ads
ރައްޔިތުންގެ މަޖިލިސް--
#އެމްޕީރިކޯލްއެކްޓް: މަޖިލިސް މެމްބަރުން މަގާމުން ވަކިކުރެވޭ ބިލަށް ތާއީދު ހޯދަނީ!
މަޖިލިސް މެމްބަރަކާ މެދު ދާއިރާގެ ރައްޔިތުންގެ އިތުބާރު ގެއްލިއްޖެ ނަމަ، އެ މެމްބަރަކު މަގާމުން ވަކި ކުރުމުގެ ބާރު ރައްޔިތުންނަށް ލިބިދޭ އިސްލާހުގެ ބިލަށް ތާއީދުކޮށް ސޯޝަލް މީޑިއާގައި ކެމްޕޭން ކުރަން ފަށައިފި އެވެ.

ގާނޫން އަސާސީއަށް ގެންނަން ޖެހޭ އިސްލާހުގެ ބިލް މިހާރު ޑްރާފްޓުކޮށް ނިމިފައި ވާއިރު، އެ މަސައްކަތުގައި އުޅުއްވި ގާނޫނީ ވަކީލް ހަމްޒާ ހަލީލް ވިދާޅުވީ ބިލް މަޖިލީހަށް ވެއްދުމަށް ސޯޝަލް މީޑިއާގައި ތާއީދު ބޭނުންވާ ކަމަށެވެ. 

"މި ވަގުތު ސޯޝަލް މީޑިއާގައި މާ ބޮޑު ސަޕޯޓެއް ނެތް [ބިލް] މަޖިލީހަށް ވެއްދުމަށް މިއަށް ވުރެ ބޮޑު ތަރުހީބެއް ބޭނުންވޭ،" ހަމްޒާ ކުރެއްވި ޓްވީޓެއްގައި ވެއެވެ. 

އެއާއެކު #MPrecallact ހޭޝްޓެގް ބޭނުންކޮށްގެން، އެމީހަކު ނިސްބަތްވާ ދާއިރާއެއްގެ މެމްބަރަކު ޓެގުކޮށް، އާއްމުން ދަނީ އެފަދަ އިސްލާހަކަށް ތާއީދު ކުރާކަން ހާމަކުރަމުންނެވެ. 

ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރަމުންދާ ބައެއް މީހުން ބުނެފައި ވަނީ އެފަދަ އިސްލާހެއް ވެގެން ދަނީ މަޖިލިސް މެމްބަރުން ޒިންމާދާރު ކުރުވުމަށް ރައްޔިތުންނަށް ލިބިގެންދާނެ ބާރަކަށް ކަމަށެވެ. 

އެކަމާ ގުޅިގެން ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މެމްބަރުންގެ ގޮނޑި ގެއްލޭ ފަދަ އިސްލާހަކަށް އޭނާ ތާއީދު ކުރާ ކަމަށެވެ. 

"އަޅުގަނޑަށް ހީވަނީ ހަމްޒާ ހަލީލް މި ވަގުތު ބޭނުން ވަނީ އެ ދާއިރާގެ މެމްބަރު މެދުވެރިކޮށް މި އިސްލާހު މަޖިލީހަށް ހުށަހަޅުއްވަންހެން. އެކަން އެގޮތަށް ނުކުރެވޭ ނަމަ، އަދި އޭނާއަށް [ހަމްޒާ] އަޅުގަނޑުގެ އެހީ ބޭނުންވާ ނަމަ، މިކަން ކުރަން ތައްޔާރު،" އުޝާމް ވިދާޅުވި އެވެ. 

ހަމްޒާ ނިސްބަތްވާ ގަލޮޅު އުތުރު ދާއިރާގެ މެމްބަރަކީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެވެ. ހަމްޒާ ވަނީ މަޖިލިސް އިންތިހާބުގައި އީވާއާ ދެކޮޅަށް ވާދަވެސް ކުރައްވާފަ އެވެ. 

ހަމްޒާ ކުރިން ވިދާޅުވެފައި ވަނީ އީވާ މެދުވެރިކޮށް އިސްލާހު ހުށަހެޅުމަށް މަސައްކަތްކޮށް، ކާމިޔާބު ނުވެއްޖެ ނަމަ، އެހެން މެމްބަރެއް މެދުވެރިކޮށް އެކަން ކުރައްވާނެ ކަމަށެވެ. 

އެ އިސްލާހު މަޖިލީހުން ފާސް ކުރުމަށް މަޖިލިހުގެ ތިންބައިކުޅަ ދެބައި މެމްބަރުންގެ ތާއީދު ބޭނުންވާނެ އެވެ. އެއީ މިހާރުގެ ތިއްބެވި 87 މެމްބަރުންގެ ތެރެއިން 58 މެމްބަރުންނެވެ. 

ގާނޫނު އަސާސީއަށް ގެންނަން ބޭނުންވާ އިސްލާހުގެ ހުލާސާ:

  • އިސްލާމްދީނުގެ އަސްލަކާއި، ގާނޫނު އަސާސީ އާއި ގާނޫނާއި ހިލާފުވާ މެމްބަރަކު ވަކި ކުރެވިދާނެ
  • މެމްބަރު ކަމުގައި ހުރެ ކުރުން އެކަށީގެން ނުވާ ފަދަ ކަމެއް ކޮށްފި ނަމަ ވަކި ކުރެވިދާނެ
  • މެމްބަރުގެ މަސްއޫލިއްޔަތު އަދާ ނުކުރެވޭ ނަމަ ވަކި ކުރެވިދާނެ
  • ގައުމީ މަސްލަހަތަށް ވުރެ ސިޔާީ ޕާޓީއެއްގެ މަސްލަހަތަށް އިސްކަންދޭ ނަމަ ވަކި ކުރެވިދާނެ
  • މެމްބަރާ މެދު އިތުބާރު ގެއްލިއްޖެ ނަމަ، ވޯޓަށް ދިޔުމަށް، ދާއިރާގެ ތިންބައި ކުޅަ އެއްބައި މީހުން ސޮއިކޮށްފައިވާ ލިޔުމެއް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހޭނެ
  • ލިޔުން ހުށަހަޅާތާ 45 ދުވަހުގެ ތެރޭގައި އެ ދާއިރާއެއްގެ ރައްޔިތުންގެ މެދުގައި މެމްބަރު މަގާމުން ވަކި ކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ބާއްވަން ޖެހޭނެ
  • މެމްބަރު ގޮނޑީގައި ބައިންދަން ނުފެންނަ ކަމަށް ގިނަ މީހުން ވޯޓުލައިފި ނަމަ، ގޮނޑި ގެއްލޭނެ
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް