ads
މުހައްމަދު އިސްމާއީލް ހައްޔަރުކޮށްގެން ގެންދަނީ..
މުހައްމަދު އިސްމާއީލުގެ ބަންދު އިސްތިއުނާފު ބަލައި ނުގަންނަން ނިންމައިފި
ޔޯގާ ޑޭ ފާހަގަ ކުރުމަށް މާލޭގައި ބޭއްވި ހަރަކާތަށް ހުރަސް އަޅާ، އެ ދުވަހު ހިނގި ހަމަނުޖެހުން ތަކާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި، ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ބަންދުކުރި މައްސަލަ އޭނާގެ ފަރާތުން ހައިކޯޓަށް އިސްތިއުނާފް ކުރުމަށް ހުށަހެޅި މައްސަލަ ބަލައި ނުގަތުމަށް ހައިކޯޓުން ނިންމައިފި އެވެ.

ގަލޮޅު ދަނޑަށް ވަދެ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރި މުހައްމަދު އިސްމާއިލްގެ ބަންދުގެ މުއްދަތު އެކިފަހަރު މަތިން ކޯޓުން ވަނީ އިތުރުކޮށްފަ އެވެ. އެންމެ ފަހުން އޭނާގެ ބަންދަށް 30 ދުވަސް ވަނީ އިތުރުކޮށްފަ އެވެ. 

އެކަމާއި ގުޅިގެން އޭނާގެ ފަރާތުން ހައިކޯޓަށް އެ މައްސަލަ އިސްތިއުނާފް ކުރުމަށް ހުށަހެޅީ، މިމަހުގެ 21 ވަނަ ދުވަހު އެވެ. އެ ދުވަހު މުހައްމަދު އިސްމާއީލްގެ ފަރާތުން އޭނާގެ ބަންދު ފުރަތަމަ ދަމަހައްޓާފައި ވަނީ، (ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ) ދަށުން ކަމަށް ބުނި ނަމަވެސް، ފަހުން ބަންދުގެ މުއްދަތު އިތުރު ކުރީ، ޖިނާއީ އިޖުރާއާތުގެ ދަށުން ކަމަށް ވުމުން އެ އަމުރަކީ ގާނޫނާއި ހިލާފު އަމުރެއް ކަމަށްވަނީ ބުނެފަ އެވެ. 

އޭނާގެ ފަރާތުން ހުށަހެޅި މައްސަލަ އާއި މެދު ގޮތެއް ނިންމަމުން، ހައިކޯޓުން ވަނީ، ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނާއި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނެފައިވާ ކަމެއް ދިމާވެއްޖެނަމަ 15 ދުވަހަށް ވުރެއް އިތުރު ނުވާ ގޮތަށް ބަންދުގައި ބެހެއްޓިދާނެ ކަމަށް ބުނެފަ އެވެ. އަދި ދަށު ކޯޓަކުން އެ ކޯޓަށް ލިބޭ އިހުތިޔާރުގެ ތެރެއިން ކަމެއް ނިންމުމުން މަތީ މަރުހަލާގެ ކޯޓަކުން އެކަމުގެ ތެރެއަށް ވަންނަން ވާނީ ދަށު ކޯޓުގެ ފަނޑިޔާރު ގޮތް ނިންމީ ރަނގަޅު ނޫން އުސޫލަކަށް ބިނާކޮށްގެން ކަމަށްވުމުން ނުވަތަ، ދަށު ކޯޓުގެ ފަނޑިޔާރު އިޖ+ހުތިޔާރުކުރި ގޮތް ނިންމުމުގައި ކަނާނުބެހޭ ކަންކަމަށް ރިއާޔަތްކޮށްފައިހުރެގެން ނުވަތަ، ދަށު ކޯޓުގެ ފަނޑިޔާރު ގޮތް ނިންމުމުގައި ރިއާޔަތްކުރި ވާގިއާތަކުގެ ހަގީގަތަށް ފަނޑިޔާރަށް އޮޅިފައި އޮތުމުން ނުވަތަ، ރިއާޔަތްކުރަންޖެހޭ ކަމަކަށް ރިއާޔަތްކޮށްފައި ނެތުމުން ނުވަތަ އެކަށީގެންނުވާ ކަމެއް ނުވަތަ ބޭއިންސާއެއް އެ ނިންމުމުން މެދުވެރިފައި އޮތުމުންކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާ ކަމަށެވެ. 

އަދި އިތުރަށް ފާހަގަކޮށްފައިވަނީ ހާއްސަ ގާނޫނަކުން މުއްދަތު އިތުރުކޮށްފައިވާ ފަރާތެއްގެ ބަންދުގެ މުއްދަތުގެ އާންމު ގާނޫނަކުން އިތުރުނުކުރެވޭނެކަމަށް މުހައްމަދު އިސްމާއީލުގެ ފަރާތުން ފާހަގަކުރި ނަމަވެސް އެކަމަށް ބާރުދޭ ގާނޫނީ ނައްސެއް ހުށަހަޅާފައިނުވާ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ވަނީ 21 މީހަކު ހައްޔަރު ކޮށްފަ އެވެ. އެހެން ނަމަވެސް އޭގެ ތެރެއިން ބައެއް މީހުން ބަންދުން ދޫކޮށްލާފައި ވާއިރު، އޭގެ ތެރެއިން ބައެއް މީހުންގެ ބަަންދަށް 60 ދުވަސް ޖަހާފައިވާކަން ފާހަގަ ކޮށްލެވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް