ads
މަޝްރޫއުތަކުގައި ސޮއިކުރި ދުވަހުގެ ރަސްމިޔާތުގެ ތެރެއިން---ފޮޓޯ މިހާރު
އިންޑިއާއިން ހިންގާ މަޝްރޫއުތަކަކަށް އެޑްވާންސްކޮށް 4 މިލިއަން ރުފިޔާ ދޫކޮށްފި
ދިވެހިރާއްޖޭގައި ހިންގުމަށްހަމަޖެހިފައިވާ ހަތް ހައި އިމްޕެކްޓް މަޝްރޫއުގެ މޯބިލައިޒޭޝަން މަސައްކަތް ފެށުމަށްޓަކައި އެޑްވާންސްގެ ގޮތުގައި އިންޑިއަން ހައިކޮމިޝަންގެ ފަރާތުން ރާއްޖޭގެ ސަރުކާރަށް ހަތަރު މިލިއަން ރުފިޔާ ދޫކޮށްފި އެވެ.

މިއީ މިއަހަރުގެ މާޗުގައި އިންޑިއާގެ އެކްސްޓަނަލް އެފެއަޒް މިނިސްޓަރު ޑރ.ޖައިޝަންކަރް ކުރެއްވި ޒިޔާރަތުގައި އިއުލާން ކުރެވުނު މަޝްރޫއުތަކެކެވެ. އެކަމާއިގުޅޭ އެމްއޯޔޫތަކުގައި ސޮއިކޮށްފައިވަނީ މިއަހަރުގެ އެޕްރީލް މަހުގެ ތެރޭގަ އެވެ. 

ސިއްހީ ދާއިރާއަށާއި، ޒުވާނުންގެ ތަރައްގީ، އަދި ކުޅިވަރާއި ސަގާފަތައް އަމާޒުކުރެވި ހިންގޭ މި މަޝްރޫއުތަކަކީ ރާއްޖޭގައި ހައި އިމްޕެކްޓް މަޝްރޫއުތަށް ހިންގުމަށް ހާއްސަކުރެވި، އިންޑިއާއިން ފޯރުކޮށްދީފައިވާ 155 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ދަށުން ފަންޑުކުރެވިފައިވާ މަޝްރޫއުތަކެކެވެ.

އަށް އަތޮޅަކަށް ބަހާލައިން ކުރިއަށްގެންދާ އެ މަޝްރޫއުތައް ހިންގުމަށްހަމަޖެހިފައިވަނީ، އަށް ރަށެއްގަ އެވެ. އެއީ:

  1. ކުޅުދުއްފުށި ސިޓީ : ސްޕީޗް ތެރަޕީ ޔުނިޓެއް
  2. ނ.ލަންދޫ : އާސާރީ ބިނާ މާބުދުގެ މަރާމާތުކުރުން
  3. ތ.ދިޔަމިގިލި : އާސާރީ ބިނާ ގަނޑުވަރުގެ މަރާމާތުކުރުން
  4. ނ.މަނަދޫ : ސްޕޯޓްސް ކޮމްޕްލެކްސް
  5. ކ.ހުޅުމާލެ : ހޮސްޕިޓަލްގައި ޕްރޮސްތެޓިކްސް، އޯތޮޓިކްސް މެނުފެކްޗަކުރުމަށް ވޯކްޝޮޕެއް 
  6. އދ.ދިގުރަށް : ޔޫތު ސެންޓަރެއް 
  7. ގއ.ގެމަނަފުށި  ޔޫތު ސެންޓަރެއް 
  8. އައްޑޫ ސިޓީ : މެންޓަލް ހެލްތު ސެންޓަރެއް 

މި މަޝްރޫއުތައް ހިމަނައިގެން، އިންޑިއާގެ އެހީގައި ދިވެހިރާއްޖޭގައި ހިންގޭ ހައި އިންޕެކްޓް 27 މަޝްރޫއުތަކުގައި މަސްވެރިކަން، އިކޯ-ޓުއަރިޒަމް، ދެމެހެއްޓެނިވި ތަރައްގީއާއި ފަތުރުވެރިކަން، ދަނޑުވެރިކަމާއި ސަގާފަތާއި، ސިއްހީ ދާއިރާ އަދި ރަށްރަށުގެ އުމްރާނީ ތަރައްގީގެ އިތުރުން ތައުލީމީ ދާއިރާ ވެސް ހިމެނިފައިވެ އެވެ. 

މީގެ އިތުރުންވެސް، އިންޑިއާއިން ވަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ތަރައްޤީގެ 18 މަޝްރޫއު ހިންގުމަށްޓަކައި ހިލޭ އެހީގެ ގޮތުގައި 106 މިލިއަން ރުފިޔާ މީގެ ކުރިން ފޯރުކޮށްދީފަ އެވެ. މިގޮތުން ހިންގުމަށްހަމަޖެހިފައިވާ 45 މަޝްރޫއުގެ ތެރެއިން 17 މަޝްރޫއެއްވަނީ ނިމި އިފްތިތާހްކުރެވިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް