ads
ކުޅުދުއްފުށީ މާލި ޕެރޭޑް
ފޮޓޯގަނޑަކުން މަށިމާލި ޕެރޭޑްގައި ވާނުވާއެއްނޭގޭނެ: ކުޅުދުއްފުށީ މޭޔަރު
ހދ. ކުޅުދުއްފުށި މަށިމާލި ޕެރޭޑްގައި އިޖްތިމާއީ މިންގަނޑާއި ދުރު މާލިތައް ފެންނަނީ، އެމާލިތައް ހަދަނީ އެންމެން އެއްތަނެއްގައި ތިބެގެން ކަމަށް ނުވާތީ ކަމަށާއި، ސޯޝަލް މީޑިއާއިން ފެންނަ ފޮޓޯގަނޑަކުން ވާނުވާއެއް ނޭނގޭނެ ކަމަށް އެ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.
އަލްހާ އީދު ފާހަގަ ކުރުމަށް ކުޅުދުއްފުށީގައި މިއަހަރު ކުރިއަށް ގެންދިޔަ "މާލި ޕެރޭޑް" ގައި އިޖްތިމާއީ މިންގަނޑާއި ހިލާފު ކަންކަން ފެންނަ ކަމަށްބުނެ ގިނަ ބަޔަކު ވަނީ ފާޑުކިޔާފަ އެވެ. 

އެގޮތުން ފިރިހެނުން އަންހެނުން ހެދުން އަޅައިގެން އުޅޭ މާލި ތަކާ، ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ދީނީ ކަންކަން ފެތުރުމަށް ހަރަކާތްތެރިވާ ފަރާތްތައްވެސް ރަމްޒުކޮށްދޭ މާލި ތައް ކުޅުދުއްފުށިން ވަނީ ނެރެފަ އެވެ. 

އިސްލާމީ އުންމަތައް އަންނަ މާތް އީދެއް ފާހަގަކުރުމަށް، މާތްﷲ އެންގަވާފައިވާ އަހްލާގީ އަދި ދީނީމިންގަނޑުތަކާއި ހިލާފަށް އަންހެނުން ފިރިހެން ހެދުން އަޅާ، ފިރިހެނުން އަންހެން ހެދުން އަޅައިގެން އުޅޭ މަންޒަރު ފެންނާތީ ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. އަންހެނުން ފިރިހެން ހެދުން އެޅުމާއި، ފިރިހެނުން އަންހެން ހެދުން އެޅުމަކީ މާތްﷲ ޤުރުއާނުގައި ކަނޑައެޅިގެން ހަރާމްކުރައްވާފަވާ ކަމެކެވެ. 

މިކަމުގެ ކަންބޮޑުވުންތަކާއިއެކު ބައެއް ނޫސްތަކުންވެސް ހަބަރުތައް ޝާއިއުކޮށްފަވަނިކޮށް، އެ ސިޓީގެ މޭޔަރު މިއަދު ފޭސްބުކުގައި ޖެއްސެވި ޕޯސްޓެއްގައި ވަނީ އެކަމަށް ރައްދުދެއްވާފަ އެވެ. 

"މީސް މީޑިއާއިން ފެންނަ ފޮޓޯގަނޑަކުން ކުޅުދުއްފުށި މަށިމާލި ޕެރޭޑްގައި ވާނުވާއެއް ނޭގޭނެ ކަމަށް ވިދާޅުވެ، ޖައްސަވާފައިވާ އެ ޕޯސްޓުގައި އާތިފް ވިދާޅުވީ، މަށިމާލި ޕެރޭޑަކީ މާއްޔާއި ފުޅަނދު އަދި މެސެޖުގެގޮތުން މުއްސަނދި ހަރަކާތެއް ކަަމަށެވެ. 

ޒަމާނުންސުރެ އެ ޕެރޭޑްގައި މަށިމާލީގެ އިތުރުން ބޭރު އަދި ދިވެހި މަޝްހޫރު ސަހުސިއްޔަތުތަކާއި، ސިޔާސީ ފަރާތްތަކާއި، ހާދިސާތަކުގެ ރޯލްޕްލޭ ޑްރާމާތަކުގެ އިތުރުން ސިޔާސީ ފަރާތްތަކުން ވެފައިވާ ވައުދުތަކާއި، ޤައުމުގަ ހިނގާ ކަންކަމާމެދު މީހުން ދެކޭގޮތަކާއި، މޫވީ ކެރެކްޓަސް، އަދި ދުނިޔެއާއި ރާއްޖޭގައި އެދުވަސްވަރު އެންމެ ޓްރެންޑިން ކަންކަން ދައްކުވައިދޭ މާއްޔާއި ފުޅަނދު ފެނިގެންދާ ކަމަށެވެ.

ނަމަވެސް އެ ޕެރޭޑުން ދޭ މެސެޖުތައް އެހެން ރަށްރަށުގެ މީހުންނަށް ފަހުމު ނުވެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަދި ގިނަފަހަރު ހުށަހެޅުންތައް ފެނިގެންދަނީ ސަމާސާ ހެއްވާ ލާނެތް ގޮތްތަކަށެވެ. ފަހަރުގަ އެ ދޭ މެސެޖް އެހެން ރަށްރަށުގެ ރައްޔިތުންނަށް ފަހުމުވުމުގައި އުނދަގޫ ގޮތްތަކެއްވެސް ހުރެދާނެކަން އަޅުގަނޑުމެންނަށް އެނގޭ ސަބަބަކީ ރަށުގެ ބަހުރުވައިން ދައްކާ ވާހަކަވެސް އެހެން ދިވެހީންނަށް ފަހުމު ވުމުގައި ދަތިތަކާ ކުރިމަތިވާތީ އެވެ.
އެހެންނަމަވެސް މަށިމާލި ޕެރޭޑަކީ އެއްތަނެއްގައި އެއްބަޔަކު ތައްޔާރުކުރާ މާލި ތަކަކަށް ނުވުމުން ބައެއް އަހަރުތަކުގައި އާންމު އިޖްތިމާއީ މިންގަނޑު ތަކާ ދުރު މާލި މަދުންނަމަވެސް ޕެރޭޑާ ގުޅޭކަން ފާހަގަ ކުރެވެ އެވެ." އާތިފް ވިދާޅުވި އެވެ.
އާތިފް ވިދާޅުވީ، އެކަންކަން ކުޑަކުރުމަށްޓަކައި ޕެރޭޑްގެ އިންތިޒާމް ކޮމެޓީއާއި ކައުންސިލްގެ ފަރާތުން އަންނަނީ އިރުޝާދުތައް އާންމުންނަށް ފޯރުކޮށްދެމުން ކަމަށެވެ. 

އަދި ނޫސްތަކުގައި ޕެރޭޑާ ބެހޭގޮތުން އާޓިކަލް ލިޔުއްވަން ބޭނުންފުޅުވާ ބޭފުޅުން ކުރިއަށް އޮތްތަނުގައި ކުޅުދުއްފުއްޓަށް ވަޑައިގެން ރަނގަޅަށް ޕެރޭޑު ހިނގާ ނުހިނގާ ގޮތް ބެއްލެވުމަށްފަހު، ނުވަތަ ޕެރޭޑުގައި ވާނުވާ އޮޅުންފިލުވުމަށްފަހު ލިއުންތައް ތައްޔާރުކޮށް އާންމުކުރުމަށް އޭނާ އެދިފަ ވެއެވެ. 

your imageމޭޔަރު މުހައްމަދު އާތިފް--

މި ޕެރޭޑަށް އަމާޒުވަމުންދިޔަ ފާޑުކިޔުންތަކާއި ގުޅިގެން އެކި ނޫސްތަކުން ވަނީ އާޓިކަލްތައް ޝާއިއުކޮށްފަ އެވެ. ފޮޓޯގަނޑަކުން މަށިމާލި ޕެރޭޑްގައި ވާނުވާއެއްނޭގޭނެ ކަމަށް މޭޔަރު ވިދާޅުވިއިރު، އެރަށުގެ ބައެއް ރަށްޔިތުންވެސް ވަނީ އިއްޔެ ޕެރޭޑުގައި އިޖްތިމާއީ މިންގަނޑާއި ހިލާފު މާލިތައް ހުރުމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެެވެ.

އެގޮތުން މި ޕެރޭޑާއި ގުޅިގެން "ސީއެންއެމް" އާއި ވާހަކަ ދެއްކި އުމުރުން ދުވަސްވީ ކުޅުދުއްފުށި ރައްޔިތަކު އިއްޔެ ބުނީ، ފެނިގެން ދަނީ، ސަގާފީ ކަންކަން ކަމަށްބުނެ، ބޮޑެތި މުންކަރާތްތަކަށް އަރައިގަންނަމުންދާ މަންޒަރު ކަމަށާއި، އީދު ފާހަގަ ކުރާކަމަށްބުނެ އެވަރު ކަންކަން ކުރުން ހެޔޮ ނުވާނެ ކަމަށެވެ. 

އަދި އެކަން ނުކުރުމަށް އެތައް ފަހަރަކު ކައުންސިލަށްވެސް އެދުނު ކަމަށާއި، އެހެން ނަމަވެސް އެކަންކަމަށް ނުބަލާ މިފަހަރުވެސް މާލީގެ ގޮތުގައި މީހުންނަށް މަލާމާތްކޮށް ހެދީ ކަމަށް ބުނެ އޭނާ ކަންބޮޑުވުން ފާޅުކޮށްފަ ވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް