ads
މަތީ ތައުލީމާއި ތަމްރީންގެ ފައިސާގެ އެހީ ދިނުމުގެ އުސޫލަށް ހެޔޮ ބަދަލުތަކެއް
މަތީ ތައުލީމާއި ތަމްރީންގެ ފައިސާގެ އެހީ ދިނުމުގެ އުސޫލަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހެޔޮ ބަދަލުތަކެއް ގެނެސްފި އެވެ.

ޑރ. އިބްރާހިމް ހަސަން މިކަން ހާމަކުރައްވާފައިވަނީ، މިއަހަރު އަލަށް އިއުލާނު ކުރާ މަތީ ތައުލީމާއި ތަމްރީންގެ ލޯން ފުރުސަތުގެ ތަފްސީލު ހާމަކުރުމަށް ބޭއްވި ޕްރެސް ކޮންފަރެންސެއްގައެވެ. އެގޮތުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ، މަތީ ތައުލީމާއި ތަމްރީންގެ ފައިސާގެ އެހީ ދިނުމުގެ އުސޫލަށް ބޮޑެތި މުހިންމު ބަދަލުތަކެއް ގެނެސްފައިވާކަމަށެވެ.

އެގޮތުން ބަދަލުގެނައި ކަންތައްތަކުގެ ތެރޭގައި ލޯން ދިނުމުގައި އިސްކަންދޭ ކަންތައްތަކަށް ބަދަލުގެނެސްފައިވާކަން މިނިސްޓަރު ހާމަކުރެއްވި އެވެ. އިސްކަންދޭ ތަރުތީބުގައި އެންމެ މުހިންމު ކަމަކަށް އޮތީ، މާލީ ފުދުންތެރިކަން ކުޑަ ފަރާތްތަކަށް އިސްކަން ދިނުންކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތިބި ދަރިވަރުންނަށް ލޯނުގެ ފުރުސަތު ފަހިވެގެންދާ ގޮތަށް ލޯނުގެ އުސޫލު ބަދަލުކޮށްފައިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ކޮންމެ އިންތިހާބީ ދާއިރާއަކުން އެއްދަރިވަރަކަށް ޝަރުތުހަމަވާނަމަ ލޯނުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

މީގެ އިތުރުން، އަގުބޮޑެތި ކޯސްތައް ހަދަމުންދިޔަ ދިޔަ ދަރިވަރުންނަށް ކުރިން ސަރުކާރުން ކުޑަ ފައިސާގެ އެހީއެއް ދީފައިވާކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ، އެމްބިބިއެސް ކޯސްތައް ހަދަމުންދިޔަ ކުދިންނަށް އެއްލައްކަ ރުފިޔާގެ އެހީދީފައިވާކަމަށެވެ. އަދި އެ ފައިސާ ލިބުމުން ލޯނުގެ ފުރުސަތު ލިބުން ބަންދުވެފައި އޮންނަކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެހެން ނަމަވެސް މަތީ ތައުލީމާއި ތަމްރީންގެ ފައިސާގެ އެހީ ދިނުމުގެ އުސޫލަށް ގެނައި ބަދަލުގެ ތެރޭން ކިޔަވަމުންދާ ކޯހުގައި ފައިސާގެ އެހީ ސަރުކާރުން ދެއްވާފައި ވީނަމަވެސް އެ އެހީއިން ކޯހުގެ ކިޔެވުން ފުރިހަމަނުކުރެވި ވާނަމަ ލޯނަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ. 

މީގެ އިތުރުން ލޯނަށް ހުށަހަޅާއިރު ސަނަދުތަކުގައި ދެން އަސްލާއި އެއްގޮތް ތައްގަނޑު ޖަހަން ނުޖެހޭނެ ކަމަށްވެސް މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވި އެވެ. އަދި ސަނަދުތައް ހުށަހަޅާނީ ޕޯޓަލް މެދުވެރިކޮށް ކަމަށާއި، ލޯނުލިބުނުކަން އެންގުމުން ލޯނާއި ހަވާލުވާން އަންނައިރު އަސްލު ސަނަދާއި އަސްލާއި އެއްގޮތް ތައްގަނޑު ޖަހާފައި އޮތް ސަނަދު ގެންނަންޖެހޭނެ ކަމަށް ވިދާޅުވި އެވެ. 

މީގެ އިތުރުން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ، 550 ލޯނުގެ ފުރުސަތަށް ހުޅުވާލައިފައިވާކަމަށެވެ. އަދި މިއީ ކުރީ އަހަރުތަކާއި އަޅާބަލާއިރު ނިސްބަތުން އިތުރު އަދަދެއްކަން ފާހަގަކުރެއްވި އެވެ، އަދި މިއަހަރުގެ ފަހު ކޮޅުގައި ލޯނުގެ އިތުރު ބުރަކަށް އިއުލާނު ކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. 

550 ލޯނުގެ ފުރުސަތު ބެހޭ ބައިތައް:

  • ޑިޕްލޮމާ ފެންވަރުގެ 45 ފުރުސަތު
  • ލައިސެންސް ޕްރޮގްރާމް ތަކަށް 30 ފުރުސަތު 
  • ފުރަތަމަ ޑިގްރީއަށް 252 ފުރުސަތު
  • މާސްޓާޒް ލެވެލްއަށް 126 ފުރުސަތު
  • ޕީއެޗްޑީ އަށް 10 ފުރުސަތު
  • މަޖިލީހުގެ 87 ދާއިރާއަށް ފުރުސަތު (ދާއިރާ އަކުން ކުއްޖަކު)

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ 550 ލޯނަށް ޖުމުލަ 151 މިލިއަން ރުފިޔާ ބަޖެޓް ކޮށްފައިވާކަމަށެވެ. އަދި ލޯނަށް ކުރިމަތި ލުމަށް ތިން ހަފްތާގެ ފުރުސަތު ހުޅުވާލާފައިވާކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް