ads
ތިމަރަފުއްޓަށް ގަދައަށް އުދައަަރަންފެށީ ރޭ ދަންވަރު---ފޮޓޯ:ސީއެންއެމް/ތިމަރަފުށި އަލީ ޝާހް
ރޭ އަރަންފެށި އުދާގައި ތިމަރަފުށި ފެނުއަޑިއަށް، ބިމު އަޑިންވެސް ފެން އަރަނީ!
އިއްޔެ ރާއްޖޭގެ 20 އަށްވުރެ ގިނަ ރަށަށް އުދައިގެ އަސަރުކޮށް ބޮޑެތި ގެއްލުންތަކެއްވިއިރު، ތ. ތިމަރަފުއްޓަށް އުދައިގެ އަސަރުކުރަން ފުރަތަމަ ފެށީ އިއްޔެ ހަވީރު އެވެ. އޭރުވެސް އުދަޖަހަމުން ދިޔައީ ހޭޅިފަށުން ވަރަށް ކުޑަކުޑަކޮށެވެ.

ކައުންސިލުގެ ރައީސް އިސްމާއިލް އިބްރާހިމް މިއަދު "ސީއެންއެމް" އަށް ވިދާޅުވިގޮތުގައި، އެރަށަށް އުދައިގެ އަސަރު މަޑުމަޑުން ގަދަވާން ފެށީ ރޭ 10:00 ހާއިރު އެވެ. ނަމަވެސް ގާތްގަނޑަކަށް ދަންވަރު 02:00 ޖަހާކަށްހާއިރު، އަރަންފެށި އުދަޔަކީ މިހާތަނަށް އޭނާގެ ހަޔާތުގައިވެސް އެރަށަށް އަރާތީ މީގެ ކުރިން ފެނިފައިނުވާވަރުގެ ބާރުމިނުގައި އަަރަން ފެށި އުދައެއްގެ ގޮތުގައި އިސްމާއިލް ސިފަކުރެއްވި އެވެ.

"ކުރިން ވެއްޖެޔާ ރާޅު އައިސް ރަށުގެ ގޮޑުދޮށަށް ބިންދާލީމަ އޭގެ ލޮނުގަނޑު ރަށަށް ފެތުރިގެން ދަނީ. އެކަމަކު ރޭ ދަންވަރުން ފެށިގެން އަރަން ފެށި އުދަ މީގެ ކުރިން އަޅުގަނޑު ދުވަހަކުވެސް ނުދެކެން އެގޮތަށް އުދައަރަނިކޮށް. ވަރަށް ޕްރެޝަރުގައި ހުރި އެއްޗެއްވިއްޔާވެސް ހިފައިގެން ލޮނުގަނޑު އަންނަނީ،" އިސްމާއިލް ވިދާޅުވި އެވެ.

އޭރު އަރަން ފެށިއުދަ ނިމުމަކަށް އައީ ފަތިހު 05:00 ހާއިރު ކަމަށް އިސްމާއިލް ބުންޏެވެ. ނަމަވެސް އޭރު ރަށުގައި އުދައިގެ އަސަރުނުކުރާ އެއްވެސް ގެއެއް ހިކި ފަސްކޮޅެއްވެސް ނެތެވެ. ހެނދުނުވީއިރު އަޑިން ވެސް ފެން އަރަން ފެށިކަަމަށް އިސްމާއިލް ބުންޏެވެ. މިހެންވަނީ މޫދުގެ ލޮނުގަނޑު ރަށުގެ ފެންފަށަލައާއި އެއްވަރުވުމުން ނެވެ. އެމްއެންޑީއެފްގެ ޓީމުން ފެންހިއްކުމުގެ މަސައްކަތް ކުރަމުންދާއިރު، އަދިވެސް އަޑިން ފެން އަރާތީ ފެންގަނޑު ހިންދަން ދަތިވެފަވާކަމަށް އިސްމާއިލް ވިދާޅުވި އެވެ. 

" އުދައެއް އަރައިގެން ރަށަށަކަށް ލިބޭނެ ހުރިހާ ގެއްލުމެއް މިއޮތީ މިރަށަށް ލިބިފަ. އެވަރަށް އުދައަރައިފި މިރަށަށް. މުޅި ރަށް މިއޮތީ ފެނުއަޑީގައި އެންމެ ގެއެއްވެސް ނެތް ފެން ނުވަންނަ. ބައެއް ހިސާބުތަކުގައި ތިން ފޫޓަށް ދެ ފޫޓަށްވެސް އެބަހުރި ލޮނުގަނޑު. އެންމެ ކުޑަކޮށް އަސަރުކޮށްފަ އޮތް ހިސާބެއްގަވެސް އެބަހުރި އެއް ފޫޓު. އަދިވެސް ފެން އަޑިން އަރަނީ ހަމަ. އަދިވެސް އެޅެނީ އަޑިން ފެން އަރާތީ ފެން ނުހިއްކިގެން،" އިސްމާއިލް ވިދާޅުވި އެވެ.

your imageތިމަރަފުއްޓަށް އެރި އުދަ ބައެއް ހިސާބުތަކުގެ ތިން ފޫޓަށް ހުރި——ފޮޓޯ: ސީއެންއެމް/އަލީ ޝާހް، ތިމަރަފުށި

މިވަގުތު ދިޔަވަރު ކުޑަވަގުތެއް ކަމަށްވުމުން އުދައެެރުން ހުއްޓިފައިވިޔަސް މެންދުރާއި ހަމަޔަށް ދާއިރު އުދައަރާފާނެތީ ކަންބޮޑުވުން އެބައޮތްކަމަށް އިސްމާއިލް ވިދާޅުވި އެވެ. މެޓުން މިއަދު އުދައަރާނެ ކަމަށް ލަފާކޮށް ޔެލޯ އެލާޓުނެރެފައިވާ އަތޮޅުތެރޭގައި ވެސް ތ. އަތޮޅު ހިމެނެ އެވެ.

your image

ރޭ ދަންވަރު ވަރަށް ބޮޑަށް އުދައަރަމުންދިއުމުން ރަށުގެ ކުދިބޮޑު އެންމެން ނިދިން މަހްރޫމުވެ، ބިރުވެރިކަމެއްގައި މުޅި ރޭ ހޭދަކުރިކަން ވެސް އިސްމާއިލް ފާހަގަކުރެއްވި އެވެ. އަދި މިހާރު ރާއްޖޭގެ ރަށްރަށަށް އަރަމުންމިދާ އުދަޔައަކީ އާދަޔާ ހިލާފު ބާރުމިނުގައި އަރަމުންދާ އުދައެއްގެ ގޮތުގައި އޭނާ ފަހާގަކުރި އެވެ. 

އެމްއެންޑީއެެފުން މިއަދު ހެނދުނު ބުނިގޮތުގައި ތިމަރަފުއްޓަށް އުދައިގެ އަަސަރުކޮށްގެން ފެން ހިންދުމުގެ މަސައްކަތް ކުރުމަށް އެމްއެންޑީއެފުގެ ޓީމުތައް އެރަށުގައި ދަނީ ހަރަކާތްތެރިވަމުން ނެވެ. 

5%
ކަމުގޮސްފި
47%
އަޑުއެހިތާ މިހުރީ
39%
ސަތޭކައަކުން ސުމެއް
9%
ވަރަށް ސަލާމް
ކޮމެންޓްސް