ads
ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް -- ފޮޓޯ: މަޖިލިސް
މެންބަރުން ވަކިކުރަން ހުށަހަޅާ ބިލަށް ތާއީދުކުރާނަން: އުޝާމް
ރައްޔިތުންގެ މަޖިލީހުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގާ، މެންބަރު ކަމުން ވަކިކުރެވޭނެ ގޮތަށް އެކުލަވާލާ ބިލަށް ތާއީދުކުރައްވާނެ ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

އުޝާމް މިހެން ވިދާޅުވީ ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ގަލޮޅު އުތުރު ދާއިރާއަށް ވާދަކޮށް، ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވި ގާނޫނީ ވަކީލް ހަމްޒާ ހަލީލް އެކުލަވާލައްވާ ބިލަށް ތާއީދުކޮށްދެއްވުމަށް ވިލިމާލެ ދާއިރާއަށް ނިސްބަތްވާ ޒުވާނަކު އެ ބިލަށް ތާއީދުކޮށްދެއްވުމަށް އުޝާމަށް ގޮވާލުމުންނެވެ. 

ހަމްޒާ އެކުލަވާލައްވާ ބިލަކީ މެންބަރަކު މަޖިލީހަށް އިންތިހާބުވުމަށްފަހު ދައުރުގެ މެދުތެރެއިން އެ މެންބަރެއްގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް އެ މެންބަރަކު އިންތިހާބުވި ދާއިރާގެ ރައްޔިތުންނަށް ފުރުސަތު ލިބޭ ބިލެކެވެ. 

މިބިލްގައި ވަނީ މެންބަރު އިންތިހާބުވި ދާއިރާގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތިންބައިކުޅަ އެއްބައި މީހުން ސޮއިކޮށްފައިވާ ލިޔުމެއް އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ހުށަހެޅިދާނެ ކަމަށެވެ. އެ ލިޔުން ހުށަހަޅާތާ 45 ދުވަސް ތެރޭގައި އެ މެންބަރު މަގާމުން ވަކިކުރުމާ މެދު ދާއިރާގެ އާންމު ރައްޔިތުންގެ މެދުގައި ވޯޓު ނަގަންޖެހޭނެ ކަމަށްވެސް ބިލްގައި ހިމަނަން ވަނީ ނިންމާފަ އެވެ. 

ހަމްޒާ އިއްޔެ ވިދާޅުވީ މިބިލަށް އަދި މިހާތަނަށް ލިބިފައިވަނީ ވަރަށް ކުޑަ ތަރުހީބެއް ކަމަށެވެ. ނަމަވެސް މިބިލް މަޖިލީހަށް ހުށަހެޅުމަށް މިހާރަށް ވުރެ ބޮޑު ތަރުހީބެއް ބޭނުންވާ ކަމަށްވެސް ވިދާޅުވި އެވެ. 

ހަމްޒާގެ މިވާހަކަތަކާއި ގުޅިގެން އުޝާމް ވިދާޅުވީ މިބިލަށް އޭނާ ފުރިހަމައަށް ތާއީދުކުރައްވާ ކަމަށެވެ. މަޖިލީހަށް އަމިއްލަ ގޮތުން އިންތިހާބުވެފައިވާ އުޝާމް ވިދާޅުވީ ހަމްޒާ އެންމެ ފުރަތަމަ މަސައްކަތްކުރަންވީ އޭނާގެ މެންބަރު އަދި މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ މެދުވެރިކޮށް އެ ބިލް މަޖިލީހަށް ހުށަހެޅުއްވޭތޯ ކަމަށެވެ. އެކަން ކާމިޔާބު ނުވާ ހާލަތުގައި ހަމްޒާ އެހީތެރިކަމަށް އެދިވަޑައިގެންފިނަމަ އެކަމުގައި އެހީތެރިވުމަށް ތައްޔާރަށް ހުންނެވި ކަމަށްވެސް ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނަރަލް އުޝާމް ވަނީ ވިދާޅުވެފަ އެވެ. 

ދައުލަތުގެ ތިން ބާރުގެ ބޭފުޅުން މަގާމުން ވަކިކުރެވޭނެ ގޮތްތަކެއް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާއިރު ރައީސުލްޖުމްހޫރިއްޔާއާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަގާމުން ވަކިކުރުމުގެ ބާރު މަޖިލީހުގެ މެންބަރުންނަށް ލިބިގެންވެ އެވެ. ނަމަވެސް މެންބަރުން ވަކިކުރުމުގެ ބާރު، މެންބަރުން އިންތިހާބު ކުރާ ރައްޔިތުންނަށް ލިބިފައި ނުވާތީ ބައެއް މީހުން ގެންދަނީ ރައްޔިތުން ބޭނުންވާނަމަ މެންބަރުން ވަކިކުރެވޭނެ ގޮތްތަކެއް އޮންނަންޖެހޭނެ ކަމަށް ބުނަމުންނެވެ.

80%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް