ads
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނޫސްވެރިންނާއެކު --- ފޮޓޯ: ރައީސް އޮފީސް
މަސްދަރު ބިލް ތަސްދީގުނުކޮށް އަނބުރާ ފޮނުވާލުމަށް ގޮވާލައިފި
ނޫސްވެރިކަމަށް ގެއްލުންވާ ގޮތަށް ބައްޓަން ކުރެވިފައިވާ ހެއްކާ ބެހޭ ބިލަށް ބަދަލުތައް ގެނައުމަށް އެ ބިލު، ތަސްދީގު ނުކުރައްވައި އަނބުރާ މަޖިލީހަށް ފޮނުވާލުމަށް މޯލްޑިވްސް ޖާނަލިސްޓު އެސޯޝިއޭޝަން(އެމްޖޭއޭ) އާއި އެޑިޓާޒް ގިލްޑުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކިބައިން އެދިއްޖެ އެވެ.

އެކަމަށް ގޮވާލާ އެ ދެ ޖަމިއްޔާއިން ނެރުނު ޖޮއިންޓު ނޫސްޔާނެއްގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުން މިދިޔަ ބުރާސްފަތި ދުވަހު ފާސްކޮށްފައިވާ ހެއްކާ ބެހޭ ބިލުގެ 136 ވަނަ މާއްދާ އޮތް ގޮތާ މެދު އެމްޖޭއޭ އާއި އެޑިޓާޒް ގިލްޑުން ނިހާޔަތަށް ކަންބޮޑުވާ ކަމަށާއި، އެ މާއްދާ އިސްލާހުކޮށް މަސްދަރު ހާމަކުރެވޭނޭ ހާލަތްތައް މިހާރަށް ވުރެ ބޮޑަށް ހަރުކަށިކޮށްފައި ނޫނީ އެ ބިލް ތަސްދީގު ނުކުރުމަށް ރައީސް ސޯލިހަށް ގޮވާލާ ކަމަށެވެ.

ބިލްގެ 136 ވަނަ މާއްދާ މިހާރު އޮތީ، ބާރުގަދަ ބަޔަކަށް އޭގެ ނާޖާއިޒު ފައިދާ ނަގަން ފުރުސަތު ހުޅުވާލެވޭ ފަދަ ގޮތަކަށްކަން އެ ޖަމިއްޔާތަކުން ވަނީ ފާހަގަކޮށްފަ އެވެ. 

އެގޮތަށް ގާނޫނު ބައްޓަން ކުރުމަކީ ރައްޔިތުންގެ އިތުބާރު އޮތް ދައުލަތުގެ ނިޒާމެއް ގާއިމްވެފައި ނެތް ގައުމެއްގައި، ބާރާއި ނުފޫޒުގައި ތިބޭ ފަރާތްތަކަށް ނޫސްވެރިކަމުގެ ހައްގަށް ހުރަސް އަޅަން ފުރުސަތު ލިބޭ ކަމެއްކަން މާޒީއިން ވެސް ވަނީ އެނގިގެން ގޮސްފަ ކަމަށް ބަޔާނުގައި ބުނެފަ ވެއެވެ. 

"އެއީ ނޫސްވެރިޔާއާއި ނޫސްވެރިޔާގެ މަސްދަރު ވެސް ނުރައްކަލަށް ހުށަހެޅިގެންދާނެ ހާލަތެކެވެ. އަދި މިކަމުގެ ސަބަބުން ނޫސްވެރިން ޖަލަށް ލެވުމުގެ ފުރުސަތު ވެސް އޮތްކަން ފާހަގަ ކުރަމެވެ،" ބަޔާނުގައި ވެއެވެ.

މަސްދަރު ހިމާޔަތް ކުރުމަކީ ނޫސްވެރިކަމުގެ އެންމެ މުހިންމު އެއް އަސާސެވެ. ދުނިޔޭގެ ތަހުޒީބުވެފައިވާ ގައުމުތަކުގައި ފެންވަރު ރަނގަޅު ނޫސްވެރިކަން ކުރެވެނީ މަސްދަރު ހިމާޔަތް ކުރެވޭނެ ފަދަ ނިޒާމުތައް ހަރުދަނާކޮށް ބައްޓަންވެފައި އޮތުމުންނެވެ. 

ރާއްޖޭގައި އެފަދަ ހަރުދަނާ އުސޫލުތަކެއް ގާއިމް ނުކުރެވި، އެ ބިލު ގާނޫނަކަށް ވެއްޖެ ނަމަ އެއީ ރާއްޖޭގެ ނޫސްވެރިކަމުގައި ފަހަތަށް އެޅޭނެ ފިޔަވަޅެއް ކަމުގައި ދެކޭ ކަމަށާއި، އެ ބިލް ގާނޫނަކަށް ވެއްޖެ ނަމަ، ފޮރުވިގެން ތިބެ ނޫސްވެރިންނަށް މައުލޫމާތު ދޭން ތިބި، ވިސްލް ބްލޯވަރުންނަށް ވެސް މައުލޫމާތު ދޭން ފަސްޖެހޭނެ ކަން ބަޔާނުގައި ފާހަގަކޮށްފަ ވެއެވެ. 

އޭގެ ނަތީޖާއެއްގެ ގޮތުން ނޫސްވެރިންގެ މަސައްކަތަށް ހުރަސް އެޅި، ގައުމުގެ މަސްލަހަތާ ގުޅުންހުރި މައްސަލަތަކާއި، ކޮރަޕްޝަންގެ އަމަލުތަކާއި އެހެނިހެން ނޭއްގާނީ ކަންކަން ރައްޔިތުންނަށް ތިލަކުރުމަށް ހުރަސްއެޅިގެންދާނެ ކަމަށް ބަޔާނުގައި ވެއެވެ.

އެމްޖޭއޭ އިން ނާއި އެޑިޓާޒް ގިލްޑުން ގޮވާލާފައިވަނީ

  1. އެމްޖޭއޭއިން ހުށަހަޅާފައިވާ ކަރުދާހުގައިވާ ގޮތަށް، ބިލުގައި މަސްދަރު ހާމަ ކުރަން ކޯޓު އަމުރެއްގެ ދަށުން މަޖުބޫރު ކުރެވޭނެ އެއް ހާލަތް ކަމަށްވާ "ގައުމީ ސަލާމަތް" ބިލުން އުނިކުރުމަށް
  2. މަސްދަރު ހާމަކުރަން މަޖުބޫރުވާ ޓެރަރިޒަމްގެ ކުށްތަކަކީ ކޮބައިކަން ތަފްސީލްކޮށް ބަޔާންކުރުން
  3. އެގޮތުން ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ހަތް ވަނަ މާއްދާ އަދި 12 ވަނަ މާއްދާގައި ބުނާ ކުށްތަކަށް އެކަނި މަސްދަރު ހާމަކުރެވޭ ގޮތަށް ބިލްގައި ހަނިކުރުން
  4. ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސްއަކީ "އިމިނެންޓް ތްރެޓް" (ކުއްލި ބޮޑު ނުރައްކަލެއް) އޮތް ފަދަ ހާލަތެއްގައި އެކަނި މަސްދަރު ހާމަކުރަން ޖެހޭ ގޮތަށް އޮތުން ކަމަށްވާތީ، އެގޮތަށް ބިލް އިސްލާހުކުރުން
  5. ތުހުމަތު ކުރެވޭ ފަރާތްތަކަށް މަސްދަރު ހާމަކުރަން އެދުމުގެ ފުރުސަތު އޮތް އޮތުން ބިލުން އުނިކުރުމަށް
  6. "ނޫސްވެރިޔާ" މާނަކުރާ ގޮތް؛ "މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކަށް ނޫސްވެރިއެއްގެ ހައިސިއްޔަތުން" ލިބޭ މައުލޫމާތު މިގޮތަށް ބަދަލު ކުރުމަށް
  7. މަސްދަރު މާނަކުރާ ގޮތް ފުޅާކޮށް "މީޑިއާގައި މަސައްކަތްކުރާ ފަރާތްތައް ގެންގުޅޭ، ލިޔެކިޔުމާއި، ނޯޓުތަކާއި، ފޯން ކޯލާއި، ޓެކްސްޓް މެސެޖާއި، އެ ނޫންވެސް މުއާމަލާތްތަކާއި، އަރުޝީފް އަދި މިނޫނަސް، އެއެއްޗެއް ބޭނުންކޮށްގެން މަސްދަރެއްގެ ހަގީގަތް ހޯދޭނެ ހުރިހާ އެއްޗެއް ހިމެނޭ ގޮތަށް މާއްދާ ތަފްސީލްކުރަން"

ބަޔާނުގައި ވަނީ، އިންސާނީ ހައްގުތައް ހަނިކުރެވޭނެ ހާލަތްތަކުގައި ގޮތް ނިންމުމަށް މަދަނީ މިންގަނޑު ބޭނުންކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށްވާތީ، މަދަނީ މިންގަނޑުން ސާބިތުކުރަން ލާޒިމްކުރުމުގެ ބަދަލުގައި "ނެސެސިޓީ" އަދި "ޕްރޮޕޯޝަނަލިޓީ" ގެ އުސޫލުތަކުގެ ތެރެއިން ކަންކަން ސާބިތުކުރަން ބިލްގައި ލާޒިމްކުރުމަށް ހުށަހާޅާފަ އެވެ. އަދި ބިލްގެ 136 ވަނަ މާއްދާގެ (ނ) ގެ (3) ވަނަ ނަމްބަރު އުވާލަން ވެސް ވަނީ ގޮވާލާފަ އެވެ.

އަދި އެޖަމިއްޔާތަކުން ވަނީ އެ ބިލު އަބުރާ މަޖިލީހަށް ފޮނުވާލާ އިސްލާހުކުރަން އެ ޖަމިއްޔާތަކުން އެދޭ ކަންކަންވެސް ތަފްސީލުކޮށްދީފަ އެވެ. 

އެގޮތުން ނޫސްވެރިޔާގެ މަސްދަރު ހޯދުމަށް އެކަށީގެންވާ މަސައްކަތްކުރެވިފައިވޭތޯ ނުވަތަ ނޫންތޯ ބަލާ ގޮތަށް އޮތް އޮތުމަކީ ވެސް އެޖަމްއިއްޔާއިން ނުހަނު ކަންބޮޑުވާ މައްސަލައެއްގެ ގޮތުގައި ފާހަގަކޮށް، އެއިބާރާތުގެ ބަދަލުގައި، "ކުށެއް ކުރި ގޮތް ނުވަތަ ކުށްކުރި މީހަކު ހޯދުމަށްޓަކައި، މަސްދަރު ހާމަކުރަން މަޖުބޫރުކުރުން ފިޔަވާ، ތަހުގީގަށް މައުލޫމާތު ހޯދޭނެ ހުރިހާ ގޮތެއް ބޭނުންކޮށްގެން ވެސް ކަމުގެ ހަގީގަތަށް ވާސިލްނުވެވޭނެ ކަން ސާބިތުވުމާއެކު، ހަމައެކަނި ކުރިއަށް ދެވެން އޮތް ގޮތަކީ މަސްދަރު ހާމަކުރަން މަޖުބޫރުކުރުން ކަމަށް ވުން" މިގޮތަށް ބަދަލުކުރުމަށް ވެސް އެދިފަ އެވެ.

މީގެ އިތުރަށް މަސްދަރު ހާމަކުރުމާ މެދު ކޯޓުން ގޮތެއް ކަނޑައަޅާއިރު، އެކަމުގެ ބަހުސްގެ މަރުހަލާގައި މަސްދަރުގެ ހަގީގަތް އެނގޭ ނޫސްވެރިޔާ ނުވަތަ މީޑިއާގެ މަސައްކަތްކުރާ ފަރާތަށް ކޯޓުގައި ވާހަކަދައްކާ، ހެކިބަސް ދިނުމުގެ ފުރުސަތު ދިނުމުގެ އުސޫލެއް އެމާއްދާގެ ތަފްސީލުގައި ބަޔާންކުރުމަށް ވެސް ވަނީ އެދިފަ އެވެ.

ބިލް މަޖިލީހަށް ފާސްކުރީ އެމްޖޭއޭއިންނާއި އެމްއެމްސީއިން ނޫސްވެރިންގެ ހައްގުގައި ބިލަށް ހުށަހެޅި އިސްލާހުތަކަށް އެކަށީގެންވާ ގޮތެއްގައި ބެލުމެއް ނެތި އެވެ. ކޮމިޓީގައި ހަ މަސް ވަންދެން އޮތް މި ބިލު ދައުރު ނިމެން ކައިރިވެފައި ވަނިކޮށް އަވަސްކޮށްލައިގެން ފާސް ކުރި އިރު، ކޮމިޓީއިން ގެންނަން ބޭނުންވާ އިސްލާހުތަކަށް ހިޔާލު ހުށަހެޅުމަށް އެކަށީގެންވާ ވަގުތެއް ވެސް ދީފައެއް ނުވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް