
ބައިނަލްއަގުވާމީ ޔޯގާ ޑޭ ފާހަގަ ކުރުމަށް އިއްޔެ ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގައި ބޭއްވި ހަރަކާތް ހުއްޓުވާ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ޝެއިހް ފަޒްލޫން ބިން މުހައްމަދު އާއި ޝެއިހް އާދަމް ނިޝާން ރޭގެ ވަގުތެއްގައި ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ޕީޕީއެމްގެ ހަރަކާތް ކޮމިޓީގެ އިސްކޮށް އުޅުއްވާ މުހައްމަދު އިސްމާއިލް އާއި، ޕީޕީއެމްގެ އެކްޓިިވިސްޓެއް ކަމަށްވާ އަލީ ނަސީމް (ތަކަނޭ) ވެސް ހައްޔަރުކޮށްފަ ވެއެވެ.
މީގެތެރެއިން ޝެއިހް ފަޒްލޫން އާއި، ޝެއިހް އާދަމް ނިޝާން އަކީ އެދުވަހުގެ ހަމަނުޖެހުން ހިންގުމުގެ ކުރިން މަޖީދީމަގުގައި ތިބެގެން އަޑުގަދަކުރާއިން ވާހަކަދެއްކި ދެމީހުން ނެވެ. އެމީހުންގެ އިތުރުންވެސް މި ހަމަނުޖެހުމާއި ގުޅޭ އިތުރު ބަޔަކު ހައްޔަރުކުރުމަށް ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއް ކުރިއަށް އެބަދެ އެވެ.
ރޭގެ ހާއްސަ އޮޕަރޭޝަނުގައި ގިނަ ބަޔަކު ހައްޔަރުކޮށްފަވަނިކޮށް، މިއަދު މިނިސްޓަރު މަހްލޫފު އޭނާގެ ސޯޝަލް މީޑިއާގައި ހާމަކުރި ޕޯސްޓެއްގައި ވަނީ އޭނާއާއި އޭނާގެ އާއިލާއަށް މީހަކު އިންޒާރުދީ ބިރުދައްކާފަވާ މެސެޖުތަކެއް ހިއްސާކޮށްފަ އެވެ.
މަހްލޫފަށް އެމީހަކު ފޮނުވާފައިވާ މެސެޖުތަކުގައި ބުނެފައިވަނީ، އެބަޔަކު ތިބީ ބަލަން ކަމަށާއި، އެމީހުންގެ އަހަކަށް ނުވަތަ ޖަމިއްޔާއަކަށް ފިޔަވަޅު އެޅިޔަސް މަހްލޫފާއި މަހްލޫފުގެ އާއިލާގެ ޒަމާން ދުއްވާލާނެ ކަމަށެވެ. އަދި އެއީ ދޭ ގަދަފަދަ އިންޒާރެއް ކަމަށް ބުނެފަވެ އެވެ.
އެ މެސެޖު ސޯޝަލް މީޑިއާގައި ހިއްސާކޮށް މަހްލޫފު ވިދާޅުވެފަ ވަނީ، އެގޮތަށް މަރުވެއްޖެނަަމަ ޔަގީނުންވެސް ވާނީ ޝަހީދަކަށް ކަމަށާއި، ބިރުދައްކައިގެން އެއްވެސް ނަތީޖާއެއް ހާސިލްނުވާނެ ކަމަށެވެ. އަދި މިނިސްޓަރު ކަމަކީ އެއްވެސް މުހިންމުކަމެއް ނޫންކަމަށް މަހްލޫފު ވިދާޅުވި އެެވެ.
މިމައްސަލަ މިހާރުވަނީ ފުލުހުންނަށްވެސް ހުށަހަޅާފަ އެވެ.
ޔޯގާ ހަަމަނުޖެހުމާ ގުޅިގެން މީގެ ކުރިން ހައްޔަރުކޮށްފަވާ މީހުން
- ކ. ތުލުސްދޫ، ވީނަސް، މުހައްމަދު ނަދީމް (43އ)
- ކ. މާލެ، މއ. ކަނުހުރާ، މުޙައްމަދު ޛިލްޔަން (37އ)
- ކ. މާލެ، ދަފްތަރު ނަންބަރު ދރ 1105، ޝާމީ ރަޝާދު އިދްރީސް (30އ)
- ތ. މަޑިފުށި، ހެޕީސައިޑް، މުހައްމަދު މައުސޫމް (40އ)
- ހއ. ތުރާކުނު، ގްރީންހައުސް، މުހައްމަދު ޙުހުސައިން (47އ)
- ގދ. ރަތަފަންދޫ، ލިލީޕާކް، އަމީން އަހްމަދު (35އ)