ads
ދީނީ އިލްމުވެރިޔާ ނިޝާން
ދީނީ އިލްމުވެރިޔާ ނިޝާން ހައްޔަރު ކުރީ ދަރިފުޅުގެ ކުރިމައްޗަކު ނޫން: ފުލުހުން
މިދިޔަ ހަފްތާގެ އަންގާރަ ދުވަހުގެ ހެނދުނު ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ބޭއްވި ޔޯގާ ޑޭ ހަރަކާތައް ހުރަސް އަޅާ، ހަމަނުޖެހުން ހިންގި މައްސަލަ އާއި ގުޅިގެން ހައްޔަރު ކުރި، ދީނީ އިލްމުވެރިޔާ، އާދަމް ނިޝާން ހައްޔަރު ކުރީ އޭނާގެ ދަރިފުޅުގެ ކުރިމަތީ ނޫން ކަމަށް ފުލުހުން ބުނެފި އެވެ.

ނިޝާން ހައްޔަރު ކުރީ، އޭނާ އާއި އޭނާގެ ދަރިފުޅު މިސްކިތައް ދިޔަ މަގުމަތީ، ފުލުހުންގެ މޫނު ނިވާކޮށްގެން ތިބި އޮފިސަރުން ގޮސް ކަމަށްބުނެ ގިނަ ބައެއްގެ ފާޑުކިޔުން ފުލުހުންނަށް ވަނީ އަމާޒުވެފަ އެވެ. އަދި މިކަމާއި ގުޅިގެން ނިޝާންގެ ދަރިފުޅަށް ވަރަށް ބޮޑަށް އަސަރު ކޮށްފައި ވާކަމަށްވެސް ބައެއް ފަރާތްތަކުން ވަނީ ބުނެފަ އެވެ. 

މިކަމާއި ގުޅިގެން މިއަދު އިސްކަންދަރު ކޮށީގައި ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ފުލުހުންގެ އެސިސްޓްޓެންޓްް ކޮމިޝަނަ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ ނިޝާން ހައްޔަރު ކުރީ އޭނާގެ ދަރިފުޅުގެ ކުރިމަތީ ކަމަށްބުނެ ދައްކަމުން ދަނީ އަސްލެއްނެތް ދޮގު ވާހަކަތަކެއް ކަމަށެވެ. 

ނިޝާން ހައްޔަރު ކުރަން ދިޔައިރު، އޭނާ ކައިރީ ދަރިފުޅު ހުރުމުން، ސްވޮޓް ފުލުހުން އެތަނުން ދުރަށް ދިޔަ ކަމަށާއި، ނިޝާން ކައިރިއަށް ކުލަ ހެދުމުގައި ތިބި ދެ ފުލުހުން ގޮސް އޭނާ ހައްޔަރު ކުރަން އުޅޭ ވާހަކައާއި، ދަރިފުޅު ގެއަށް ގެންދަން ފުރުސަތު ދިން ކަމަށް ރިޔާޒު ވިދާޅުވި އެވެ. އަދި ނިޝާން ހައްޔަރު ކުރީ ދަރިފުޅު ގެއަށް ލުމަށް ފަހު ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ. 

"ދައްކަމުން ދަނީ ވާހަކައިގެ އެއްބައި. އޭނާ ހައްޔަރު ކުރަން ސްވޮޓް ފުލުހުން ފޭބިއިރު، އޭނާ ކައިރީ ކުއްޖާ ހުރުމުން، ކުލަ ހެދުމުގައި ތިބި ދެ އޮފިސަރުން ގޮސް އޭނާ ހައްޔަރު ކުރަން އުޅޭ ވާހަކަ ބުނި. އަދި ކުއްޖާ ގެއަށް ގެންދިއުމަށް ފުރުސަތުވެސް ދިން. ނިޝާން ހައްޔަރު ކުރީ ގެއަށް ދަރިފުޅު ލާފައި އައުމުން." ރިޔާޒް ވިދާޅުވި އެވެ.

މީގެ އިތުރުން ރިޔާޒް ވިދާޅުވީ، ހައްޔަރު ކުރުމުގައި ހިނގާދިޔަ ކަންކަމާއި ގުޅިގެން ނިޝާންގެ ޝަކުވާއެއް އަދި މިހާތަނަށް ލިބިފައި ނުވާކަމަށާއި، އެހެން ނަމަވެސް އެ ރޭ ހައްޔަރު ކުރި އިރު ކުއްޖާ ހުރީ ވަރަށް ބިރުން ކަމަށާއި، ހައްޔަރު ކުރުމުގައި ކަން ހިނގާދިޔައީ، އުއްމީދު ކުރި ގޮތާއި ހިލާފަށް ކަމަށްވެސް ރިޔާޒު ވިދާޅުވި އެވެ. 

އަންގާރަ ދުވަހު ހިންގި ހަމަނުޖެހުމާއި ގުޅިގެން މިހާތަނަށް 21 މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ. މީގެ ތެރެއިން ބައެއް މީހުންގެ ބަންދަށް ދެ މަސް ދުވަސް ޖަހާފައި ވާއިރު، ބައެއް މީހުންގެ ބަންދަށް ކޯޓުން ވަނީ 10 ދުވަސް ޖަހާފަ އެވެ. 

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް