ads
ސިޓީކައުންސިލުން މިރޭ ބޭއްވި ހަފްލާގައި މޭޔަރު މުއިއްޒު ވާހަކަ ދައްކަވަނީ
ގޯއްޗަށް ކުރިމަތިލާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މޭޔަރު އެދިވަޑައިގެންފި
ސަރުކާރުން ދޫކުރަން ނިންމާފައިވާ ގޯއްޗަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކަށް އެކަމުގައި އެހީތެރިކަން ފޯރުކޮށްދެއްވުމަށް މާލެ ސިޓީގެ އެކި ދާއިރާތަކުގެ ކައުންސިލަރުންގެ އަރިހުން މޭޔަރު އެދިވަޑައިގަންނަވައިފި އެވެ.

މޭޔަރު މިފަދައިން ވިދާޅުވެފައި މިވަނީ އިއްޔެ މާލެ ސިޓީ ކައުންސިލުން ބޭއްވި ކައުންސިލްގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގެ ތެރޭގަ އެވެ.

މޭޔަރު ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ މަސައްކަތަކީ ހަތަރު ވަނަ ދައުރުގެ ކައުންސިލްގެ ފުރަތަމަ ދުވަހުން ފެށިގެން މާލޭގެ ރައްޔިތުންގެ ހައްގުގައި ކުރައްވަމުން ގެންދަވާ މަސައްކަތެއް ކަމަށާއި، އެގޮތުން ގުޅީފަޅުގެ ޕްލޭން ބަދަލުކޮށްދެއްވުމަށް ފުރަތަމަ ދުވަހުވެސް ވާނީ ރައީސުލް ޖުމްހޫރިއްޔާގެ އަރިހުގައި ދަންނަވާފައި ކަމަށެވެ.

"ގުޅީފަޅުގައި ޕޯޓް ހަދަންއޮތް ޖާގަ ދޫކޮށްފަ ބާކީ އޮތް ޖާގަ ހިއްކެވީމާ 200 ހެކްޓަރުވަރުގެ ޖާގަ ހުޅުމާލެ ފުރަތަމަ ފިޔަވަހި ވަރުގެ ޖާގައެއް ލިބޭނެ ކަމަށް ވާނީ ދަންނަވާފަ. މަދުވެގެން 30 ހަކަށް ހާސް ރައްޔިތުންނަށް އެތަނުން ގޯތި ދެވޭނެ ކަމަށް ވާނީ ދެންނެވިފަ." މޭޔަރު ވިދާޅުވި އެވެ.

ކައުންސިލްގެ ފުރިހަމަ އެއްބާރުލުމާއިއެކީގައި މިކަން ކުރިއަށް ގެންދިއުމަށް ފުރަތަމަދުވަހުން ފެށިގެން މިއަދާއި ހަމަޔަށްވެސް އެކިގޮތްގޮތުން މަސައްކަތް ކުރައްވަމުން ގެންދަވާކަން މޭޔަރު ފާހަގަކުރެއްވި އެވެ. މީގެ އިތުރުން ހުޅުމާލެއިން ގޯތި ދޫކުރާނަމަ ކައުންސިލްގެ އިހްތިސާސް ހިމެނޭ ސަރަހައްދެއްކަމުން ކައުންސިލް އެކަމުގައި ބައިވެރިކުރަން ދަންނަވާފައިވާނެ ކަމަށްވެސް މޭޔަރު ވިދާޅުވި އެވެ.

"ބޯހިޔާވަހިކަމަށް އެންމެ އައުލާކަންބޮޑު ފަރާތްތައް ހޮވުމުގަ އެކަން އެންމެ ރަނގަޅަށް ދެނެގަންނަން ފަސޭހަ ވާނީ އެތަނެއްގެ ކައުންސިލަށް ކަމަށްވާތީ އެހެން އެދުނިން. އެހެން ނަމަވެސް އެކަމުގައިވެސް އެއްވެސް ކަހަލަ ބައިވެރިވުމެއް އަދި ނުދޭ، ކައުންސިލަކަށް ފުރުސަތެއްނުދޭ."މޭޔަރު ވިދާޅުވި އެވެ.

މީގެ އިތުރުން މޭޔަރު ވިދާޅުވީ، އަތޮޅު ތެރެއެކޭ އެއްގޮތަށް މާލޭގެ ރައްޔިތުންނަށް ގޯތި ދޭންވާނީ ހިލޭކަމުގައި ދެންނެވިފައިވާކަމަށާއި، މިހާރު ސަރުކާރުގެ ވިސްނުން އެގޮތަށް ބަދަލުވެފައިވާކަމީ މި ކައުންސިލުން މާލޭގެ ރައްޔިތުންގެ ހައްގުގައި ކުރެވުނު މުހިންމު މަސައްކަތެއް ކަމަށެވެ.

ކައުންސިލްގެ 58 ވަނަ ޖަލްސާގައި މާލޭގެ އެކި ދާއިރާތަކުގެ ކައުންސިލަރުންގެ އަރިހުން މޭޔަރު އެދިވަޑައިންނެވީ އެކި ދާއިރާތަކުގެ ރައްޔިތުންގެ ގާތަށް ޒިޔާރަތްކުރައްވާ ނިކަމެތިން ދެނެގަނެ ބޯހިޔާވަހިކަމަށް ސަރުކާރުން މިހާރު ހުޅުވާލާފައިވާ ފުރުސަތުގެ ބޭނުން ހިފުމަށް އެފަރާތްތަކަށް ހިތްވަރުދެއްވުމަށެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް