ads
ކޮށީގައި ފާނަ އާލާކުރުމުގެ މަޝްރޫއެއް އދ. އަތޮޅުގައި ފަށަނީ
ކޮށީގައި ފާނަ އާލާކުރުމަށް ތަޖުރިބާކުރުމުގެ ޕްރޮޖެކްޓެއް އދ. އަތޮޅުގައި ހިންގުމަށް ފިޝަރީޒް މިނިސްޓްރީން ނިންމައިފި އެވެ.

ތަޖުރިބާ ކުރުމުގެ ގޮތުން ހިންގާ މި ޕްރޮޖެކްޓުގެ ދަށުން، އދ. އަތޮޅުގެ އޮމަދޫ އާއި ދިގުރައަށް އަދި ދަނގެއްޗާއި މަހިބަދޫގައި މި ޕްރޮޖެކްޓް ހިންގުމަށްޓަކައި 19 ފަރާތަކަށް މިދިޔަމަހު ފާނަކޮށި ދޫކޮށްފައިވާކަމަށް މިނިސްޓްރީން ބުނެ އެވެ. 

ފިޝަރީޒް މިނިސްޓްރީން ބުނީ، ފާނަ ކޮށި ލިބިފައިވާ ފަރާތްތަކަށް އަމާޒުކޮށްގެން މިމަހުގެ 20 އަދި 22 ގެ އދ. މަހިބަދޫގައި ތަމްރީން ޕްރޮގްރާމެއް ބާއްވަން ނިންމާފައިވާ ކަމަށެވެ. 

މިނިސްޓްރީން ބުނީ މި ތަމްރީން ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ފާނަކޮށީގެ މަސްވެރިކަމަށް ޝައުގުވެރިވާ އދ. އަތޮޅުގެ ހުރިހާ ރައްޔިތުންނަށް އޮންނާނެ ކަމަށެވެ. އެގޮތުން ޝައުގުވެރިވާ ފަރާތްތަކުން އެރަށެއްގެ ރަށު ކައުންސިލް މެދުވެރިކޮށް އދ. އަތޮޅު ކައުންސިލުގައި ނަން ލިސްޓުކުރުމަށް މިނިސްޓްރީން އަންގަ އެވެ.

ކޮށީގައި ފާނަ އާލާކުރުމަށް ތަޖުރިބާކުރުމުގެ މަޝްރޫއަކީ ފިޝަރީޒް މިނިސްޓްރީ އާއި ވޯލްޑް ބޭންކާއި ގުޅިގެން ހިންގާ "ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓު"ގެ ދަށުން ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއެކެވެ.

އެގޮތުން މި ޕްރޮޖެކްޓްގެ މަގްސަދަކީ އިގްތިސާދު ކުރިއެރުވުމާއި އާމްދަނީ އިތުރުކުރުމުގެ އިތުރަށް ވަޒީފާ އުފެއްދުމުގެ ވަސީލަތެއްގެ ގޮތުގައި ބައެއް އަތޮޅުތަކުގައި މެރިކަލްޗާ ތަރައްގީ ކުރުމެވެ. 

އދ. އަތޮޅުގައި ކުރިއަށް ގެންދާ މި މަޝްރޫއުގެ ނަތީޖާއަށް ބެލުމަށް ފަހު މި ޕްރޮގްރާމު އިތުރަށް ފުޅާކުރުމަށް މަސައްކަތް ކުރާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް