އިހަވަންދޫ ބަނދަރުގެ މަސައްކަތް ކުރިއަށްގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ނެވެ.
ޕްލޭނިން މިނިސްޓްރީން އެމްޓީސީސީ އާއި މި މަޝްރޫއު ހަވާލުކޮށްފައިވަނީ 59.07 މިލިއަން ރުފިޔާ އަށެވެ.
މި މަޝްރޫއުގެ ދަށުން، 30,509 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 95 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 284 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމާއި، 178 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނެއެވެ. އަދި މަގުބައްތިއާއި ނެރު ބައްތި ހަރުކުރުމާއި، 4,582 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުންވެސް ހިމެނެއެވެ.
"ސީއެންއެމް" އަށް މައުލޫމާތުދެއްވަމުން އިހަވަންދޫ ކައުންސިލްގެ ރައީސް އަހުމަދު ސޮބާހު ވިދާޅުވީ އިހަވަންދޫގައި ތަރައްގީ ކުރާ ބަނދަރުގެ މަސައްކަތުގެ ތެރެއިން މިވަގުތު ނުނިމި ހުރީ ބަނދަރު ފުންކުރުމުގެ ބައެއް މަސައްކަތްތައް ކަމަށެވެ.
ސަރުކާރުން ގިނަ މަޝްރޫއުތަކެއް އިހަވަންދޫގައި ކުރިއަށްގެންދާކަން ފާހަގަކުރައްވަމުން ސޮބާހު ވިދާޅުވީ އިހަވަންދޫގައި މިވަގުތު އަޅަން ފަށާފައިވާ ޓާފް ދަނޑުގެ މަސައްކަތްވެސް މިވަގުތު ނިމިފައިވާ ކަމަށާއި، އޮންގޮއިން ޕްރޮޖެކްޓުތަކުގެ ތެރެއިން ކުރިއަށްދަނީ ބަނދަރުގެ އިތުރުން ބިންހިއްކުމުގެ މަސައްކަތް ކަމަށެވެ.