ads
އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އައިމިނަތު ޝައުނާ-- ފޮޓޯ: ސަން
ފާޑުކިޔުންތަކާއެކު ޓީއެމްއޭއަށް ލަފާދޭ ކުންފުނިން ޝައުނާގެ ނަން އުނިކޮށްދޭން އެދިއްޖެ
ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އަށް ލަފާދޭ ކުންފުންޏެއްގައި ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އައިމިނަތު ޝައުނާގެ މަސްލަހަތު އޮންނަ ކަމަށް ފެތުރުނު އަޑުތަކާއެކު އޭނާއަށް ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮށް ކުންފުނީގެ ހިއްސާ ދޫކޮށްލުމުން ވެސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ އޭނާކަމަށް އޮތް އޮތުން ބަދަލުކޮށްދޭން އިކޮނޮމިކް މިނިސްޓްރީގައި ޝައުނާ އެދިވަޑައިގެންފި އެވެ.

ސޯޝަލް މީޑިއާގައި އާންމުވި މައުލޫމާތުތަކަށް ބަލާއިރު ޝައުނާއަކީ ޓީއެމްއޭއަށް ލަފާދޭ ކުންފުނި، އެޓޯލް ކޮމިއުނިކޭޝަންގެ މެނޭޖިން ޕާޓްނަރެކެވެ. އަދި ޕާޓްނަރުގެ ގޮތުގައި ހިމެނެނީ ޝައުނާގެ ފިރިކަލުން މުހައްމަދު ތޯރިގް ހާމިދެވެ. އޭނާގެ 50 ޕަސެންޓް ހިއްސާ ވެސް އެ ކުންފުނީގައި އޮވެ އެވެ. 

އެހެންވެ، ޝައުނާގެ މަސްލަހަތު އޮންނަ ކަމަށް ބުނެ ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮށް ޝައުނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އެ ތުހުމަތުތައް އޭނާ ދޮގު ކުރައްވާފަ އެވެ. އަދި ވިދާޅުވީ އެޓޯލް ކޮމިއުނިކޭޝަންސްގައި އޭނާގެ އެއްވެސް ރޯލެއް އަދި ހިއްސާއެއް ވެސް ނެތް ކަމަށެވެ.

ނަމަވެސް ޝައުނާ އެގޮތަށް ވިދާޅުވި ނަމަވެސް އެ ކުންފުންޏާ އޭނާއާ ދެމެދު ގުޅުން އޮންނަކަން ހާމަކޮށް އެކަމުގެ ގިނަ މައުލުމާތުތަކެއް ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ. 

އެގޮތުން އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ ގޮތުގައި ޝައުނާގެ ނަން އޮތްކަމަށް ފެންނަ މައުލޫމާތުތައް އާންމުވެ ޝައުނާ ވަނީ އެޓޯލް ކޮމިއުނިކޭޝަންގެ މެނޭޖިން ޕާޓްނަރުގެ މަގާމުން އޭނާ ވަކިވެވަޑައިގަތް ނަމަވެސް އެގޮތަށް ވެބްސައިޓުގައި ފެންނަން އޮންނަ އޮތުން ބަދަލުކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

އެ ކުންފުނީގައި ޝައުނާގެ ހިއްސާ މިހާރު ނެތް ނަމަވެސް ބައެއް ފަރާތްތަކުން އަންނަނީ އެ ކުންފުނީގައި އޭނާގެ ފިރިކަލުން މަސައްކަތް ކުރެއްވުމަކީ ވެސް މަސްލަހަތަށް ފުށުއަރާ ކަމެއް ކަމަށް ބުނެ ފާޑުކިޔަމުންނެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި އެމްއޭސީއެލުން އިމާރާތްކުރަމުން އަންނަ އާ ސީޕްލޭން ޓާމިނަލުގެ ބޮޑު ބައެއް ޓީއެމްއޭއަށް ދޭން އުޅޭކަމުގެ އަޑުތަކާއި ގުޅިގެން ގިނަ ބަޔަކު ސަރުކާރަށް ވެސް ފާޑުކިޔުންތައް އަމާޒުކުރަމުން އަންނައިރު އެމްއޭސީއެލުން އާޓާމިނަލާ ގުޅިގެން ޓީއެމްއޭއަށް 2017 ގައި ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ އާ ޓާމިނަލުން ޓީއެމްއޭއަށް 10.35 ޑޮލަރު އަކަފޫޓަކަށް ޖެހޭ ގޮތަށް 31،000 އަކަމީޓަރުގެ ޖާގަ ދޭން އެމްއޭސީއެލްގެ ބޯޑުން ނިންމާފައިވާ ކަމަށެވެ.  

އޭގެ އިތުރުން، ބިމުގެ ކުލީގެ އިތުރުން ޓާމިނަލް ބޭނުންކުރާ ކޮންމެ ޕަސެންޖަރަކަށް ފަސް ޑޮލަރުގެ ޗާޖެއް ވެސް ނަގަން ޖެހޭ ގޮތަށް ކަމަށް ސިޓީގައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވާހަކަ ދައްކަވާފައިވެއެވެ. އެގޮތުން ވިދާޅުވީ އެއާޕޯޓް ބާރަށް ހިންގަން ފެށުމަށް ސަރުކާރާއި ޓީއެމްއޭއާ ދެމެދު، އެއްބަސްވެފައިވާ ގޮތަށް ސީޕްލޭން ޓާމިނަލުގެ ކަންކަން ނިންމުން މުހިއްމު ކަމަށް ވިދާޅުވި އެވެ.

އެގޮތަށް ވިދާޅުވުމާއި ގުޅިގެން ފާޑުކިޔުންތައް އަމަޒުވެފައިވަނިކޮށް ރައީސް ނަޝީދު ލިޔުއްވައި ސޮއިކުރައްވާފައިވާ ސިޓީއެއްގައި ވިދާޅުވީ އާ ސީޕްލޭން ޓާމިނަލް ޓީއެމްއޭއަށް ދިނުމުގައި އެއްވެސް ދައުރެއް ނޯންނާނެ ކަމަށާއި އެ ދެ ކުންފުންޏާއި އެމަނިކުފާނާ ވެސް ގުޅުމެއް ނެތް ކަމަށެވެ.  

އެ ސިޓީގައި ވިދާޅުވީ އެއާޕޯޓާ ގުޅޭ ވާހަކަތައް އެމޭރުމުން ދައްކަވަނީ އެމަނިކުފާނުގެ ނަޒަރުގައި އެއާޕޯޓްގެ މައްސަލަ އަވަހަށް ނުނިމިއްޖެނަމަ ރާއްޖޭގެ އިގްތިސާދަށް ބޮޑު ގެއްލުމެއް ވެދާނެ ކަމަށް ގަބޫލުކުރައްވާތީ ކަމަށެވެ.

40 މިލިއަން ޑޮލަރު (616.8 މިލިއަން ރުފިޔާ) ހަރަދުކޮށްގެން ތަރައްގީކުރަމުން އަންނަ އެ ސީޕްލޭން ޓާމިނަލް، ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު ކަމަށްވާ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އަށް ކުއްޔަށް ދޭން އުޅޭކަމުގެ އަޑުތަކާއެކު އެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. 

ސީޕްލޭން ޓާމިނަލް ގެ އަމަލީ މަސައްކަތް މި އަހަރުގެ ޖެނުއަރީ 29 ގައި ފެށިއިރު 14000 އަކަ ފޫޓު ހުންނަ އެ ޓާމިނަލް ގެ މަސައްކަތް ކުރަން ހަވާލުކޮށްފައި ވަނީ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން (ބީޔޫސީޖީ) އާ އެވެ.

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް