ads
ރައީސް ސޯލިހް މިއަދުގެ ހަރަކާތުގައި ބައިވެރިވެވަޑައިގަތުމަށް އާޓިފިޝަލް ބީޗުް ސަރަހައްދަށް ވަޑައިގަތުމުން ރައީސް ނަޝީދު މަރުހަބާ ދަންނަވަނީ -- ފޮޓޯ: އެމްޑީޕީ
މަޖިލިސް އިންތިހާބަށް ވުރެ ކައުންސިލް އިންތިހާބުގެ ނަތީޖާ ރަނގަޅުވާނެ: ރައީސް
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހޯދި ކާމިޔާބީއަށް ވުރެ ބޮޑު ކާމިޔާބީއެއް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީން ހޯދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީން ތައްޔާރުކޮށްފައިވާ ކެމްޕޭން ޕޯސްޓަރު ހަރުކުރުމަށް މިއަދު ކުރިއަށް ގެންދިޔަ ހަރަކާތަށްފަހު ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. 

އެމްޑީޕީގެ ކެމްޕޭން ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތް ފެށީ އާޓިފިޝަލް ބީޗު ކައިރި ހުންނަ އެ ޕާޓީގެ ހަރުގެއިންނެވެ. މިހަރަކާތުގައި ރައީސް ސޯލިހުގެ އިތުރުން އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ އިސް ބޭފުޅުންނާއި އެޕާޓީގެ އާންމު މެންބަރުން ބައިވެރިވެފައިވެ އެވެ.

މިހަރަކާތުގެ ތެރެއިން ރައީސް ވިދާޅުވީ ރައްޔިތުން މިހާރުވެސް ތިބީ މަޖިލިސް އިންތިހާބުގައި ވެސް ތިބި ގޮތަށް ކަމަށެވެ. އެހެންކަމުން މަަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީއަށް ވުރެ ބޮޑު ކާމިޔާބީއެއް ކައުންސިލް އިންތިހާބުގައި ލިބޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"އަޅުގަނޑަށް ގަބޫލު ކުރެވެނީ ރައްޔިތުން ތިބީ ހަމަ އެ މިސްރާބަށް ދަތުރުކުރަން ވިސްނައިގެން ކަމަށް. އެހެންކަމުން އަޅުގަނޑަށް ގަބޫލުކުރެވޭ އެއަށް ވުރެ [މަޖިލިސް އިންތިހާބަށް ވުރެ] ބޮޑުކޮށް މިފަހަރު އަޅުގަނޑުމެންނަށް ކާމިޔާބު ކުރެވޭނެ ކަމަށް،" ރައީސް ވިދާޅުވި އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ބޮޑު ކާމިޔާބެއް ލިބޭނެ ކަމަށް ރައީސް ވިދާޅުވެފައިވާއިރު ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ބޮޑު ކާމިޔާބެއް ނުލިބިއްޖެނަމަ ވައުދު ފުއްދަވަން ދަތިފުޅުވާނެ ކަމަށްވެސް އެމަނިކުފާނު ކުރިން ވިދާޅުވެފައިވެ އެވެ.

އެމްޑީޕީން ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އެޕާޓީގެ ޕްރައިމަރީ ބާއްވާ، ޓިކެޓް ދޭނެ ކެންޑިޑޭޓުން މިހާރު ވަނީ ކަނޑައަޅާފަ އެވެ. 

ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ނިންމާފައިވަނީ މިއަހަރުގެ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް