަރަކަށް، ހަރާމް،ހަލާލް، އޮޅޭވަރުކޮށްފި"
މިއަދު ހެނދުނު ގަލޮޅު ދަނޑަށް އަރައިގަނެ ހިންގީ ޓެރަރިޒަމް އަމަލެއް ކަމަށާއި، އެ އަމަލުގެ ސަބަބުން ހަރާމް ހަލާލު އޮޅޭވަރު ކޮށްފި ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

މިއަދު ހެނދުނު ގަލޮޅު ދަނޑުގައި ބައިނަލް އަގުވާމީ ގޮތުން ފާހަގަކުރާ ޔޯގާ ޑޭ ހަރަކާތް ކުރިއަށް ދަނިކޮށް އެތަނަށް ވަދެގަނެ ހަމަނުޖެހުން ހިންގާ އެ އިވެންޓު ހުއްޓުވި މައްސަލައަށް އިޝާރާތްކުރައްވާ މިއަދު މަހްލޫފު ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވީ، 2018ގެ ކުރިން ޔޯގާ ޑޭ ފާހަގަ ކުރިއިރު ނުފެންނަ އަދި އަޑެއްވެސް ނީވުނު ކަމަށެވެ. ކުއްލިއަކަަށް އެކަން ހަރާމުވީ 2022 ގައި ކަަމަށް ވިދާޅުވި އެވެ. 

"ދީނުގެ ނަމުގަ ކަމެއް ސިޔާސީކޮށް ޓެރަރިޒަމްގެ އަމަލެއް ބަޔަކަށް ހިންގޭނީ މިވަރަށްކަން މިފޮޓޯތަކުން ވަރަށް ސާފު. 2018ގެ ކުރިން ޔޯގާ ޑޭ ފާހަގަ ކުރިއިރު ނުފެނޭ އަދި އަޑެއްވެސް ނީވުނު.ކުއްލިއަކަަށް 2022 ގަ ހަރާމް ކޮށްފި. ހަރާމް،ހަލާލް،ހުއްދަ އަދި ހުއްދަނޫން ކަންކަން އޮޅޭވަރުކޮށްފި." ޔޯގާޑޭ ރާއްޖޭގައި އެކި އަހަރުތަކުގައި މީގެ ކުރިން ފާހަގަކޮށްފައިވާ މަންޒަރު ފެންނަ ފޮޓޯތަކަކާއިއެކު ކުރެއްވި އެ ޕޯސްޓުގައި ލިޔެފައިވެ އެވެ.

މަހްލޫފް ހިއްސާކުރައްވާފައިވަނީ، މިއަދުގެ އިވެންޓު އޮތް ސަރަހައްދުގައި ހަމަނުޖެހުން ހިންގި އިހުތިޖާޖުގެ ބައިވެރިން ގެންގުޅުނު ދިދަތައް ނެރުނީ ޕީޕީއެމް އޮފީހުން ކަމަށް ބުނެ އާއްމުކޮށްފައިވާ ފޮޓޯތަކަކާއި، 2016 އަދި 2017 ވަނަ އަހަރު ބާއްވާފައިވާ ޔޯގާ އިވެންޓެއްގެ މަންޒަރުތައް ފެންނަ ފޮޓޯތަކެެކެވެ.

އިންޓަނޭޝަނަލް ޔޯގާ ޑޭ ފާހަގަ ކުރުމަށް ޔޫތު މިނިސްޓްރީން އާއި އިންޑިއާ ހައި ކޮމިޝަނާއި އިންޑިއަން ކަލްޗަރަލް ސެންޓަރު ގުޅިގެން މިއަދު ހެނދުނު ދަނޑުގައި ކުރިއަށް ގެންދިޔަ ހަރަކާތްތެއްގެ ތެރެއަށް ވަދެގަނެފަވަނީ ޔޯގާ އަކީ ހިންދޫއިންގެ އަޅުކަމެއްގެ ގޮތުގައި ފާހަގަ ކުރާ ހަރަކަތެއް ކަމަށް ބުނެ އެކަމާ ދެކޮޅަށް ދަނޑު ބޭރުގައި ތިބެގެން އަޑު އުފުލުމަށް ފަހު އެވެ.

ދަނޑުގެ ބޭރުގައި ޖަހާފައި ހުރި ފެންސް ވެސް ހަލާކުކޮށްލާ، އެތަނުގެ ތެރެއަށް ވަދެ އެތަނުގައި ޖަހާފައި ހުރި ދިދަ ދަނޑިތަކުންނާއި، ފުޅިފަދަ އެއްޗެހި ބޭނުންކޮށްގެން އެ ހަރަކާތުގައި ބައިވެރިވި ބައެއް މީހުންނަށް ހަމަލާ ދިން ކަމަށް ވެއެވެ. އޭގެތޭރޭގައި އިންޑިއަން ހައިކޮމިޝަނުގެ މުވައްޒަފަކު ވެސް ހިމެނޭ ކަމަށް މައުލޫމާތު ލިބެއެވެ. 

ފުލުހުން މިއަދު "ސީއެންއެމް" އަށް ބުނީ އެ ހަރަކާތުން ހަ މީހަކު ހައްޔަރުކޮށް، އެއީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށެވެ. 

މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި ޓްވީޓެއްގައި ވެސް ވިދާޅުވީ، އެއީ ސީރިއަސް އަދި ކަންބޮޑުވާ މައްސަލައެއްގެ ގޮތުގައި ބަލާ، ފުލުހުންގެ ސީރީއަސް ތަހުގީގެއް ކުރިއަށްދާ ކަމަށާއި، އެކަމުގައި ޒިންމާ ނަގަންޖެހޭ ފަރާތްތައް ވީހާވެސް އަވަހަށް ގާނޫނުގެ ކުރިމައްޗަށް ގެންނާނެ ކަމަށެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް